މާލޭ މަގުމަތީގައި ހިނގާފައި ދިޔަ އަންހެން މީހާގެ ކަރުގައި އޮތް ރަން ފަށް ފޭރިގަތް މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ ހައްޔަރުކުރީ ގދ. ތިނަދޫ، އޯކިޑްމާގޭ މުހައްމަދު ޝަމްލީން، 32، އެވެ. މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފައެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ކުށުގެ ރިކޯޑު ގިނަ، ޝަމްލީން ބަންދުގައި ބަހައްޓަން އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާކަމަށެވެ. އެގޮތުން އޭނާ ފޭރޭތަން ފެންނަ ސީސީޓީވީ ފުޓޭޖް ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ މައްސަލައިގައި އިއްޔެ ވަނީ ފޭރޭ މަންޒަރު ފެންނަ ވީޑިއޯގައި ސައިކަލު ދުއްވަން އިން މީހާވެސް ހައްޔަރު ކޮށްފައެވެ. އައީ މ. ކަކޮޅަސް މުހައްމަދު އަލްތާފް 30، އެވެ.

އިއްޔެ ބޭއްވި މުއްދަތު މަޖިލީހުގައި އަލްތާފް ބުނީ އޭނާގެ މަންމަ އަކީ ބަލި މީހެއް ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިނަމަ ވަޒީފާ ގެއްލިދާނެތީ ބަންދުން ދޫކޮށްދިނުމަށް އަލްތާފް އެދުނެވެ.

އޭނާ ކޯޓުގައި އެހެން އެދުން ނަމަވެސް، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ނިންމައި އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ.

ޝަރީއަތުގައި އަލްތާފް ބުނެފައި ވަނީ އޭނަގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދީފައިވާނެކަމަށެވެ. އަދި ވަގަށް ނެގި ފަށް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ ފަށް ވިއްކި ތަން ވެސް ދެއްކީ އޭނާ ކަމަށް އަލްތާފް ބުންޏެވެ. އެ ފަށް ފުލުހުން ހޯދާފައި ވަނީ ރަންހަދާ ތަނަކަށް ވިއްކާލާފައި ވަނިކޮށެވެ.

އެއީ އޭނާގެ ބައިވެރިވުން ނެތްކަމެއް ކަމަށް އަލްތާފް ބުނިނަމަވެސް، މައްސަލާގައި ފުލުހުން ހުށަހަޅާފައިވާ ލިޔުންތަކާއި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓް ތަކަށް ބަލާއިރު އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ޝަރީއަތަށް ބެލެވޭކަމަށް ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައިވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ފަށް ފޭރޭތަން ފެންނަ ވީޑިއޯގައި، ދިލްބަހާރު މަގުން ބިދޭސީ އަންހެންމީހާ ހިނގާފައި ދަނިކޮށް ސައިކަލުގައި އައި ދެ މީހުން އޭނާއާ ކައިރިކުރުމަށް ފަހު އޭނާގެ ކަރުގައި އޮތް ފަށް ޖަހައިގަނެއެވެ. ވީޑިއޯއިން ސައިކަލުގައި ތިބި ދެމީހުންގެ މޫނު ރީއްޗަށް ފެންނައިރު، ސައިކަލުގެ ނަންބަރު ވެސް ފެނެއެވެ. ފަށް ޖަހައިގަތުމުން އަންހެން މީހާ ހުރީ ޝޮކެއްގައިކަން ސާފުކޮށް އެނގެއެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު އާންމުންވަނީ ފަށް ފޭރުނު ދެ މީހުންގެ ވަނަވަރު ސޯޝަލް މީޑިއާގައި އަންމުކޮށްފައެވެ.