ފަސް މެންބަރުންގެ ސިވިލް ސާވިސް ކޮމިޝަން ]ސީއެސްސީ[ އިން ހުސްވެފައިވާ ގޮނޑިއަށް ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ސީއެސްސީގެ ފަސް މެންބަރުންގެ ތެރެއިން އަބްދުﷲ ޖިހާދަށް ފިނޭންސް މިނިސްޓަރަކަން ދެއްވުމާ ގުޅިގެން ކޮމިޝަނުން ހުސްވެފައިވާ ގޮނޑިއަށް ނުވަ ބޭފުޅަކު ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ސީއެސްސީގެ މެންބަރުކަމަށް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ހަފްތާއަކަށް ފުރުސަތު ހުޅުވާލުމާ ގުޅިގެންނެވެ.

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލެއްވީ، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު، ސ. ފޭދޫ، ސަނީލޭންޑް ޝެރީނާ އަބްދުއްސަމަދާއި ސިވިލްސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ހުޅުމާލެ ފްލެޓް 01-G-62 ޒަކަރިއްޔާ ހުސައިނާއި ފައިނޭންސް މިނިސްޓްރީގެ ކުރީގެ ނައިބު، މއ. ވިކްޓްރީ މުހަންމަދު އާމިރާއި މެދު ދެކުނު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މ. ސީވޯލް އަހްމަދު މުޖުތަބާ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ ސުޕްރިންގްޑެންޓް، ހ. ވައިޓްޑަޔަމަންޑް ޖަމީލާ އަލީ ހާލިދު އާއި މަތި އުތުރު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ވ. ރަންދި މުހަންމަދު ހުނައިފާއި މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް، ހ. ވަޅުފެހި ހިންނާ ހާލިދު އާއި އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ، ހއ. ކެލާ އިރުދޭމާގެ ޒުބައިރު މުހަންމަދުގެ އިތުރުން މ. ބިލާލުގެ އަބްދުﷲ ޝިނާހު އެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންފުޅުތައް ތަރުތީބުކޮށް ދިރާސާ ކުރާނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީނެވެ. އަދި އެ ކޮމެޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެ ނަންފުޅުތައް އިތުރަށް ދިރާސާ ކުރެއްވުމަށް ފަހު މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހަޅާނެ އެވެ. އެއަށް ފަހު އެ ނަންފުޅުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެތިބި މެންބަރުންގެ އަޣުލިއްޔަތުން ފާސް ކުރާ މެންބަރަކު ކޮމިޝަންގެ މެންބަރު ކަމަށް ހޮވާނެ އެވެ.

ސިވިލް ސާވިސްގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަންވާނީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ގާބިލްކަން ހުރި މީހުންގެ ތެރެއިން ވަކި ޝަރުތުތަކެއް ހުރި މީހުންނެވެ. އެއީ ދިވެއްސަކަށް ވުމާއި މުސްލިމަކު ކަމުގައިވުމާއި ބުއްދި ސަލާމަތުން ހުރުމާއި އުމުރުން 30 އަހަރު ވެފައިވުމެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި އިންތިހާބު ކުރާ މަގާމެއްގައި ފުރަމުންދާ މީހެއް ކަމުގައި ނުވުމެވެ. އަދި އެއްވެސް އެހެން ވަޒީފާއެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުމާއި ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލް ކުރުމަށް ފަހު ސަރުކާރު ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގަމުންދާ ދާއިރާއެއްގައި މަދުވެގެން 10 އަހަރު ހިދުމަތްކޮށްފައިވުމެވެ.