18 Aug 2022, 12:43
ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލް ވަޒީފާއަށް ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ 16:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ފުލުހުން ނެރުނު އިއުލާނުގައި ވަނީ އެ ވަޒީފާއަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ވަޒީފާއަށް ހުށަހަޅާ މިީހަކީ ގްރޭޑް 10 ނިންމާފައިވާ މީހަކަށް ވުމާއި މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި ފިރިހެނެއް ނަމަ އިސްކޮޅު 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުމެވެ.
ހަމައެއާއެކު، ވަޒީފާއަށް ކުރިމަތިލާ މީހަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
މީގެ އިތުރުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުމާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާ އަދި ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވާންޖެހެއެވެ.
ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި އެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުން ފާސްވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް އަދި ކުރެވޭ އިންޓަވިއު އާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން ހިމެނެއެވެ.
އެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00އިން 16:00 އަށެވެ.
ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިން ރިސެޕްޝަނުންނާއި ފުލުހުންގެވެބްސައިޓްއިން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.