މާލޭގައި މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

އެކަމާ ގުޅިގެން ހަތަރު ޒުވާނުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ދެ ޒުވާނުންނާއި 27 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނެކެވެ.

އެ ހަތަރު ޒުވާނުން ހައްޔަރު ކޮށްފައިވަނީ ދެ ސައިކަލެއްގައި ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހުންގެ އަތުގައި ހުރި ދަގަނޑުބުރިތަކެއް މަގުމައްޗަށް އުކާލި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނެފައިވަނީ އެތަނުން އެކެއްގެ ޖީބުން ކުޑަ ވަޅިއެއް ފެނިފައިވާ ކަމަށެވެ.

ހަތަރު މީހުންގެ ބަންދަށް ވެސް ވަނީ ހަތް ދުވަސް ކްރިމިނަލް ކޯޓުން އިތުރު ކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި ވަނީ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލާފައެވެ. މަންޒަރުދުށް މީހުން ބުނީ އެ މާރާމާރީ ހިންގީ ދަގަނޑާއި ދަނޑި ބުރިތައް ބޭނުންކޮށްގެން ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ޒުވާނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.