29 Mar 2012, 13:15
ފްރާންސްގެ އޮލިމްޕިކް މާސޭ އަތުން 2- 0 އިން މޮޅުވެ ޖަރުމަންގެ ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކުރުމުގެ މަގު ތަނަވަސް ކޮށްފި އެވެ.
ރަށުން ބޭރުގައި ބަޔާން މިއުނިކުން ކުޅުނު މިމެޗުގައި އެޓީމަށް ގޯލްތައް ކާމިޔާބު ކޮށްދިނީ ޖަރުމަންގެ ފޯވަޑް މާރިއޯ ގޯމޭޒާއި ހޮލެންޑްގެ އާޔެން ރޮބެން އެވެ.
ރޭގެ މެޗަށްފަހު ބަޔާންގެ ކޯޗު ޔުޕް ހެއިންކެސް ބުނީ، މޮޅު ޓީމަކާ ދެކޮޅަށް ކުޅެ، ބައިކޮޅަށް ގޯލެއް ނުވަދެ މެޗުން މޮޅުވުމުން، ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
'އަހަރެން މިހިރީ ވަރަށް ހިތް ހަމަޖެހިފައި. ކުޅުންތެރިންގެ ކުޅުމާމެދު ވަރަށް ހިތް ހަމަޖެހޭ. އިދިކޮޅު ފްރާންސްގެ އޮލިމްޕިކް މާސޭއަކީ ބަލިޓީމެއްނޫން. ކުއާޓާފައިނަލާ ހިސާބަށް ވެސް އެޓީމަށް ދަތުރު އެކުރެވުނީ މޮޅު ޓީމަކަށް ވާތީ. މެޗުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން އަހަރެންގެ ޓީމުން ހިފިކަމުގެ ނަތީޖާ މިއޮތީ ފެނިފަ" ކޯޗު ހެއިންކެސް ބުންޏެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބަޔާންގެ، ޖަރުމަންގެ ފޯވަޑް މާރިއޯ ގޯމޭޒާ ބުނީ، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ލީޑް ނެގުމުން ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ލިބުނު ކަމުގެ ނަތީޖާއަކަށްވީ، ދެ ވަނަ ހާފުގައި ލީޑް ފުޅާކުރުން ކަމަށެވެ.
" މާސޭ ކޮޅަށް ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގުމުން އަހަރެން ހުރީ ވަރަށް އުފަލުން. ބޭނުންވީ ދެ ވަނަ ހާފުގައި ލީޑް ފުޅާކުރުމަށް ޕާސިން ގޭމެއް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުމަށް. ބޭނުންވި ގޮތަށް ދެ ވަނަ ހާފުގައި ނަތީޖާ ނެރެވުނު. މިލިބުނު ކާމިޔާބީގެ ފަހަތުގައި ޓީމުގެ ހުރިހާ ކުޅުން ތެރިން ޝާމިލްވާނެ" ގޯމޭޒާ ބުންޏެވެ.