17 Aug 2022, 23:16
ވަޒީފާ ގެއްލިދާނެތީ ބަންދުގެ މުއްދަތު އިތުރުނުކޮށްދިނުމަށް މަގުމަތިން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ފޭރުމުގައި ބައިވެރިވި މީހާ ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މ. ކަކޮޅަސް މުހައްމަދު އަލްތާފް 30، އެވެ. . އޭނާ އަކީ ފަށް ފޭރޭ މަންޒަރު ފެންނަ ވީޑިއޯގައި ސައިކަލު ދުއްވަން އިން މީހާއެވެ.
އިއްޔެ ބޭއްވި މުއްދަތު މަޖިލީހުގައި އަލްތާފް ބުނީ އޭނާގެ މަންމަ އަކީ ބަލި މީހެއް ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިނަމަ ވަޒީފާ ގެއްލިދާނެތީ ބަންދުން ދޫކޮށްދިނުމަށް އަލްތާފް އެދުނެވެ.
އޭނާ ކޯޓުގައި އެހެން އެދުން ނަމަވެސް، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ނިންމައި އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ.
ޝަރީއަތުގައި އަލްތާފް ބުނެފައި ވަނީ އޭނަގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދީފައިވާނެކަމަށެވެ. އަދި ވަގަށް ނެގި ފަށް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ ފަށް ވިއްކި ތަން ވެސް ދެއްކީ އޭނާ ކަމަށް އަލްތާފް ބުންޏެވެ. އެ ފަށް ފުލުހުން ހޯދާފައި ވަނީ ރަންހަދާ ތަނަކަށް ވިއްކާލާފައި ވަނިކޮށެވެ.
މިކަމުގައި އޭނާގެ ބައިވެރިވުން ނެތްކަމެއް ކަމަށް އަލްތާފް ބުނިނަމަވެސް، މައްސަލާގައި ފުލުހުން ހުށަހަޅާފައިވާ ލިޔުންތަކާއި، ސީސީޓީވީ ފުޓޭޖްގެ ސެނެޕްޝޮޓް ތަކަށް ބަލާއިރު އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ޝަރީއަތަށް ބެލެވޭކަމަށް ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައިވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވި ފަށް ފޭރޭތަން ފެންނަ ވީޑިއޯގައި، ދިލްބަހާރު މަގުން ބިދޭސީ އަންހެންމީހާ ހިނގާފައި ދަނިކޮށް ސައިކަލުގައި އައި ދެމީހުން އޭނާއާ ކައިރިކުރުމަށް ފަހު އޭނާގެ ކަރުގައި އޮތް ފަށް ޖަހައިގަނެއެވެ. ވީޑިއޯއިން ސައިކަލުގައި ތިބި ދެމީހުންގެ މޫނު ރީއްޗަށް ފެންނައިރު، ސައިކަލުގެ ނަންބަރު ވެސް ފެނެއެވެ. ފަށް ޖަހައިގަތުމުން އަންހެން މީހާ ހުރީ ޝޮކެއްގައިކަން ސާފުކޮށް އެނގެއެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު އާންމުންވަނީ ފަށް ފޭރުނު ދެ މީހުންގެ ވަނަވަރު ސޯޝަލް މީޑިއާގައި އަންމުކޮށްފައެވެ.
މި ވީޑިއޯގައި ފަށް ފޭރޭމީހާ ހައްޔަރުކުރި ކަމަކަށް ފުލުހުން އަދި ނުބުނެއެވެ.