17 Aug 2022, 20:44
ޖީއެސްޓީ ބޮޑުކުރާ ބިލް ހިމެނޭހެން 30 ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލްތަކުގެ ލިސްޓެއް މަޖިލީހަށް މިއަދު ވަނީ ފޮނުވާފައެވެ.
އެ ލިސްޓުގައިވާ ބިލްތަކުގެ ތެރޭގައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.
މީގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ހެލްތް ސާވިސަސްގެ ބިލާއި ހައްޖާއި އުމްރާގެ ބިލް ފާހަގަ ކުރެވެއެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް ފަދަ ބިލްތައް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލްތަކުގެ ލިސްޓުގައި ހިމެނޭ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ރައްޔިތުންގެ ފާޑު ކިޔުން އަމާޒުވަމުން އަންނަ ބިލެކެވެ.
ސަރުކާރުން ހުށަހަޅަން އުޅެނީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރާށެވެ. އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރާށެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ދައުލަތަށް މާލީ ގޮތުން ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، ކުރިއަށް އޮތް ތަކުގައި ކުރިމަތިލާންޖެހޭ ދަތިތައް ގިނަ ވާނެ ކަމަށެވެ. ކަން އެހެން އޮތުމުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރު ކުރުމަށް ޓަކައި ފިޔަވަޅުތަކެއް އަޅަން އެބަ ޖެހޭކަމަށެވެ.
ދައުލަތުގެ ޚަރަދާއި އާމްދަނީ ދެކޮޅުޖައްސައި، ފިސްކަލް ހާލަތު ރަނގަޅުކުރުމަށް ޓަކައި އަޅާނެ ފިޔަވަޅުތައް ފިނޭސް މިނިސްޓްރީން ވަނީ މިދިޔަ ޖުލައި މަހުގެ ހަ ވަނަ ދުވަހު ހާމަ ކޮށްފައެވެ.
އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމާއި ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުމެވެ. އަދި ސަބްސިޑީ ރިފޯމްކުރުމާއި ސަރުކާރު ކުންފުނިތައް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމާއި އިތުރު މަޝްރޫއުތައް ފެށުން މަޑުޖައްސާލުމުގެ އިތުރުން ހިންގުމުގެ ޚަރަދުތައް ކޮންޓްރޯލް ކުރުން ހިމެނެއެވެ.