17 Aug 2022, 20:36
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް އިއްޔެ ވިލިމާލެ ފަރަށްއެރި ޕްލެޓްފޯމް އެތަނުން ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން، ވިލިމާލޭގެ އިރުދެކުނު ކަންމަތީގައި ޖެހުމަށް ހަމަޖެހިފައިވާ ތަނބުގެ ބައެއް މަސައްކަތް ކުރުމަށް އެ ސަރަހައްދުގައި "ސެލްފް އެވިލޭޓިން ޕްލެޓްފޯމް"އެއް ބެހެއްޓުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އަދި އެ ޕްލެޓްފޯމް ފަރަށް އެރީ ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިކަމާ ގުޅިގެން މި ވަގުތު ކުރެވެމުން ދަނީ މި ޕްލެޓްފޯމް އެ ސަރަހައްދުން ނެގުމުގެ މަސައްކަތް،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ސަރަހައްދަކީ މީގެކުރިން ވެސް އެފަދަ ޕްލެޓްފޯމެއް ބަހައްޓައިގެން އެ ތަނބުގެ ޑިޒައިނަށް ބޭނުންވާ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން ކުރިއަށްގެންގޮސްފައިވާ ސަރަހައްދެއްކަމަށެވެ.
ބްރިޖްގެ ޕްލެޓްފޯމް ފަރަށްއެރި ހާދިސާއާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހީމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ ބްރިޖް ޕްލެޓްފޯމުން ފަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް މިހާތަނަށް ފަރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ދެނަގަނެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފަރަށް ގެއްލުމެއް ލިބިފަވާނަމަ ބަޔަކު ޖޫރިމަނާ ކުރާނެތޯ ނުވަތަ އެކަންކަން ކުރިއަށް ދާނީ ކިހިނެއްތޯވެސް ބުނެދެން އިނގޭނީ މިހާރު ބަލާ ކަންކަން ނިމުނީމަ. ލިބުނު ގެއްލުމަށް ބަލާފަ އިނގޭނީ ޖޫރިމަނާ ކުރާނަމަ ކުރާނެ ވަރެއްވެސް ބުނަން. އަދި ނޭނގެ އެހެން ބުނާކަށް،" ނައީމް ވިދާޅުވިއެވެ.
އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުުލުހުން ބުންޏެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިމަހުގެ ދެވަނަ ދުވަހު އެ މަޝްރޫއުގެ ބިންގާވަނީ އަޅުއްވާފައެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރުމަށް ބޭނުން ކުރަމުން އައި ޕްލެޓްފޯމެއް ފަރަށް އަރާފައިވާއިރު، މިފަދަ ހާދިސާތަކުގައި ފަރުތަކަށް ލިބޭ ގެއްލުމަށް އީޕީއޭއިން ބޮޑެތި ޖޫރިމަނާތައް ކުރެއެވެ.