ފެބުރުއަރީ އަށް ވަނަ ދުވަހު މާލެ އާއި އަތޮޅުތަކުގައި އެމްޑީޕީ އިން ކުރި މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، ފަސް ރަށެއްގައި އެ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ތުހުމަތު ކުރާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ފެބުރުއަރީ އަށް ވަނަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ޝަރީއަތަށް ފޮނުވާފައި ވަނީ ށ. މިލަންދޫ އާއި، ހއ. ދިއްދޫ އާއި، އެއަތޮޅު އިހަވަންދޫ އާއި ހދ. ކުޅުދުއްފުށި އަދި ޏ. ފުވައްމުލަކުގައި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ކަމަށެވެ. ނަމަވެސް ޝަރީއަތަށް ފޮނުވާފައި ވަނީ ކިތައް މީހުންގެ މައްސަލަ ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އެ ފަސް ރަށުގައި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ އެއްވެސް މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލަތައް ހުށަހަޅާފައި ވަނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށްކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެމީހުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ ފުލުހުންނަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ އާއި ފުލުހުންނަށް ހަމަލާދޭން އުޅުމުގެ ކުށުގެ ދައުވާ އާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީގެ ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ އަދި ކޯޓަށް ހުށަހަޅާފައި ނުވާކަމަށާއި، އެ މައްސަލަތައް ކޯޓަށް ހުށަނާޅާ މަޑުޖައްސާލީ ފުލުހުންގެ ތަހުގީގު އަދި މުޅިން ފުރިހަމަވެފައި ނުވާތީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ.

އައްޑޫ ސިޓީގައި ސަރުކާރުގެ އިމާރާތްތަކުގައި ރޯކޮށްލާފައިވާ އިރު، ގދ. އަތޮލުކައުންސިލް އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި ތިނަދޫ ޕޮލިސް ސްޓޭޝަނުގައި ވެސް ވަނީ ހުޅުޖަހައި ބޭނުން ނުކުރެވޭވަރަށް އަންދާލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ތިނަދޫން ގިނަ ބަޔަކު ހައްޔަރުކުރުމަށް ފަހު ފުލުހުން މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.