ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާންކޮށްފިއެވެ.

އިއްޔެ ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް އާއްމުކޮށް އަންގާ އިއުލާނުކުރާ ކަމަށެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގައާއި ފައިނޭންސްކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން ޑޮލަރު ކަމަށް އެ އިއުލާނުގައިވެއެވެ.

ހަމައެއާއެކު އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އިކުއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނޭ ކަމަށްވެސް އެ މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ޕްރޮޕޯސަލް ހުށަހަޅާއިރު ފައިނޭންސްކުރުމަށް ހުށަހަޅާ އެއާޕޯޓަކީ ކޮބައިކަން ބަޔާން ކުރަންވާނެކަމަށް ބުނެފައެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ތަރައްގީކުރާ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނެނީ:

  • ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު

  • ށ. ބިލެތްފަހި - 23.6 މިލިއަން ޑޮލަރު
  • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
  • ފ. މަގޫދޫ -8.2 މިލިއަން ޑޮލަރު
  • ރ. އަތޮޅު ދެކުނުބިތުގައި - 23.6 މިލިއަން ޑޮލަރު

މިއީ އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާނުކުރި ތިން ވަނަ ފަހަރެވެ.

އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފުރަތަމަ ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ދެވަނަ ފަހަރަށް އިއުލާނުކުރީ ވެސް ބީލަމުގައި އަގު ކުރެވޭނެ އެންމެ ދަށް އަގެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ އަދަދު ތިން މިލިއަން ޑޮލަރަށް ދަށްކުރުމަށް ފަހުގައެވެ.

މިނިސްޓްރީން ނެރުނު އެންމެ ފުރަތަމަ އިއުލާނުގައި ވަނީ އެއާޕޯޓު ހަދަން ފައިނޭންސް ކުރުމަށް މަދުވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ ހަ ރަށުގެ ޑޮމެސްޓިކް އެއާޕޯޓު ހެދުމަށް ތިން ވަނަ ފަހަރަށް ހުޅުވައިލީ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު"އަށް އައި ބަދަލަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން އެއާޕޯޓު ހެދުމަށް ކުރިން ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލް ބާތިލު ނުވާނެ ކަމަށާއި އެ މީހުން އަލުން ޕްރޮޕޯސަލް ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވަނީ ޖުމުލަ 12 ފަރާތަކުން އެއާޕޯޓް ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.