ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން އައި ޕްލެޓްފޯމެއް ފަރަށް އަަރައި ހިނގި ހާދިސާގައި، ފަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އެ ޕްލެޓްފޯމް އިއްޔެ މެންދުރު ފަރަށް އެރިކަން ވިލިމާލެ ފުލުހުންނަށް ފާހަގަވެގެން ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ ބްރިޖް ޕްލެޓްފޯމުން ފަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް މިހާތަނަށް ފަރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ދެނަގަނެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަރަށް ގެއްލުމެއް ލިބިފަވާނަމަ ބަޔަކު ޖޫރިމަނާ ކުރާނެތޯ ނުވަތަ އެކަންކަން ކުރިއަށް ދާނީ ކިހިނެއްތޯވެސް ބުނެދެން އިނގޭނީ މިހާރު ބަލާ ކަންކަން ނިމުނީމަ. ލިބުނު ގެއްލުމަށް ބަލާފަ އިނގޭނީ ޖޫރިމަނާ ކުރާނަމަ ކުރާނެ ވަރެއްވެސް ބުނަން، އަދި ނޭނގެ އެހެން ބުނާކަށް،" ނައީމް ވިދާޅުވިއެވެ.

އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުުލުހުން ބުންޏެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިމަހުގެ ދެވަނަ ދުވަހު އެ މަޝްރޫއުގެ ބިންގާވަނީ އަޅުއްވާފައެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރުމަށް ބޭނުން ކުރަމުން އައި ޕްލެޓްފޯމެއް ފަރަށް އަރާފައިވާއިރު، މި ފަދަ ހާދިސާތަކުގައި ފަރުތަކަށް ލިބޭ ގެއްލުމަށް އީޕީއޭއިން ބޮޑެތި ޖޫރިމަނާތައް ކުރެއެވެ.