17 Aug 2022, 00:53
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެއްބާރުލުން ނުދީ ނިޒާމީ ވޯޓު ނެގުމަށް ފުރުސަތު ނުދީފި ނަމަ، 42 ޕަސެންޓް މީހުން އެމްޑީޕީއަށް ވޯޓު ނުދޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން މިރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ، ނެގެން އޮތީ 112،000 ވޯޓު ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނު އަބަދުވެސް ހިސާބު ޖައްސަވަނީ ސިޔާސީ ހަގީގަތަށް ބައްލަވައިގެންނެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެ ނަމަ އެމްޑީޕީ މެމްބަރުންގެ ތެރެއިން 42 ޕަސެންޓް މެމްބަރުން ސަރުކާރަށް ވޯޓެއް ނުދޭނެ. އެއީ 47،000 މީހުން. 112،000 އިން. 47،000 ނެގީމާ، ބާކީ ސަރުކާރަށް މި އޮތީ 65،000 ވޯޓު. އެއީ ޖުމްލަ ވޯޓު ލާ މީހުންގެ 27 ޕަސެންޓު. މިއީ ވިޔަ އަކުރުގެ ބޮޑު ހަގީގަތެއް. ހިސާބުން ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައެވެ.
އެމްޑީޕީގެ މެމްބަރުންނަށް ރައީސް ނަޝީދު މިރޭ ވިދާޅުވީ ބުއްދިވެރިކަމާއެކު ކޮންގްރެސް އިން އަމަލު ނުކޮށްފި ނަމަ ޕާޓީގެ މިސްރާބު ހުރީ ޚަރާބުގެ މަގަށް ކަމަށެވެ.
"އަޅުގަނޑު ދެކޭނީ އެމްޑީޕީ މެމްބަރުންނަކީ ވިސްނުންތެރި، ބުއްދިވެރި ބައެއްގެ ގޮތުގައި. އެހެންވީމަ ރަނގަޅު ނަތީޖާ، އިރާދަ ކުރެއްވިއްޔާ އެބޭފުޅުން ނެރޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ ތާއީދާއެކު ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.
އެގޮތުން، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ އާންމުންގެ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ހުށަހަޅުއްވާފައިވެއެވެ. އަދި މަޖިލިސް އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައި، ޕާޓީއަށް ޚާއްސަކުރެވޭ ނޭޝަނަލް ލިސްޓުގައި މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ހުށަހަޅުއްވާފައިވެއެވެ.
މީގެ އިތުރުން، ސަރުކާރު ހިންގާ ވަޒީރުންގެ މަޖިލީހަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެެއިން އެކުލަވާލެވޭ މަޖިލީހަކަށް ހެދުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެ، އިތުރު ނުވާނޭހެން ހިފެހެއްޓުމަށް ވެސް ހުށަހަޅާފައިވެއެވެ.
އެއާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމުގައި ކަނޑައަޅާ، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ސިފަތައް ގާނޫނުގައި ހިމެނުމަށް ވެސް ހުށަހަޅާފައިވެއެވެ.
އެ ގަރާރު ހުށަހެޅި ސަބަބުތައް ކަމުގައި ބުނެފައިވަނީ ގާނޫނު އަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިވާ ގޮތުން، އެއް ޕާޓީއެއް އެކަނި ވެރިކަމަށް އިންތިޚާބުވެ، މުތުލަގު ބާރުތަކާ އެކު ވެރިކަން ހިންގުމަކީ ނާދިރު ކަމެއް ކަމަށް ވެފައިވާ ކަމަށާއި، އެމްޑީޕީން ވެރިކަމަށް އައުމަށް އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުން، ސަރުކާރާ މެދު އާންމު މެންބަރުންގެ އިތުބާރު ކުޑަވެފައިވުމެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފައްޓަވާފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2008 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ނިންމާފައިވަނީ ރިޔާސީ ނިޒާމު ބޭއްވުމަށް ފެންނަ ކަމަށެވެ.
ބަރުލަމާނީ ނިޒާމް އޮންނަ ބައެއް ގައުމުތަކުގެ ތެރޭގައި ރޫމޭނިއާ، ޕޮލެންޑް، ޕާކިސްތާން، އިނގިރޭސި ވިލާތް، މެލޭޝިއާ، ޖަޕާން، އިޓަލީ، އިންޑިއާ، ޖަރުމަން، އޮސްޓްރޭލިއާ، ތުރުކީ، ސިންގަޕޫރު، ސާބިއާ، އިޒުރޭލް، ޑެންމާކު އަދި ބަނގުލަދޭޝް ހިމެނެއެވެ.