16 Aug 2022, 23:36
މަގުމަތީގައި ބިދޭސީ އަންހެނަކު ހިނގާފައި ދަނިކޮށް އޭނާގެ ކަރުގައި އޮތް ރަން ފަށް ފޭރުނު މައްސަލައިގައި އެކަކު ހައްޔަރުކޮށް އެ ފަށް ހޯދައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ދިލްބަހާރުމަގުން އިއްޔެ ހިނގާފައި ދިޔަ ބިދޭސީ އަންހެން މީހާގެ ކަރުގައި އަޅާފައި އޮތް ރަން ފަށް ފޭރުނު މައްސަލައިގައި ސައިކަލު ދުއްވަން އިން އުމުރުން 31 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައި ވާކަމަށެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފަށް ހޯދާފައިވަނީ ރަން ހަދާ ތާކަށް ވިއްކާލާފައިވަނިކޮށް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާއަށް ނިސްބަތްވާ 37 އަހަރުގެ ޖޫލިއެޓް މޭރީގެ ކަރުން ފަށް ފޭރި ގަންނަ ވީޑިއޯ އިއްޔެ ސޯޝަލް މީޑިއާގައި އާންމުވިއެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި ދިލްބަހާރު މަގުން އެ އަންހެންމީހާ ހިނގާފައި ދަނިކޮށް ސައިކަލުގައި އައި ދެމީހުން އޭނާއާ ކައިރިކުރުމަށް ފަހު އޭނާގެ ކަރުގައި އޮތް ފަށް ޖަހައިގަނެއެވެ. ވީޑިއޯއިން ސައިކަލުގައި ތިބި ދެމީހުންގެ މޫނު ރީއްޗަށް ފެންނައިރު، ސައިކަލުގެ ނަންބަރު ވެސް ފެނެއެވެ. ފަށް ޖަހައިގަތުމުން އަންހެން މީހާ ހުރީ ޝޮކެއްގައިކަން ސާފުކޮށް އެނގެއެވެ.
އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު އާންމުންވަނީ ފަށް ފޭރުނު ދެ މީހުންގެ ވަނަވަރު ސޯޝަލް މީޑިއާގައި އަންމުކޮށްފައެވެ.