17 Aug 2022, 00:06
ގެބޯންގެ ސަރުކާރުން އަރުވާ "ނޭޝަނަލް އޯޑާ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް" ގެ އިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މިއަދު އަރުވައިފިއެވެ.
މިނިސްޓަރު ޝާހިދަށް މި އިއްޒަތް އެރުވީ މިއަދު ގެބޮންގެ ވެރިރަށް ލީބްރަވިލް ގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ގައުމުގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާއެވެ.
އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނަށް އަރުވާ މި އިއްޒަތް ތައާރަފްކުރެވުނީ 1971 ވަނަ އަހަރުއެވެ.
މިނިސްޓަރު ޝާހިދު މިވަގުތު ގެބޮންގައި ހުންނެވީ އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.
މީގެ ކުރިން ވެސް މިނިސްޓަރު ޝާހިދަށް ވަނީ ބައެއް ގައުމުތަކުގެ މަތީ ޝަރަފާއި އިއްޒަތް އަރުވާފައެވެ. އެގޮތުން މިދިޔަ މަހު ގުއާޓަމާލާގެ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ މަތީ ޝަރަފާއި މިދިޔަ ޖޫން މަހު ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތް މިނިސްޓަރު ޝާހިދަށް ވަނީ އަރުވާފައެވެ.