29 Mar 2012, 12:23
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ކުރީގެ ޗީފް އިންޖިނިއާ ތޯމަސް ކަނިންގްހަމް ނިޔުޓުގެ މައްޗަށް ދައުލަތުން ކުރި ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވެ ދެ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ކުށުގެ ދައުވާ ދައުލަތުން ތޯމަސް ގެ މައްޗަށް އުފުލީ މާޗް، 3، 2011 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ކެނެޑާގެ ރައްޔިތެއް ކަމަށްވާ ޑާނާ ލީން ސްޕިއާރސްއާ މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ޑާނާ ލީން ސްޕިއާރސްއާ މެދު ތޯމަސް ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަން ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކުން ސާބިތުވާތީ އޭނާ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީކަމަށެވެ.
ދެ އަހަރަށް ޖަލަށް ލުމަށް އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ޝަރީޢަތްކުރުމާއި، ބެހޭ ގޮތުން ހެދިފައިވާ ޤަވައިދުގެ ހައެއް ގެ 173 ވަނަ މާއްދާގެ ތިން ވަނަ ނަންބަރުގެ (ހ) ގެ އެކެއް ގެ ދަށުން ނެވެ.
"ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުން ފިޖީގެ ރައްޔިތެއްކަމަށްވާ ތޯމަސް ކަނިންހަމް ނިޔުޓަން ކުށްވެރިވެއްޖެކަމަށް ކަނޑައަޅާ، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރުކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޝަރީޢަތްކުރުމާއި، ބެހޭ ގޮތުން ހެދިފައިވާ ޤަވައިދުގެ ހަވަނަ ގެ 173 ވަނަ މާއްދާގެ ތިން ވަނަ ނަންބަރުގެ (ހ) ގެ އެކެއް ގެ ދަށުން ފިޖީގެ ރައްޔިތެއްކަމަށްވާ މރ.ތޯމަސް ކަނިންގހަމް ނިޔުޓަން ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.