އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ، ޔާނިޝް އަހަރެންގެ މޫނާއި ކައިރިވެލުމުންނެވެ. އެ ތުންފަތުގެ ބީހިލުން ކޮންމެވެސް ވަރަކަށް ކޯތާފަތުން އިހުސާސް ކުރެވިގެން ދިޔައެވެ. ޔާނިޝް ފުންކޮށް ނޭވާއެއް އެތެރެއަށް ދަމަލައިލިއެވެ. އެވަގުތު އަތުގައި އޮތް ފިޔޮހި ދޫވެގެން ވެއްޓުނެވެ.

*********

ފިޔޮހި ގޮސް ކާޕެޓްގެ މަތީގައި ޖެހުމާއިއެކު އަޑެއް ކިޔެވެ. ޔާނިޝްގެ ނަޒަރު ތިރިއަށް ހުއްޓުނު ތަން ފެނި، ހުރެވުނު ތަންވެސް ނޭނގުނެވެ. ފިޔޮހި ނެގުމަށް ގުދުވެލެވުނީ، ދެ މީހުން އެކުގައެވެ. ޔާނިޝް ފިޔޮހި ނެގިއިރު، އަހަރެންގެ ބޯ ޖެހުނީ ޔާނިޝްގެ ނިތްކުރީގައެވެ. ތަދުވެގެން މަޑު އާހެއްގެ އަޑު ބޭރުވިއެވެ.

"ތަދުވިތަ؟..." ޔާނިޝް ކަންބޮޑުވެފައި ސުވާލުކުރިއެވެ.

އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ، ޔާނިޝްގެ އަތުގައި އޮތް ފިޔޮއްސަށެވެ. ބޮލަށް ތަދުވި ނަމަވެސް، އެކަމަށް އެއްބަސް ނުވެވުނީ އެހެންވެއެވެ.

"މި ރުއާ ގެންގުޅޭ އެއްޗެއްތަ؟..." ޔާނިޝް ފަރުވާތެރިކަމާއިއެކު ފިޔޮހީގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެއަށްފަހު އޭނާ ބަލައިލީ އަހަންނަށެވެ.

ކުރަން އުޅުނު ކަންތައް ފަޅާއެރުމުން، އަހަރެން ހުރީ ނޭވާލާންވެސް ބިރުންނެވެ. އެވަރުންވެސް އެފަދަ އަސަރެއް ނުދައްކައިވޭތޯ މަސައްކަތް ކުރީމެވެ. އަހަރެން އެއްބަސްވޭތޯ ކަންނޭނގެއެވެ. ޔާނިޝް އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ.

"މި ވަރަށް ކޮލެޓީ ދަށް އެއްޗެއް..." ފިޔޮހި އަހަންނަށް ފެންނަ ވަރަށް އުފުލައިލަމުން ޔާނިޝް ބުނެލިއެވެ. "މިއޮތީނު، ހުސް ދަބަރު... އަހަރެން ހީކުރީ ރުއާ ގެންގުޅޭނީ ވަރަށް ކޮލެޓީ ރަނގަޅު އެއްޗެހި ކަމަށް؟..."

މަލާމާތެއް ރައްދުވާ ގޮތަކަށް މީހަކު ވާހަކައެއް ދައްކައިފިނަމަ، އެކަމުން ސަލާމަތްވާން މަސައްކަތް ކުރުމަކީ އަހަރެންގެ ބަލިފައެވެ. އަމިއްލަ ނަފުސު ދިފާއުކުރުމަށް އެއްޗެއް ބުނެނުލައި، އަހަރެންގެ ހިތެއް ހަމައެއް ނުޖެހެއެވެ. ޔާނިޝްގެ ވާހަކައިން އަހަންނަށް ކުރެވުނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓުނު ކަމުގެ އިހުސާސެވެ.

"ތީތި އެކަންޏޭ ގޭގަ އޮތީ... އެހެންވެ ގެނެވުނީ..." ނުވިސްނާ ހުރެ އަހަންނަށް ބުނެވުނެވެ.

ޔާނިޝް އަނގަމަތީގައި އަތް އަޅާފައި ހީގަތެވެ. ބުނެވުނު އެއްޗަކާއިމެދު ވިސްނައިލެވުނީ ދެނެވެ.

"ރުއާ ކީއްކުރަން ގެންގުޅޭ އެއްޗެއް މީ؟..." ހިނިގަނޑު ހިންދައިލަން މަސައްކަތް ކުރަމުން ޔާނިޝް އަހައިލިއެވެ.

"ކަ...ކަމެއް...ނު..ވޭ.." ދޮގު ހަދަން ޖެހުމުން އަހަންނަށް އުނދަގޫވިއެވެ.

"މީ ދޮގު ހަދަންވެސް ނޭނގޭ ކުއްޖެއްނު... ތިއުޅެނީ އަހަރެން ކާލަފާނެތީ ބިރުންތަ؟..." އަހަރެންގެ ނޭފަތުގައި ހިފައިލަމުން ޔާނިޝް އަހައިލިއެވެ. "މި އޮތަސް، ކާލާ މީހަކު ކާލާނެ... އެހެންނޫނަސް އަހަންނަކީ، ވަރަށް ބިރުވެރި މީހެއް..."

ޔާނިޝް އަނެއްކާވެސް ހީގަތެވެ. އަހަރެން ހުރީ ރުޅި އައިސްގެން ރޮވޭވަރު ވެފައެވެ. ފިޔޮހި ގެނެވުނު މޮޔަ ހީވިއެވެ. ޔާނިޝް ހީވަނީ އަހަރެން ރަކިކޮށްލަން އުޅޭ ހެންނެވެ.

"ތީތި ދީ... ތީ މަންމަ އެއްޗެއް..." އަހަރެން އަތް ދިއްކޮށްލީމެވެ.

"މްމްމްމް... ނުދީފިއްޔާ؟..." ޔާނިޝް އަހައިލިއެވެ.

"މަންމަ ކައިރީ ބުނާނަން..." އަހަރެން ލޯ އަޅައިލީމެވެ.

"ބޭބީ..." ޔާނިޝް ހީގަތެވެ. "އަހަރެންވެސް މަންމަ ކައިރީ ބުނެފާނަމޭ... މަންމަ އަހާނެ ރުއާ ކީއްކުރަން ގެނައި އެއްޗެއްތޯ... ގުޅަންތަ މަންމައަށް؟..."

ޔާނިޝް ފޯނު ނެގިއެވެ. ނަންބަރުތަކަށް ފިތާކަމަށް ހެދުނެވެ.

"އެވިލް..." އަހަރެންގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.

"އޯކޭ އެވިލް ކިޔަސް..." އަހަރެން ބުނި އެއްޗެއް އަޑު އިވުނުކަން އަންގައިލުމުގެ ގޮތުން ޔާނިޝް ބުނެލިއެވެ. "ބޭނުން ނުހިފޭ އެއްޗެހި ގެންގުޅުމުގެ މާނައެއް ނޯންނާނެ... މި ދެން ބާއްވާ އަހަރެން އަތުގަ..."

ޔާނިޝް ފިޔޮހި ލީ އޭނާގެ ޖީބަށެވެ. އަހަންނަށް ހިންދިރުވައިލެވުނީ އުނދަގުލުންނެވެ. ޔާނިޝް ކިތަންމެ ހަމަޖެހިފައި ހުއްޓަސް، އެފަދަ އެއްޗެއް ގެންގުޅުމުން އޭގެ އަދަބު އަހަންނަށް ނުލިބި ނުދާނެއޭ ހިތް ބުންޏެވެ. އަހަރެން ހުންނަން ޖެހޭނީ ތައްޔާރުވެގެންނެވެ. ޔާނިޝް ކަހަލަ މީހުން ވަރަށް ހުށިޔާރުވާނެއެވެ.

"މި ދަނީ ބޭރަށް ގޮސްލަން... ރުއާ ނިދާލާ..." ޔާނިޝް އަހަންނާއި ދުރަށްޖެހިލިއެވެ.

އޭނާ ގޮސް ނުކުންނަންދެން އަހަންނަށް ދޮރާއި ދިމާއަށް ބަލަން ހުރެވުނެވެ. ޔާނިޝް ހިތްހަމަނުޖެހުނީ ހެއްޔެވެ؟ އެފަދަ ވަގުތެއްގައި ދިޔައީ ކޮންތާކަށް ހެއްޔެވެ؟

އަހަރެން ފެންވަރައިގެން ނުކުތްއިރުވެސް ޔާނިޝް ނާދެއެވެ. ނިދަން އެނދުގައި ޖައްސާލާފައި އަނެއްކާ ތެދުވީމެވެ. ފޮށްޓަށް އެއްޗެހި އެޅިއިރު، އެއަށް ވައިޖަހާ ދެ ބާލީސް ލެވުނު ހަނދާންވިއެވެ. އެއީ ޔާނިޝް އަހަރެންގެ ކައިރީގައި އޮވެއްޖެނަމަ، ރައްކާތެރިކަމުގެގޮތުން ދެމީހުންގެ މެދަށް ލުމަށް ގެނައި އެއްޗެކެވެ. އަހަންނަށް އެ ފެންނަ ވަރުވީ ފޮށީގައި ހުރި ހުރިހާ އެއްޗެއް ބަންޑުންކޮށްލައިގެންނެވެ. އިސްކޮޅާއި އެއްވަރުގެ އެއް ބާލީހަށް ވައިޖަހާ ނިމުނުއިރު، އަހަރެންގެ ގައިގައި އެއްވެސް ހަކަތައެއް ނެތެވެ.

ތަން ބަދަލުވުމުން، އަހަންނަށް ނިދޭގޮތެއް ނުވިއެވެ. ޔާނިޝް އައިސްދާނެތީ އެކަމާއިވެސް ވިސްނަން ޖެހުނެވެ. ލައިގެން އޮންނަން ޖެހުނު ހެދުންވެސް ވީ ވޭނަކަށެވެ. އިރު އެރި އިރުވެސް ޔާނިޝް ނާދެއެވެ. ދިޔައީ ކޮންތާކަށްތޯ ބެލުމުގެ ޝައުޤެއްވެސް ނެތެވެ. އަހަންނަށް ރަނގަޅީ ޔާނިޝް އަހަރެން ފެންނަ ހިސާބަށްވެސް ނައިއްޔާއެވެ.

ޖީނާގެ މެސެޖެއް ލިބުނީ ހެނދުނުއެވެ. އެއީ ކޮންމެވެސް މީހަކު ކޮޓަރި ދޮރުގައި ޓަކި ޖަހައިލި ވަގުތުވެސް މެއެވެ. އަހަރެން މެސެޖު ބެލިކަން އެނގުމުން ޖީނާ ވަގުތުން ގުޅިއެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ދޮރު ހުޅުވައިލީމެވެ. ދޮރުމަތީގައި ހުރީ ރާއްޖެއިން ބޭރު އަންހެނެކެވެ. އަހަރެން ފެނުމުން، ވަރަށް ހިނިއައިސްފައި ހުރެ، ތަބަކެއް ދިއްކޮށްލިއެވެ. އޭގައި ހުރީ އެކި ބާވަތުގެ ކާއެއްޗެއްސެވެ.

"ގުޑް މޯނިންގް މޭމް... ބްރޭކްފަސްޓް..." އަހަރެން ތަބަކުގައި ހިފުމުން، އޭނާ ބުނެލިއެވެ.

ތަބައް ހިފައިގެން އަހަރެން އެނބުރި ކޮޓަރިއަށް ވަނީމެވެ. އޭރު ފޯނުގެ އަނެއްކޮޅުން ޖީނާ ވާހަކަ ދައްކާ އަޑު އިވެއެވެ.

"މިއަހަނީ ކޮން ދުނިޔެއަކުހޭ ތިއުޅެނީ؟...." ޖީނާ އަހައިލިއެވެ. "އަހަންނަށް ޔަގީން އެ ރާގަށް ވާހަކަ ދައްކާ މީހަކު ރުއާގެ ގޭގަ ނޫޅޭނެކަން..."

"ކިހިނެއްވީ ތި ގުޅީ؟..." އަހަރެން މައުޟޫޢު ބަދަލުކޮށްލީމެވެ.

"ތިކުއްޖާ ކޮލެޖަށް ނާންނާތީނު..." ޖީނާ ބުނެލިއެވެ. "އަސްލު އެހެން ރީޒަންއެއްވެސް އޮތީމަ..."

"ކޮން ރީޒަންއެއް؟..." އަހަރެންގެ ހިތް ތެޅިގަތެވެ. އަނެއްކާ އަހަރެން ކައިވެނި ކުރިކަން ޖީނާއަށް އެނގުނީ ހެއްޔެވެ؟

"ނޭނގޭތަ ހަމަ..." ޖީނާ އަހައިލިއެވެ. "ނޭނގޭކަމަށް ހަދަނީ ދޯ؟..."

"ދެން ބުނެބަލަ..." އަހަރެންގެ ހިތް އަވަސްވިއެވެ. ޖީނާ ހީވަނީ އަހަރެން ތަޅުވަން އުޅޭހެންނެވެ.

"މިރާން ބުނެގެން..." ޖީނާގެ ރާގު ކުޑަކޮށް ބަދަލުވިއެވެ. "ހީ ލައިކްސް ޔޫ..."

"އޭނ؟..." އަހަންނަށް ލިބުނީ ސިހުމެކެވެ.

"އަހަންނަށް އެނގޭ ރުއާވެސް އޭނަދެކެ ލައިކްވާކަން..." ޖީނާ ބުނެލިއެވެ.

"މިރާން ލައިކްވަނީ ޖީނާދެކެއެއްނު..." އަހަރެންގެ ހައިރާންކަން ފިލައިގެން ނުދިޔައެވެ. ކުއްލިއަކަށް މިވީ ކިހިނެތް ހެއްޔެވެ؟ ޖީނާ ހަދަނީ ތެދެއް ހެއްޔެވެ؟ ނޫނީ އެއީ އަހަރެންގެ ހިތުގައި އޮތް އެއްޗެއް ބަލަން، އޭނާ ކުރާ ސަމާސާއެއް ހެއްޔެވެ؟

ޖީނާ ޖަހައިލީ ހިނިގަނޑެކެވެ. އަހަރެން ހުރީ ވިސްނަންވީ ގޮތެއް ނޭނގިފައެވެ.

"ރުއާ ކީއްވެތަ މިރާންއަށް ފިލައިގެން ތިއުޅެނީ؟..." ޖީނާ ސުވާލުކުރިއެވެ.

މިރާން ގުޅާތީ، އެ ނަންބަރުން އަހަންނަށް ނުގުޅޭގޮތް ހެދުނު ހަނދާންވީ ދެނެވެ. ޖީނާގެ ވާހަކަ އަހަންނަށް ގަބޫލުކުރެވުނީ އެހިސާބުންނެވެ. އެކަމަކު މިރާން ކުއްލިއަކަށް އަހަންނާއި ގަޔާވާންވީ ކީއްވެ ހެއްޔެވެ؟

"އަހަންނަށް އެނގޭ ތި ދެމީހުން ލައިކްވާކަން... އަހަރެން ގަސްދުގަ ނޭނގޭކަމަށް ހެދީ..." ޖީނާގެ އަޑުގައިވީ މޮޅިވެރިކަމެވެ.

"ދެން ކީއްވެ މިހާރު ތިބުނީ؟..." ކުޑަކޮށް ހިތްހަމަނުޖެހިފައިވާ ރާގަކަށް އަހައިލެވުނެވެ.

ހަގީގަތް އެނގުމުން އަހަންނަކަށް އުފަލެއް ނުވެވުނެވެ. ވަގުތު ފާއިތުވެއްޖެހެން ހީވަނީއެވެ. އުފާވާން ބޭނުމެވެ. އެކަމަކު، އަހަރެންގެ ހިތް ބިރުގަންނަނީއެވެ. ކައިވެނީގެ މަތީގައި ހުރެ، ކުށެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫންކަމާއި، އެއީ ކިހާ މަތިވެރި ގުޅުމެއްކަން މަންމަ އޮތީ އަހަންނަށް ވިސްނައިދީފައެވެ. އެކަމަކުވެސް އަހަރެން މިރާން ބޭނުމެވެ. އަހަރެންގެ ހިތުގެ އެދުމަކީ އެއީ ކަމުގައިވާތީއެވެ.

"ސޮރީ..." ކުށްވެރިއަކު ފަދައިން ޖީނާ ބުނެލިއެވެ. "ރުއާ ބޭނުމިއްޔާ، އަހަރެން ތިދެމީހުން..."

"އަހަރެން ހީކުރީ ޖީން ތީ އަހަންނަށް ހެޔޮއެދޭ ގާތް އެކުވެރިއެއް ކަމަށް..." ހިތުގައި ޖެހުނުވަރުން އަހަންނަށް ޝަކުވާ ކުރެވުނެވެ.

"ސޮރީ، އަހަންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހަކަށްވީމަ..." ޖީނާ އަނެއްކާވެސް މައާފަށް އެދުނެވެ. "އަހަރެން އެހެން ކަންތައް ކުރީމަ އޭގެ ބަދަލު އަހަންނަށް ލިބިއްޖެ... އަހަރެން މިރާންދެކެ ލައިކްވޭ... އެކަމަކު އޭނަ ލައިކްވަނީ ރުއާދެކެ... އަހަރެން ލޯބިވާ މީހާ އެހެން މީހެއް ދެކެ ލޯބިވާކަން އެނގުމަކީ ހާދަ ހިތްދަތި އިހުސާސެއް ކުރެވޭ ކަމެކޭ..."

ޖީނާގެ މިލާ މޯޅިވެފައިވާ އަޑުން، އަހަރެންގެ ހިތަށް އިސާހިތަކު ހަމްދަރުދީ ވަނެވެ. އިންސާނުންނަކީ ކުށް ކުރެވޭނެ ބައެކެވެ. ރަނގަޅު މީހުންނަކީ ކުށަށް އިއުތިރާފުވެ، މައާފަށް އެދޭ މީހުންނެވެ. ޖީނާ ދެއްކީ އެ މިސާލެވެ.

"މިރާން އިންނަނީ ވަރަށް ދެރަވެފަ... އަހަންނާ ވާހަކައެއްވެސް ނުދައްކާ..." ޖީނާ ބުނެލިއެވެ.

"ޖީނާ..." އަހަރެންގެ ކައިވެނި ކުރެވުނު ވާހަކަ ބުނަން އަނގަ ހުޅުވައިލީމެވެ. އެކަމަކު ވަގުތުން އެ ހިޔާލު ބަދަލުވިއެވެ. އޭރުން އަބަދުގެ އަބަދަށް އަހަންނަށް މިރާން ގެއްލޭނެއެވެ.

އަހަންނަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް، ޔާނިޝް ކޮޓަރިއަށް ވަންތަން ފެނުނެވެ. އަހަރެން އަވަސް އަވަހަށް ފޯނު ކަނޑައިލީމެވެ.

ޔާނިޝްގެ މޫނުން ފެނުނީ ތާޒާކަމެވެ. ދެންމެ ފެންވަރައިގެން އައިސް ހުރި ކަހަލައެވެ. ޔާނިޝް އައީ ކޮންތާކުން ހެއްޔެވެ؟ މޭޒުމަތީގައި ހުރި ކާތަކެއްޗަށް ބަލާލާފައި އަހަރެންގެ މޫނަށް އޭނާ ނަޒަރު ހުއްޓައިލިއެވެ.

"ހިނގާބަލަ ބޭރަށް ގޮސްލަން..." ޔާނިޝް އެދުނެވެ.

އަހަރެން ހުރީ ތާޒާ ވައިކޮޅެއް ބޭނުންވެފައެވެ. ސިކުނޑީގައި އެނބުރެމުންދިޔަ ހައިޖާނުގަނޑުން ސަލާމަތްވެވޭނީ އޭރުން ކަމުގައި ވާތީއެވެ. މިހާރު ކަންތައް މިވީ ގޮތުން، ޔާނިޝްގެ ކައިރިން ސަލާމަތްވެވޭނެ މަގެއް ކޮށަން އަހަރެން ބޭނުމެވެ. ކޮންމެ ގޮތަކުން ވިޔަސް މެއެވެ.

ޔާނިޝް އަހަރެން ގޮވައިގެން ދިޔައީ ގެއަށެވެ. މަންމައަށް އަހަރެން ފެނުމުން އުފަލުން އުޅެންފެށިގޮތުން ލޮލުން ކަރުނަ ހިލުވައިއެވެ. މަންމަ ނުފެނި ހޭދަވެގެންދިޔައީ އެންމެ ރެއެއް ނަމަވެސް، އަހަންނަށް ހީވީ، އެތައް ހާސް އަހަރު ވެއްޖެ ހެންނެވެ. މަންމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ އެތައް އިރަކު ރޯން ބޭނުންވިއެވެ.

"މަންމަ ހިއެއް ނުކުރަން ދަރިފުޅު މިހާ އަވަހަށް އައިސްދާނެ ކަމަކަށް..." މަންމަ އިނީ އުފަލުންނެވެ.

"މަންމަ ކައްކާ އެއްޗެހި ނޫނީ ރުއާއަށް ނުކެވޭތީ ގޮވައިގެން މިއައީ..." މަންމަގެ ވާހަކަ އާއި ގުޅުވައިގެން ވާހަކަ ދެއްކީ ޔާނިޝްއެވެ.

"އެކަމަކުވާ ދަރިފުޅާ!... ދަރިފުޅު ތިހެން ނުކައި އައީމަ ޔާނިޝްގެ މަންމަމެން ކިހާ ދެރަވާނެ... އެމީހުން ހީކުރާނީ އެގޭގަ ކައްކާ އެއްޗެހި ނުބައިވީމަ ކަމަށް ދަރިފުޅު ނުކަނީ..." މަންމަ ދެފަރާތަށް ބޯ ހޫރައިލިއެވެ.

ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން، އަހަންނަށް ބަލައިލެވުނީ ޔާނިޝްގެ މޫނަށެވެ. އަހަންނަށް ބަލަން އިނދެފައި ޔާނިޝް އިސްޖަހައިލިއެވެ.

(ނުނިމޭ)