ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރުމަށް ތާއީދު ނުކުރައްވާކަން ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ހާމަ ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަ ކުރެއްވިއިރު، މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މި މަހުގެ 19ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށާއި އަދި ޤާނޫނު ހެދުމުގެ ބާރާ ސަރުކާރު ޒިންމާދާރުކުރުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ކަމަށެވެ.

"އަޅުގަނޑު ތާއީދު ކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމަށް. ގާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރުކުރުވުން ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް. އަދުލު އިންސާފު ގާއިމް ކުރުން ފަނޑިޔާރު ގޭގައި އޮތުމަށް. ގާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައިހުރުމަށް،" ޝާހިދު ވިދާޅެފައިވެއެވެ.

ބަރުލަމާނީއަށް ތާއީދު ނުކުރައްވާކަން މިހާތަނަށް ހާމަ ކުރައްވާފައިވާ ވަޒީރުންގެ ތެރޭގައި ޝާހިދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނެއެވެ.

ބަރުލަމާނީއަށް ތާއީދު ނުކުރައްވާކަން ހާމަ ކުރައްވަމުން އިމްރާން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމެއް ނޫން ކަމަށާއި ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ، ސިޔާސީ ހަމަޖެހުން ގެއްލި އަވަސް އަވަހަށް ސަރުކާރު ބަދަލުވާނެ ކަމަށެވެ

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގަން ފެނިވަޑައިގަންނަވަނީ މިހާރު ޢަމަލު ކުރަމުން އަންނަ އާ ގާނޫނޫ އަސާސީއާއެކު ދެމި މި ތިބި ރިޔާސީ ނިޒާމު ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ކޮންގެރެސްއަށް ހުށަހެޅުއްވި ގަރާރާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން މިއީ އެފަދަ ވޯޓެއް ނަގައި ނިޒާމް ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އަދި އެ ގަރާރު އަނބުރާ ނެންގެވުމަށް ރައީސް ޞާލިހު ވަނީ އެދިވަޑައިގަންނަވާފައެވެ.

ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރުމާބެހޭ ގޮތުން ރައީސް ޞާލިޙު މީގެ ކުރިން ވިދާޅުުވައިވަނީ ވެރިކަމުގެ ނިޒާމު ކަނޑައަޅަން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ލީޑަރުން ވާހަކަ ދައްކަވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅަށެވެ.