މިދިޔަ ޖެނުއަރީ މަހުގެ 14 އިން ފެށިގެން ހިނގި ކަންތައްތަކާއި ވެރިކަން ބަދަލުވީ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އުފައްދާފައިވާ އިންކުއަރީ ކޮމިޝަނަށް އެމްޑީޕީ ފިޔަވައި ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް މައުލޫމާތު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ކޮމިޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން މުލީއާގޭގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ކޮމިޝަންގެ ރައީސް އިސްމާއީލް ޝަފީއު ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް އެއްބާރުލުން ދެއްވި ކަމަށާއި ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ވަޑައިގެން ކޮމިޝަނަށް މައުލޫމާތު ދެއްވި ކަމަށެވެ. ޝަފީއު ވިދާޅުވީ އެ ކޮމިޝަނަށް މައުލޫމާތު ދިނުމަށް އެމްޑީޕީގައި އެދުނު ނަމަވެސް އެ ޕާޓީ އިން އަދި މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަނާ ދޭތެރޭ ހިތްހަމަނު ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެފައިވާ ކަމަށެވެ.

"މީޑިޔާގައި އެބޭފުޅުން [ވިދާޅުވެފައި] ވަނީ ކޮމިޝަނާ ދޭތެރޭ ހުރި މައްސަލަތަކާ ހިތްޕުޅު ހަމަނުޖެހުންތަކުގެ ވާހަކަ، ދެން އެއީ އަޅުގަނޑުމެންނަށް ވެސް ދެއްވާފައި އޮތް ޖަވާބަކީ،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ހިތްހަމަނު ޖެހޭ ކަންތައްތައް ކޮމިޝަނަށް ހުށަހަޅައި ވާހަކަ ދައްކައިގެން ކުރިއަށް ދިޔުމަށް އެމްޑީޕީ އަށް މިހާރު ދެންނެވިފައިވާ ކަމަށެވެ.

ކޮމިޝަންގެ މެމްބަރު މުހައްމަދު ފަވާޒު ޝަރީފު ވިދާޅުވީ އެމްޑީޕީން ކޮމިޝަނަށް މައުލޫމާތު ނުދެއްވާނެ ކަމަށް ބުނެފައި ނުވާ ކަމަށާއި ކޮމިޝަނާ މެދު އެ ޕާޓީން ކަންބޮޑުވާ ކަންތައްތަކަށް އެޑްރެސް ކުރާ ނަމަ އެ ޕާޓީން އެއްބާރުލުން ދީފާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިންކްއަރީ ކޮމިޝަނަށް އެއްބާރުލުން ދޭން ބޭނުން ކަމަށް އދ. އިން މީގެކުރިން ވަނީ ބުނެފަ އެވެ. ކޮމިޝަނުން ބުނީ އޭގެ ފަހުން އަދި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.

ކޮމިޝަންގެ މެންބަރު ޔާސިރު ވިދާޅުވީ ކޮމިޝަނަށް ވަޑައިގެން މައުލޫމާތު ދެއްވަން ބައެއް ބޭފުޅުން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެފަދަ ފަރާތްތަކަށް އެ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދޭން ބޭނުންވާ މައުލޫމާތު ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިހާރު އެ މައުލޫމާތު ވެބްސައިޓަށް އަޕްލޯޑް ކުރެއްވޭނެ، ޑޮކިއުމެންޓްވެސް އޯޑިއޯ އަދި ވީޑިއޯ ވެސް އަޕްލޯޑް ކުރެއްވޭނެ، އެމައުލޫމާތު ދެއްވާ ބޭފުޅުން ނޭނގޭ ގޮތަށް ވެސް މައުލޫމާތު ދެއްވޭނެ،" ޔާސިރު ވިދާޅުވި އެވެ.