18 Aug 2022, 08:56
"ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތުން މާޔޫސްނުވާށެވެ. ހީނުކުރާގޮތްގޮތަށް ތިބާއަށް ރަހުމަތް ލައްވާނެއެވެ. ކޮންމެ މުސީބާތަކާއި ހިތާމައަކީ އިމްތިހާނެކެވެ. އެ މުސީބާތެއްގެ ފަހަތުގައި ކޮންމެވެސް ރަގަޅުކަމެއް އޮންނާނެއެވެ. ކެތްތެރިވެ ރަހުމަތް ލެއްވުމަށް އެދި ދުޢާކުރާށެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ."
***
"ތިއީ މޮންސްޓާރއެއް...."އަންހެންކުއްޖަކު ތޫނުކޮށް ހަޅޭއްލަވައިގަތެވެ.
"ޝްޝްޝް އަލްވާ. ދެޓްސް ރޫޑް..."ސުފިޔާން ގޮނޑިއެއް ގެނެސް އަލްވާގެ ކުރިމަތީގައި ބެހެއްޓިއެވެ. އަދި އެއްފައި މައްޗަށް އަނެއްފައި ލަމުން ވަރަށް ޝާހީކޮށް އިށީދެ ކުޑަކޮށް ގުދުވެލަމުން އަލްވާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އަދި ހިނިތުންވެލިއެވެ.
އަލްވާ ސުފިޔާންގެ ގެއަށް އޭނައާއި ވާހަކަދައްކަން ދިޔައީ ގެ ދޫކޮށްފައި ރޭލެއްގައެވެ. އެމްސްޓަޑަމް އެއާޕޯޓަށް ފޭބިތަނާ އޭނަ ކިޑްނެޕްކޮށްގެން ގޮސް ކާރަށް އެރުވިގޮތަށް ޚަބަރުހުސްވިއެވެ. ހޭލެވުނީ ހޮސްޕިޓަލެއްފަދައިން ހުރިހާ ތަނެއް ހުދު އިމާރާތެއްގެ ތެރޭގައި އޮތްވައެވެ.ހުރިހާ ތަނެއް އެހާ ހުދުވެފައި އަލިކަން ގަދައެވެ. އަމިއްލަ ހަށިގަނޑާއިމެދު ވިސްނައިލުމުން އެނގުނީ އޭނަގެ އިސްތަށިގަނޑު ކުރުކޮށް ކޮށާފައި އޮތްކަމެވެ.
އެކޮޓަރީގައި އަލްވާ ތަޅުލާފައި ބާއްވާފައި އޮތަސް ޑޮކްޓަރެއްގެ ހެދުމުގައި ހުންނަ އަންހެނަކު ގަވާއިދުން ކާއެއްޗެހި ހިފައިގެން އާދެއެވެ. ފުރަތަމަ ދުވަހު އޭނަ ކާއެއްޗެހި އުކައިލިކަމުގައި ވިޔަސް ބަނޑުހައިވާންފެށިއެވެ. އެހެންވެ ފަހުން ގެނެސްދޭ އެއްޗެއްވިއްޔާ ހުސްކޮށްލައެވެ. އެމީހުން އާއްމުކޮށް ގެންނަނީ ދުޅަހެޔޮ ސިއްހަތަށް ފައިދާ ހުންނަ ކާއެއްޗެއްސެވެ. އެތަނަށް އަންނަ އަންހެން މީހާ އަނގައިން އެންމެ ލަފުޒެއް ބޭރުނުކުރާތާ އޭނަގެ ސުވާލަކަށް ޖަވާބުދިނުމެއް ނެތެވެ. އެކަމަކު މަދު ފަހަރެއްގައި ނަމަވެސް ޑޮކްޓަރުންގެ ވާހަކަތަކުން އޭނައަށް އެންމެ ލަފުޒެއް ނަގައިގަނެވުނެވެ.އެއީ "ޔަތީމް" އެލަފުޒެވެ. އެހެން ޔަތީމްކުދިން ފަދައިން އޭނަވެސް މަރައިލަން އުޅެނީބާވައެވެ. އޭނައަށް އެހެން ކުދިންވެސް ފެނުނެވެ. ހުދުކުލައިގެ ސާދާ ގައުނާއި ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑުގެ ވެރި އަންހެންކުދިންނެވެ. ދޭތެރެއިން ދޮރު ހުޅުވައިލުމުން ނަޒަރުގައި އަޅައިގަންނަނީ އެ މަންޒަރުތަކެވެ.
ކޮންމެ ގަޑިއެއްގައި ތަފާތު ޑޮކްޓަރެއް އޭނައަށް ޒިޔާރާތްކޮށް ލޮލަށް އަލިކޮށް އޭނަގެ ލޯ ޗެކްކުރަނީ އޭނަ އެކަމަށް ދެކޮޅުހަދަނިކޮށެވެ. އަދި އެމީހުންގެ އަތުގައި އޮންނަ ނޯޓްޕެޑެއްގައި އެއްޗެހިތަކެއް ލިޔެއެވެ. އެއަށްފަހު އަނގައިން ބުނުމެއްނެތި ނިކުމެގެން ހިނގައިދާނެެއެވެ. އޭނަ ވަރުބަލިވިއެވެ. މިވަނީ ކީއްކަމެއްވެސް އޭނައަށް އެނގެނީއެއްނޫނެވެ. ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރުން އަލްވާ ހުއްޓައެއްނުލައެވެ.
މާތްﷲ ގުރުއާނުގެ އައްޝަރަހް ސޫރަތުގެ ފަސްވަނަ އާޔަތުގައި ވަހީކުރައްވާފައިވަނީ"ފަހެ ހަމަކަށަވަރުން، އުނދަގޫ ކަމާއެކު ފަސޭހަކަންވެއެވެ."
އޭނައަށް ވާނުވާ ރޭކާލާންފެށީ ސުފިޔާން އެތަނަށް އައުމުންނެވެ. ވަނީ ކީއްކަން ވަގުތުން ނަގައިގަނެވުނެވެ. އޭނަ ބައެއްފަހަރު ކިތަންމެ މައުސޫމްވިޔަސް މޮޔައެއް ނޫނެވެ. ސުފިޔާން އޭނަ ދަންތުރައެއްގައި ޖެއްސީއެވެ. ހައްދެއްނެތް މިނަށް މުއްސަދި މި ފިރިހެނާ ކުށެއްނެތް ފުރާވަރު އަންހެންކުއްޖަކަށް ކެހިދިނީއެވެ.
"މިހުރިހާކަމެއްގެ ފަހަތުގައިވާ މީހަކީ ތިއީ....."އަލްވާ ލޯ ބޮޑުކޮށްލީ އޭނަގެ ކުރިމަތީގައި ހުރިހާ ހަގީގަތެއް ހާމަވެ ސުފިޔާން ބޭޒާރުވުމުންނެވެ."ޔަތީމުން މަރާ މީހާ ތިއީ......"
އަލްވާގެ މޫނުން ފެނުނީ އާ ޝުއޫރުތަކެވެ. ރުޅިވެރިކަމާއި މާޔޫސްކަމެވެ. އެ ކުލަވަރު ފެނުމުން ސުފިޔާން ހިނިގަނޑެއް ޖަހައިލީ ފަރުވާލެއްނެތްފަދަ ގޮތަކަށެވެ.
"މަރަނީ؟ އަހަރެން އެކުދިންނަށް ހަދިޔާ ދެނީ. އެމީހުންގެ ހަދިޔާގެ ބޭނުން ކުރެވުނީމަ ދެން ގެއްލުމަކީ ހަމަ ނެޗުރަލްކަމެއް.."
"ގިފްޓް؟"އަލްވާ ރުޅިގަދަވެގެން ދަތްކުނޑި ވިކައިލެވުނެވެ."ކޮން ހަދިޔާއެއްތަ؟ އެހެން ހެދިއިރު ހިތަށް އެއްޗެއް ނާރާތަ؟ ތިއީ ކޮންކަހަލަ މީހެއްތަ؟ މިކަމުގެ ބޭނުމަކީ ކޮބާ؟"
" އަލްވާއަށްވެސް ވަރަށް އަވަހަށް އެ ހަދިޔާ ލިބޭނެ. ތަމްރީން ދޭން ތިބޭނީ އެންމެ ތަޖުރިބާކާރު އެންމެ ހުނަރުވެރި ޑޮކްޓަރުން. އޭރުން އަހަންނާއިމެދު ތިދެކޭ ނުބައި ނަޒަރު ބަދަލުވާނެ.."
"ތިއީ އަހަރެމެންގެ މީހެއް އަލްވާ.."ސުފިޔާން ގޮނޑިން ތެދުވުމަށްފަހު ލަސްލަހުން ބުނެލިއެވެ."އަލްވާ އެތަން މިތާ ދުވެ އުޅެނިކޮށް މަގު އޮޅުނީ. އަލްވާ ބޮޑުވީ މި ވަރުގަދަ ފެސިލިޓީގައި."
ސުފިޔާން ދެރަވާކަަމަށް ހެދުނެވެ."ގެމަތިން ހަދާނެއްނުވޭތަ؟ އަނބުރާ ގެއަށް އާދެވުމުން އުފަލެއްނުވޭތަ؟"
އަލްވާގެ ނަޒަރުގައި އިންތިހާ ދަރަޖައިގެ ނަފްރަތާއި ރުޅިވެރިކަން އެކުލެވުނެވެ. މި ފިރިހެނާގެ މޮޔަ ވާހަކަތަކާއިމެދު ރުޅި ނާންނާނީ ކާކުހެއްޔެވެ؟ މިއީ މޮޔައެކެވެ.ސައިކޯޕާތެކެވެ. އޭނަ ކިޔާ އެއްވެސް އެއްޗެއް އަލްވާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
"އައިސީ. އެހެންވީއިރު އަދިވެސް ހަނދާންތައް އަނބުރާ ނާންނަނީ ދޯ.."ސުފިޔާން ބުމަ އަރުވައިލިއެވެ. އެއަށްފަހު ސުފިޔާން ކިޔާދިނީ ގަބޫލުކުރަން ދަތި ޝޮކަކަށްދާ ވަރުގެ ވާހަކައެކެވެ. އޭނަ ފެށީ އަލްވާގެ ހަގީގީ ބައްޕަ އަލްވާ އެ މަރުކަޒަށް ވިއްކައިލި ހިސާބުންނެވެ. އަލްވާގެ ބައްޕައަކީ ރާއްޖެއަށް އުފަން މީހެކެވެ.
"އޯ.....އަލްވާ ތިހިރީ ކޮންފިއުޒްވެފައިހެން ހީވޭ. ސަނީ ޕެރެޑައިސްގެ ޚަބަރު ނާހަން ދޯ.. ވަރަށް ރީތި ގޮޑުދޮށްތަކެއް އެކުލެވޭ ކުޑަ ކުޑަ ޓްރޮޕިކަލް ރަށްތައް...އަލްވާގެ އުފަން ފަސްގަނޑު...."ސުފިޔާން ހުނެވެ."ކަންބޮޑުނުވޭ. އަލްވާ ގެ ޓްރެއިނިން ނިމުނީމަ ކުރު ޗުއްޓީއަކަށް އެތަނަށް ގެންގޮސްދެވިދާނެ."
"އަލްވާއަށް އެނގޭތަ؟ބައްޕައަކީ ރާއްޖޭ މީހެއް. ފުދޭވަރަކަށް އަޅައިގަންނަގޮތެއް ހުންނަ ފިރިހެނެކޭ ބުނެވިދާނެ. ރީތިވީމަ ސިކުނޑިއެއް ގާތްގަނޑަކަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. އޭނަ ޔޫރަޕް އަންހެނަކާއި ކައިވެނިކުރުމަށްފަހު ލިބުނު ދަރިފުޅުގެ ލޮލުގައި ހުރީ ނޫކުލަ. އެކަމުގެ ސަބަބުން އަލްވާގެ ބަައްޕަ ގަބޫލުކުރީ އަލްވާއަކީ މަންމަ އެހެން މީހަކާއި ނާޖާއިޒު ގުޅުމެއް އޮވެގެން ލިބުނު ދަރިއެއްކަމަށް. އެހެންވެ އަލްވާ ވިއްކައިލަންވުމުން ހިތަށް އެކައްޗެއްވެސް ނޭރި. އޭރު މިތަނުގެ ވެރިޔަކީ އަހަރެންގެ ބައްޕަކަމުން ބައްޕަގެ ބެލުމުގެ ދަށަށް ގެނައީ. އަލްވާއަށް ވަގުތެއްވީމަ ބައްޕައަށް ޝުކުރު އަދާކުރަންވާނެ އިނގޭ.." ސުފިޔާން ކޮޓަރިތެރޭ ދެކޮޅަށް ކުރިކާލި ކަނޑަމުން ދިޔައެވެ. ފިޔަވަޅުތައް ލަސްވެފައި އެއްވަރަކަށެވެ.
"ތިއީ ދޮގުވެރިއެއް. ފުރަތަމަ ދުވަހުން ފެށިގެން މަށަށް ދޮގުހަދަމުން އައީ....."
"އޯހް ނޫން ނޫން..."ސުފިޔާން ބޯ ހޫރުވައިލިއެވެ."އަހަރެން ދޮގެއް ނަހަދަން. އަލްވާގެ ލޯ ފެނުނު ވަގުތުން ފެށިގެން އަހަރެން ޝައުގުވެރިވި. ކޮންމެވެސް މީހެއްގެ މަތިން ހަދާން ކުރުވި. އެތައް އަހަރުތަކެއްގެ ކުރީގެ އެ ކުޑަ އަންހެންކުއްޖާ. އަހަރެން ގެސްކުރިގޮތް އެހާ ބަރާބަރުވެދާނެކަމަށް ހީކުރާނީ ކާކު؟ އަހަރެމެން އެހާ ލޯބިން ގެންގުޅެ އެހާ ރަގަޅަށް ކަންތައްކޮށްދެނިކޮށް އެއްދުވަހެއްގައި ގެއްލިފައި އަހަރެމެންގެ މަތިން ހަނދާން ނައްތައިލާނެކަން އެނގޭނީ ކިހިނެއްތަ؟ ތި ރީތި ލޯ ދިން ފަރާތްތައް ހަނދާނުން ފޮހެލީ. ދެކުލަ އެއްކޮށްފައި. ކިހާ ރީތި އަދި ނާދިރު. އަލްވާ ހޯދަމުން އައި ފަރާތްތައް އެކްސިޑެންޓަކުން ބަޑިން ހަމަލާދެވުނުކަމީ ލަދުވެތިކަމެއް. އެކަމުގެ ސަބަބުން ކުޑަ އަންހެންކުއްޖަކު މަރުވީ. ޔަގީނުންވެސް އަލްވާ ހަނދާން ހުންނާނެ...ރިވާ..."ސުފިޔާން ވާހަކަދައްކަމުން ދިޔައެވެ.
އަލްވާ މަސައްކަތްކުރީ އޭނަ ގޮނޑީގައި ހައްޔަރުކޮށްފައިވާ ހިލިހިލާތައް ނެއްޓުމަށެވެ."ހުއްޓާލާ. ދޮގުވެރިޔާ.." އަލްވާ ހަޅޭއްލަވައި އެހެން ކިޔަން ފެށުމުން ސުފިޔާން ވާހަކަ މެދުކަނޑައިލިއެވެ.
"އަލްވާ އަހަރެންގެ ވާހަކަތައް ގަބޫލުކުރޭ...." ސުފިޔާން ގުދުވެ އަލްވާގެ މޫނާއި އެއްހަމަޔަކަށް ތިރިވެ އެމޫނަށް ނަޒަރު ހުއްޓައިލިއެވެ." ނުކުރާކަމަށް ނެހެދޭތި. ކުޑައިރު ތި ލޮލަށް ކުރެވުނު ކޮންމެ ކުދި ކުދި އެކްސްޕެރިމެންޓްތައް ހަނދާން ހުންނާނެ.ނޫންތަ؟އޭގެ ސަބަބުން ލޮލުގެ ކުލަ ބަދަލުވީ.."
"އަހަރެން ބުނާނީ އަލްވާ އަނބުރާ މި ފެސިލިޓީއަށް ގެނައުން ހީކުރިވަރަށްވުރެ ފަސޭހައޭ. މަގުކޮށާދިނީވެސް އަލްވާ. އާއިލާއަށް ދީފައި އައި ލޯބި ނޯޓްގެ ސަބަބުން އެމީހުން އަލްވާ މިތަނަށް އައިކަމަށް ހިޔެއްނުކުރާނެ. އެމީހުން ގަބޫލުކުރާނީ ރިވާގެ ހަގީގަތް އެނގުމުން އެމީހުން ދޫކޮށްފައި ދިޔައީކަމަށް.އަދި މިހާރު....." ސުފިޔާން އޭނަގެ އަތުގައި އޮތް ރަންކުލައިގެ ގަޑިއަށް ނަޒަރު ހުއްޓައިލިއެވެ. "އެމްސްޓަޑަމް ފުލުހުން އަލްވާގެ އާއިލާއަށް އަލްވާ މަރުވެއްޖެކަން އަންގާނެ..."
"ތިބުނީ ކީކޭތަ؟"އަލްވާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.
"ތި ރޫފައާއި އިސްކޮޅުގެ އަންހެންކުއްޖަކު ހޯދުން ފަސޭހަ. ކަންބޮޑުނުވޭ. އަލްވާ އަމިއްލައަށް މަރުވީކަމަށް ނޫން ދެއްކީ. ޖަރުމަނު ބޯޓަކުން ކަނޑަށްވެއްޓި މަރުވީ...." ސުފިޔާން އާދައިގެ ރާގަކަށް އެއްވެސް ކަހަލަ ޝުއޫރެއްނެތި ބުނެލީ އެއީ އާދައިގެ ކަމެއްގެ ގޮތުގައެވެ. އެވަގުތުކޮޅު ސުފިޔާންގެ މޮޔަވަރު އަލްވާއަށް ވިސްނުނެވެ. އެއްވެސް ކުށެއްނެތް އަންހެންކުއްޖަކު ބޭއިންސާފުން އެ މަރައިލީ އެއީ އަލްވާކަމަށް އާއިލާއަށް ހީކުރުވުމުގެ ބޭނުމުގައެވެ.
"ޕްލީޒް. އަހަރެން ދިޔަދީ..."އަލްވާއަށް އިތުރަށް ކެތްނުވެގެން ކަރުނަތައް ހޯސްލާފައި އޮހިގަތެވެ. އަދި ގޮނޑިއަށް ހަށިގަނޑު ސޮއްސައިލެވިއްޖެއެވެ. އޭނަ ހިފަހައްޓާފައިވާ ބަރު ޗޭނުތަކާއި ދެކޮޅަށް ހަގުރާމަކޮށްކޮށް ހަކަތަވެސް ހުސްވީއެވެ. ކޮންމެ ކަށިކޮޅެއްގައި ވަކިވަކިން ރިއްސާއިރު ބޮލުގައިވެސް ވިންދުޖަހަމުން ދިޔައީ ކެތްނުކުރެވޭވަރުގެ ވޭނުންނެވެ.
"ދިޔަދޭށޭ؟ މިއީ އަލްވާގެ ގެ.....މޮޔަ..."ސުފިޔާން ހިނިގަނޑެއް ޖަހައިލިއެވެ.
ސުފިޔާން މަސައްކަތްކުރަމުން ދިޔައީ މިއީ އަމިއްލަ ގެ ކަން އަލްވާގެ ސިކުނޑިއަށް ވައްދާދިނުމަށެވެ. މިއީ ކޮންފަދަ ތަނެއްކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ވީއިރު އޭނައަށް އަމިއްލަ ގެކަން ގަބޫލުކުރެވޭނީ ކިހިނެއްހެއްޔެވެ؟ އެވަގުތު އެތަނުގެ ދޮރު ހުޅުވުނެވެ. ތަނަށް އެެޅުނު ގަދަ އަލީގެ ސަބަބުން އަލްވާއަށް މަޖުބޫރުވީ ލޯ މަރައިލުމަށެވެ. ދެން އަލްވާއަށް އިވުނީ ހިތުދަސްވެފައިވާ އަޑެކެވެ. ބިންމަތީގައި އަސާއެއް ޖެހޭ އަޑާއި ބޫޓެއް ތަޅުންމަތީގައި ކޭއްތިލާ އަޑެވެ. އަލްވާގެ ހިތް ރޭހެއް ޖަހައިގަތްފަދައެވެ. އެއީ ކޮން އަޑެއްކަން އެގުމާއެކު އޭނަގެ ހިތަށް ބިރުވެރިކަން ވަދެގަތީ ދާދި އަވަހަށެވެ.ލޯ މަރައިލުމާއެކު އެއްވެސް އިންޒާރަކާއި ނުލައި ލޮލުގެ ފަހަތުން ފެންނަންފެށީ މާޒީއެވެ.މާޒީގެ ހަނދާންތައް އެއްފަހަރާ ނިއުޅިގެން ދިޔައެވެ. އަލްވާ ހަނދާން ހުންނަންފެށީއްސުރެ އޭނަ އުޅެމުން ދިޔައީ ހުދު ފާރުތަކުގެ އެތެރޭގައެވެ. މިފަދަ ތަނެއްގައެވެ. އޭނައަށް ފެނިފައިވި ހަމައެކަނި އިންސާނުންނަކީ ކޯޓުތަކުގައި ތިބޭ ޑޮކްޓަރުންނެވެ. އޭނަގެ އުމުރުގެ ކުދިން މަތިންވެސް ހަދާންވިއެވެ. އޭނަ ހޭލާ އޮންނައިރުވެސް ޑޮކްޓަރުން އެކުރާ ތަދުވާފަދަ ޓެސްޓްތައް ހަނދާނަށް އައެވެ. އަދި އެމީހުން ދަސްކޮށްދޭ ކަންތައްވެސް މެއެވެ. ބިރުވެރި ކަންތައްތައް ކިޔަވާދިނެވެ. އެމީހުން ތައްޔާރުކުރާ ހަތިޔާރުތައް ބޭނުންކުރަންވީގޮތް ދަސްކޮށްދިނެވެ. އެއީ މީހުން މަރައިލާ ނުރައްކާތެރި ހަތިޔާރުތަކެވެ. ޑޮކްޓަރުންނޭ މިކިޔާ އިންސާނުން އެކުދިންނަށް އެކިވައްތަރަށް މީހުން މަރައިލާނެ ގޮތްތައް ދައްކުވާދިން އަދަދެއްވެސް ނޭގެއެވެ. އަލްވާ ބޮޑުވަމުންއައީ ލެޔާއި އެފަދަ ލޭ އޮހޮރުވައިލާ އަނިޔާވެރި މަންޒަރުތަކަށް އާދަވެގެންނެވެ. އޭނަ ހާނުވަމުން އައީ ޖަޒުބާތުތައް ނެތިކޮށްލާ އެއްވެސް އެއްޗަކަށްޓަކާ ހިތުގައި ކުލުނެއް ނުވާގޮތަކަށެވެ. އެ މަރުކަޒުން ތައްޔާރުކުރަމުން ދިޔައީ ރަހުމެއްނެތް ހިތެއްނެތް ކުދިންނެވެ. އަލްވާއަށް ރޭކާލީ މިހާރުއެވެ.
އުފަންވީއްސުރެ ކަންތައްތައް ހޯދާ ބެލުމަށް ފޯރި ހުރި ކުއްޖަކަށްވާތީ ހުދުފާރުން ބޭރުގައިވާ ދުނިޔެދެކެން އޭރު އަލްވާ ބޭނުންވިއެވެ. އޭނަ އެއްދުވަހު އެތަނުން ފިލައިގެން ދިޔަގޮތަށް އެނގުނީ އޭނަފަދަ އެހެން އިންސާނުން ބިންމަތީގައި އުޅޭކަމެވެ. މީހުން ލައިއުޅެނީ ހަމައެކަނި ހުދުކުލަ ނޫންކަމެވެ. ކުލަތަކުން ފުރިފައިވާ ރީތި ދުނިޔެއެއްވާކަން އެނގުނު ހިސާބުން ފެށިގެން އަލްވާ އަނބުރާ އެ މަރުކަޒަށްދާކަށް ބޭނުމެއްނުވިއެވެ.
"ހެލޯ ބައްޕާ...."ސުފިޔާން އޭނަގެ ބައްޕައަށް ސަލާމްކުރިއެވެ."އަޅުގަނޑު ކުރީގެ އެކުވެރިޔަކާއި ވާހަކަދައްކައިލަން މަޑުކޮށްލީ. މީނަގެ ޓްރެއިނިން ފަށަނީ ކޮންއިރަކުންތޯ؟"
"ތިއީ އޭނައާއި ވާހަކަދައްކާ އެންމެ ފަހު ފަހަރުކަމަށް ހަދާ ދަރިފުޅާ. އޭނަ އިތުރު ޓްރެއިނިން ސެޝަންއަކަށް ދެން ނުދާނެ. އެކުއްޖާގެ އުމުރުގައި ޚިޔާލުތައް ބަދަލުކުރުމަކީ ގާތްގަނޑަކަށް ނާދިރުކަމެއް. އިތުރަށް ކިޔަވާނުދެވޭނެ. އޭނައަކަށް އަހަރެމެންނަށް މަސައްކަތެއް ކޮށްނުދެވޭނެ.."އުސްމާނުގެ އަތުގައި އޮތް އަލިކަންގަދަ ޓޯޗު ނިވާލުމުން އަލިކަން ފަނޑުވެއްޖެއެވެ.
"ސާދަ އަހަރު ކުރިން އަހަރެން މިއިން ތި ލޮލަށް އަލިކޮށްލާއިރު އެންމެ ފަހަރުވެސް އެސްފިޔަޖަހާނުލާ. މިހާރު ތި ލޯ ބަލިކަށިވެއްޖެ.."އުސްމާނުގެ ނަޒަރުން ފެނުނީ ނާއުއްމީދެވެ. އުސްމާނުގެ މޫނު ފެނުމުން އޭނަ ރޫރޫ އަޅައިގަތެވެ. މިއީ އޭނައާއި އެހެން ކުދިންނަށް ވޭންގަދަ ތަޖުރިބާތައް ކުރުވި ޓީމްގައި ހުރި އިސްވެރިޔާއެވެ. އެމޫނެވެ. އޭނަގެ އުމުރުން ދުވަސްވީކަމަށް ދެއްކިޔަސް އެ ފިނި ލޮލަށް ބަދަލެއްނާދެއެވެ. އެ އަނިޔާވެރި މޫނު އޭނަގެ ހަނދާނުން ފޮހެވިގެން ދިޔައީ ކިހިނެއްހެއްޔެވެ؟
"މައިކްރޯޗިޕް ޓެސްޓްކުރުވަން ގެންގޮއްސަ އެ ތަހުލީލު ނިމުމުން އޭނަ ނައްތާލާ....." އުސްމާން އޭނަގެ ފަހަތުގައި ތިބި ޒުވާން ދެ ޑޮކްޓަރުންނަށް އަމުރުކުރިއެވެ.
"މިކުއްޖާގެ ފައި ބަދެފައި ބޭއްވުމުގެ ބޭނުމެއްނެތް. އަތް އެކަނި ހައްޔަރުކޮށްލުމުން ފުދޭނެ. އަލްވާ ފިލާކަށް ނޫޅޭނަން ދޯ.."ދެ ޑޮކްޓަރުން އަލްވާ ކޮޅަށް ނެގުމުން ސުފިޔާން ބުނެލިއެވެ. އެމީހުން އަލްވާގެ ފައިގާ ވާ ޗޭނު ނައްޓައިލީ ސުފިޔާންގެ އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުންނެވެ. އަލްވާ ކޮޅަށް ތެދުވެފައިވެސް ދުވަން މަސައްކަތްނުކުރީ އަމިއްލައަށް މިތަނުން ސަލާމަތް ވެވޭނެ ގޮތެއްނެތްކަން ޔަގީންކުރެވޭތީއެވެ. ހިގަން މަސައްކަތްކުރުމުންވެސް ދެފައި ބަރުވެ ކިރިޔާ ފިޔަވަޅު އެޅޭކަމެވެ.
"އާދޭ. ތަންތަން ބަލައިލަން. އޭރުން ފުސްވެފައިވާ މާޒީގެ ހަނދާންތައް އަނބުރާ އަންނާނެ..." އަލްވާއާއި އެއްވަރަށް ފިޔަވަޅުތައް ލަސްކޮށްލަމުން ސުފިޔާން ބުނެލިއެވެ.
"ކުށެއްނެތް ކުޑަކުދިންނަށް މިފަދަ އަނިޔާއެއް ދެނީ ކީއްވެ؟" އަލްވާ ކޮރުޖަހަމުން ކުރިޔަށް ދިޔައެވެ." ޔަތީމުން މަރާ މީހަކީ ތިއީ.."
"އަހަރެމެން ލަޝްކަރެއް ތައްޔާރުކުރަނީ. އަލްވާ. މިތަނުގައިވާ ގިނަ ކުދިންނަކީ ހިއުމަން ޓްރެފިކިން އެޖެންސީތަކަށް ވިއްކާފައި މަރަން ދޫކޮށްފައިވާ ކުދިން. އަހަރެމެން އެކުދިން ޔަތީމުޚާނާތަކަށް ގެންގޮސް ދިރިއުޅުމެއް ހޯދަދިނީ. އަދި އަމާޒެއް. ކުރާނެ ކޮންމެވެސް ކަމެއް ހޯދަދިނީ."
"ދިރިއުޅުން ހޯދަދެނީ އެކުދިން މަރާލައިގެންތަ؟"
"އެއީ މަރައިލުމެއްނޫން. އަހަރެމެންގެ ދުނިޔެ އިތުރަށް ރަގަޅުކުރުމަށްޓަކާ ކުދިން ގުރުބާންކުރެވެނީ. އުޅެވޭވަރުގެ ތަނަކަށް ހަދަން.." އެ ޖުމްލަ ބުނެލިއިރުވެސް އެލޮލުގައިވީ ދީވާނާކަމެވެ. ހަގީގަތުގައިވެސް މޮޔައީހެއްޔެވެ؟ އަލްވާއަށް ކުރިން އެކަން ފާހަގަނުވީ ކީއްވެބާވައެވެ.
"އަހަރެމެން ކުދިން ތަމްރީންކުރަނީ ދުނިޔޭގައިވާ ޝައިތާނީ ބާރުތައް ދުނިޔެއިން ނައްތައިލަންވެގެން. މިފަހުން ޖަރުމަނުން ސިޔާސީ މީހެއްގެ މަރުގެ ޚަބަރު ނާހަންތަ؟ އަހަރެމެންގެ ލަޝްކަރުގެ ކުޅަދާނަ ކުއްޖަކު އަހަރެމެންނަށްޓަކާ އޭނަ ދުނިޔެއާއި ވަކިކޮށްލީ. ހިތާމައަކީ އަހަރެމެންގެ ކުޑަ ޔަތީމް ހައްޔަރުކުރެވުނުކަން. އެކަމަކު އެފަދަ ހާލަތެއްގައި އަމިއްލަ ދުލުގައި ދަތްއަޅާ ބުރިކޮށްލަން ތަމްރީނު ދީފައި ހުރީ. އެފަދަ ހާލަތެއްގައި ވާހަކަ ދައްކަން މަޖުބޫރުކޮށްފިއްޔާ އެހެން ހަދަން ބުނެދީފައި އޮތީ. މާގިނައިރުތަކެއްނުވެ އެކުއްޖާ ނިޔާވީ. އެއީ މާނައެއްނެތް މަރެއްނޫން. އެއީ ބަތަލެއް..." ކުޑަދޮރަކުން ބޭރަށް ބަލައިލަމުން ސުފިޔާން ބުނެލިއެވެ. އެ ފެނުނު މަންޒަރުން އަލްވާ މޭނުބައިކުރިއެވެ. ހަ އަހަރުގެ ކުޑަ ކުއްޖަކު އިންސާނީ އަމާޒުތަކަށް ހަމަލާދެނީއެވެ. އެކުއްޖާގެ އަތުގައި އޮތީ ކުޅޭ ބަޑިއެއްނޫނެވެ.
"ތިމާމެންގެ ހުތުރު މަސައްކަތް ކުޑަކުދިން ލައްވާ ކުރުވަނީ. އެކުދިން ލައްވާ މީހުން މަރުވަނީ..."އަލްވާ ސުފިޔާންއާއި ދިމާލަށް ކަޅިއަޅައިގަތެވެ."ތިކުރާ ހުރިހާ ޝައިތާނީކަމަކަށް އަގު އަދާކުރަން ޖެހޭނެ. ބިރެއްނުގަނޭތަ؟"
އަލްވާ ބިރުގަތަސް އޭނަ އެކަން ދައްކާކަށް ބޭނުމެއްނުވިއެވެ.
"މާ ވަރަކަށް އަނގަ ގަދަކުރަނީ. އެކަމަކު މިއަދު އަޅާނުލާނަން. މިއީ އަލްވާ މި ބިންމަތީގައި ހުންނާނެ އެންމެ ފަހު ދުވަސްކަމުގައި ވެދާނެ..." ސުފިޔާންގޮސް ވަން ކޮޓަރީގައި އެތައް ޑޮކްޓަރުންނެއް ތިއްބެވެ. މާސްކު އަޅައިގެން އަތަށް އަންގި ލައްވައިގެންނެވެ. އެމީހުން ތިބީ އެނދެއްގެ ކައިރީގައެވެ. އެމީހުން އަލްވާ ބާއްވާނީ އެތާކަން ނޭގެއެވެ.
"އަހަރެންގެ ލޮލަށް ކީއްކުރަން ތިއުޅެނީ؟"އަލްވާ ފަހަތަށް ޖެހެން އުޅުނެވެ. އޭނައަށް ކުޑަދޮރުގެ ބިއްލޫރިގަނޑުން އޭނަގެ ހިޔަނިފެނުނެވެ. އަމިއްލަ ސިފަ ވަކިކުރާކަށްވެސް ނޭގުނެވެ. އޭނަ އެހާ ލޯބިން ގެންގުޅުނު ދިގު އިސްތަށިގަނޑުވަނީ ކަންފަތާއި ހަމަޔަށް ކޮށާފައެވެ. ލޯވަޅުވަދެފައެވެ. އޭނަ ގެ ސިފައިން ހީވަނީ ކިރިޔާ ދުނިޔޭގައި ހުރި މީހެއްހެނެވެ.
"އަހަރެމެން ހޮވި ހުރިހާ ކުދިންގެ ލޮލުގައި ކަޅުކުލަ ހުންނަނީ ކީއްވެކަމާއިމެދު ވިސްނާނެކަން އެނގޭ. ކަޅުކުލައިގެ ލޮލުގައި މައިކްރޯޗިޕް ހައްޔަރުކުރަން ފަސޭހަވާނެ. އެލޮލުން ފޮޓޯތަކާއި ވީޑިއޯތައް ނެގޭނެ. އަޕްގްރޭޑްކުރަން މި މަސައްކަތްކުރަނީ. އެހެންވެ ތި ލޯ އަހަރެމެން ޓެސްޓްކުރަން ބޭނުންކުރާނީ...." އެއްވެސް އަސަރެއްނެތް ގޮތަކަށް ސުފިޔާން ކުރު ޚުލާސާއެއް ދިނެވެ. މިފަދަ ގޮތަކަށް މިމީހުން ކިތައް ލޮލުން ތަހުލީލުކޮށްފިހެއްޔެވެ؟
ޑޮކްޓަރުން އަލްވާގެ އަތުގައި ހިފާ ދަމައިގަތުމުން އަލްވާއަށް ރޮއިގަނެވުނެވެ." ނާކިއާއަށް ތިއީ ކޮންކަހަލަ މީހެއްކަން އެނގޭތަ؟"
އަލްވާ ނާކިއާގެ ނަން ކިޔާ ރޮއިގަތީ އޭނަގެ ސަލާމަތްވުމުގެ އެންމެ ފަހުގެ އުއްމީދުކަމުގައި ވާތީއެވެ.
ކުއްލިއަކަށް ސުފިޔާންގެ މޫނުގެ ކުލަ ބަދަލުވިކަން ފާހަގަވިއެވެ.
ނުނިމޭ