22 Aug 2022, 08:42
"ދުނިޔެއަށް ސިއްރުން ފާފަތައް ކުރިޔަސް ﷲ ސުބުހާނަހޫ ވަތައާލާ ބައްލަވާވޮޑިގެންވާކަން ހަނދާން ނައްތާނުލާށެވެ."
***
ސޫފީ ފުން ނިންޖެއްގައި އޮތްތަން ފެނުމުން ހަޒަލް ބޭރަށް ނުކުމެ ކައިދަންއަށް ގުޅިއެވެ. އޭރު އެމާއާއި ޚަލީސީ ފެންޑާގައި ވަރަށް ފޯރިއާއެކު ޗެސްކުޅެން ތިއްބެވެ.
"ސޫފީ....ސޫފީ.....ވާރޭ ވެހެނީނު. އަވަހަށް އެތެރެއަށް ވަދޭ.."އެމާގެ އަޑަށް ހަޒަލް ހައިރާންކަމާއެކު ބޯ ދިއްކޮށްލިިއިރު އެމާ ގަސްތަކާއި ދިމާލަށް ދުއްވައިގަންނަނީއެވެ.
"އެމާ. ސޫފީ ކޮޓަރީގައި ނިދާފައި..އެމާއަށް ހީވިގޮތަކަށް ވާނީ...."
"ވަޓް؟" އެމާ އެނބުރި ބަލައިލިއެވެ. މޫނުން ފެންތައް ފޮހެމުން އައިސް އޭނަ އެތެރެއަށް ވަނެވެ."ޔަގީންތަ؟ އެކަމަކު........"
ހަޒަލް ފޯނު އެއްލާލާފައި ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ދަރިފުޅު ރަޖާގެ ދަށުގައި ރީތިކޮށް އޮތްތަން ފެނުމުން ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އެމާ އޭނަ ބިރުގަންނަވާލަން ނުބައި ސަމާސާއެއްކޮށްލީއެވެ. ހަޒަލްގެ ފަހަތުން އައި އެމާގެ މޫނުމަތިން އޭރުވެސް ފެންނަނީ ބިރުވެރި ފިލްމެއްގެ މަންޒަރެއް ފެނިގެން އަރާފަދަ ކުލަވަރެކެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރެފައި ހުވާކުރިއެވެ. އޭނަ ކުރީ ސަމާސާއެއް ނޫނެވެ. ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައީ ސޫފީއާއި ވައްތަރު ކުޑަކުއްޖެކެވެ. އަނދިރިކަމުން ފެނުނީ ހިޔަންޏެއްހެނެވެ. އެމާ ބޭރަށް އައިގޮތަށް ޚަލީސީ ގާތުގައިވެސް އެވާހަކަދެއްކިއެވެ. ޚަލީސީ ބުނީ ބިރުން އުޅޭތީ ސިކުނޑި ދައްކާ މަންޒަރުތައްކަމަށެވެ. އޭނައަށް ނުފެންނަ "ޖިންނި"އެއް އެމާގެ ލޮލަށް ފެންނަންވީ ސަބަބެއް ނެތެއް ނޫންހެއްޔެވެ؟
***
ހަޒަލްއާއި ޚަލީސީ ކޮފީ ބޯން ތިބިއިރު ދެކެވުނީ ސޫފީގެ ވާހަކަތަކެވެ. ސޫފީއާއި ބެހޭގޮތުން ޚަލީސީގެ ލަފާ ހޯދަން ހަޒަލް ބޭނުންވިއެވެ. ނަފްސާނީ މާހިރެއްކަމުން ޚަލީސީ އަށް އެފަދަ ކަންތައްތަކުގެ ތަޖުރިބާ ހުންނާނެކަން އޭނައަށް އެނގުނެވެ. ޚަލީސީވެސް ގަބޫލުކުރިގޮތުން ސޫފީގެ ނަފްސާނީ ކޮންމެވެސް މައްސަލައެއް އެބަހުއްޓެވެ. އެއީ ކޮންކަމެއްކަން ދެނެގަންނަން އުދަގޫވިޔަސް އޭޑީއެޗްޑީ ނޫނީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާގެ މައްސަލައެއްކަމެވެ. ދެ އެއްޗަކީވެސް ސިކުނޑީގެ ނާރުތަކަށް ދިމާވާ ހާލަތެއްގެ ސަބަބުން ދިމާވާ ކަމެކެވެ. ޚަލީސީ އިރުޝާދުދިނީ ނަފްސާނީ ޑޮކްޓަރަކަށް ފުރަތަމަ ދައްކައިގެން ކުރިއަށް ގެންދިޔުމަށެވެ. ބަލި ދެނެގަނެވޭނީ އެމީހުންނަށް ކަމުގައެވެ.
***
ހަޒަލް ކޮފީތަށި ގިރަންފެށުމުން މުޅި ހިސާބުގައި ދެވިހިފާފަދަ މީރުވަހެއް ހިފާލައިފިއެވެ. ސިކުނޑި ތާޒާކުރުވާފަދަ ވަހެކެވެ. ހަޒަލް ރާހިލްއާއި ހައިސަމްގެ ކުރިމަތީގައި ކޮފީތަށްޓެއް ބެހެއްޓިއެވެ. އަދި ގޮނޑިއެއް ދަމާލައިގެން އިށީނެވެ.
"އަހަންނާއި ރާހިލްގެ ކިޔަވަން ޚަރަދުކުރަންމަންމަ ކިޑްނީއެއް ވިއްކާފައި ފައިސާ ހޯދި ވާހަކަ ބައްޕަ ބުނީ. ކީއްވެހެއްޔޯ މަންމަގެ ހިތުގައި ޖެއްސީ. އެހާ ލޯބިން ގެންގުޅުނީމަ. އެ ވާހަކަ އިވުނީމަ ޝޮކަކަށް ދިޔައީ. ކިތައް ސިއްރު ފޮރުވައިގެން މަންމަ ހުންނަނީ؟ އާހް...." ހަޒަލް މޭޒުގައި މަޑުމަޑުން ބޯ ތަޅައިގަތެވެ.
ހަޒަލް އިސްއުފުލައިލިއިރު ލޯ ބަރާވެފައިވީ ކަރުނުންނެވެ.
"އެހާ ލޯބިން މަންމަ ގެންގުޅޭއިރު އަހަރެމެން އެންމެނަށް މަކަރު ހެދިއްޖެ. ކިޑްނީ ވިއްކީ މަންމަ ކޮންތަނަކަށް ގޮސްފައި؟ތިއީ އަދި ނުދެނެހުރިކަމެއް........." ހައިސަމް ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.
"އަހަންނަށްވެސް ގޯހެއް ހެދިއްޖެ.."ރާހިލްއަށް އަޑެއް ލައްވައިލެވުނެވެ. ހައިސަމްއާއި ހަޒަލްގެ ލޯ ރާހިލްގެ މޫނަށް އަމާޒުވިއެވެ. ދެމީހުންވެސް ބަލަން ތިބިގޮތުން ރާހިލްގެ ނުތަނަވަސްކަން އިތުރުވިއެވެ.
"ކިޔަވަމުންގޮސް ބޯ ހަލާކުވީއިރުވެސް ފާސްވިކަމަކަށް ނުވި. އެހެންވެ މެޑިސިންއެއް ނޫން ހެދީ..."
"އިޑިއަޓް......މަންމަ އެހާވަރުން އުޅުނީމަ....."ހަޒަލް ހީވީ ރޮއިގެންފާނެހެންނެވެ.
"ޝެފްއަކަށް ވެވުނީ.."
"މަންމަ ދިން ފައިސާއަށް ކީއްކުރީ؟"
"އެކައުންޓްގައި ހުންނާނެ. އައިމް ސޮރީ. މަންމަ ގާތުގައި ނުބުނައްޗޭ. މަންމަގެ ހިތް ހަލާކުވެދާނެ. ހަގީގަތުގައި ބޭނުންނުވިޔަސް ކިޔަވަން މަސައްކަތްކުރިން. ކުރިއަކަށް ނުދިޔައީ. ދޮންބެމެންނަށް އެނގޭނެ ކެއުމާއި ކެއްކުމަށް ހުންނަ ޝައުގާއި އަހަރެންގެ ހުރިހާވެސް އިންޓްރެސްޓްއެއްހުރީ އެކަމަށްކަމާއި ޑޮކްޓަރަކަށްވެގެން ނޫޅެވޭނެކަން. ހޮސްޕިޓަލަށް ފެނުނަސް މޭނުބައިކުރޭ. ފާޑުފާޑު ކެމިކަލްވަހުން ބޮލުގައި ރިއްސާގޮތްވޭ. ޝެފަކަށްވުމަކީ އަބަދުވެސް ދެކެމުން އައި އުއްމީދު. ރެސްޓޯރެންޓެއް ހުޅުވައިގެން ކުރިއަށް ދާން ބޭނުމީ......"ރާހިލް ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިގެން އިންދާ ހަޒަލް އަނގަމަތީގައި ޖެހުމުން ލައްޕައިލެވިއްޖެއެވެ.
"އައި ފީލް ބޭޑް. މަންމަ ނުރުހޭ މީހަކާއި ކައިވެނިކުރެވުނުތީ ގިލްޓީވެއްޖެ. ނަސީބެއް ޑޮކްޓަރަކަށް ވެވުނީތީ..." ހަޒަލް ލޯ އަޅައިލިއެވެ."މާދަމާއިން ފެށިގެން ރާހިލް މިގޭ ކައްކާއަކަށް ހުރޭ..ތިހިރީ ވަރަށް ބޮޑަށް ކުށްވެރިވެފައި.."
"މިހާރު ހިތަށް އަރަނީ އަނެއްކާ މެޑިސިން ހަދަން ޓްރައިކުރަންވީއޭ....މަންމަ އެހާވަރުން ސެކްރިފައިސްވުމުން އަމިއްލަ އެދުން ބޮޑުކަމުން މަކަރު ހަދާ އޮޅުވައިލުމަކީ ދުވަހަކު އަމިއްލަ ނަފުސަށް މާފުނުދެވޭވަރުގެ ކުށެއް. އައި ފީލް ގިލްޓީ. މަރުވިޔަސް ކިޔެވުން ހުއްޓައެއްނުލާނަން......."ރާހިލް ހައިސަމްގެ ކޮނޑުގައި އެލިގަތެވެ." ދޮންބެގެ ސިކުނޑިން އެތިކޮޅެއް ދީބަލަ.."
***
"ކޭޑް....މިހުރިހާ ދުވަހުވެސް މާމަ އެކަނި ދިރިއުޅުނީ. މަންމަ ހުއްދަދިނީމަ މިގޭގައި އުޅެވޭނެއްނު. މިއަދު އިންޓަވިއުއަށް ގޮސްފައި މިއައީ. ޖޮބް ހަމަޖެހުނުހާ އަވަހަކަށް ޑިއުޓީއަށް ނިކުންނަން ޖެހޭނެ. ކައި ހުރީމަ ސޫފީވެސް ތަންކޮޅެއް ބަސްއަހައިގެން އުޅޭނެ. މިގޭ އެންމެނަށް އުދަގޫފަށެއްކޮށްލާ..." ހޭޒަލް ކައިދަންއަށް ގުޅައިގެން ހުރިއިރު ސޫފީގެ ހަރަކާތްތަކަށް ބަލަމުން ފަހަތުން ދިޔައެވެ."ދަރިފުޅު ތި ގަސް ނުއުފުރާ. މާމަ ރުޅިދުރުވާނެ އިނގޭ.........."
"ވިސްނާލަން ޖެހޭނީ..."
"ކޮންކަމަކާއިތަ؟"
"މަންމަ ހިތާއި ދެކޮޅަށް އޯކޭ އެވީ. އަހަރެން ތިގެއަށް ދާން ކޮމްފޮޓަބްލްއެއްނޫން..މީހުންގެ ތެރޭ އުޅެން ފަސޭހައެއްނޫން......."
"ވީއިރު ދެން ވަކިވާންވީ؟"ހަޒަލް ރުޅި އަންނަގޮތްވެފައި ތަންކޮޅެއް ބާރަށް ވާހަކަދެއްކިއެވެ. ކައިދަން މަތަކުރެވޭނީ އެކަހަލަ އުކުޅަކުންނެވެ.
"ހަމަޖެހިބަލަ...." ކައިދަންގެ އަޑު މަޑުވިއެވެ.
"ރުޅި ފިނިވާނީ މިގެއިން ކޭޑް ފެނުނީމަ. އެނގޭތަ؟ މަންމަ އަހަރެމެންނަށްޓަކާ ހާދަ ގުރުބާނެއް ވެއްޖެ. މިއަދު ބޭނުންވޭ މަންމައަށް އުފާވެރި ދިރިއުޅުމެއް ހޯދަދޭން. ކޭޑްވެސް ޖޮބެއް ހޯދައިގެން މަންމައަށް ކޭޑްއަކީ ކިހާ ފެންވަރެއްގެ މީހެއްކަމާއި ބޭކާރު މީހެއްނޫންކަން ޕްރޫވްކޮށްދީ..ދަރިފުޅުދެކެ ލޯބިވާ މިންވަރުވެސް އޭރުން މަންމައަށް ފެނި ކޭޑްދެކެ އަމިއްލަ ދަރިއެއްފަދައިން ލޯބިވެވޭނެ."
"އޯކޭ..."ކައިދަން އެއްބަސްވިއެވެ.
***
ހަނދުވަރުގެ ތޫނު އަލި ގަސްތަކުގެ ތެރެއިން ފުރާނާލާފައި ހުޅުވިފައިވާ ކުޑަދޮރުން ކޮޓަރިތެރެއަށް އެޅިފައިވިއެވެ. ކައިދަން އެނދުގައި އޮށޯވެލައިގެން އޮތްވާ ކުޑަދޮރު ހުޅުވުނުއިރު ދަބަރު ޖަހާފައިވާފަދަ މުރަނަ މަޑު އަޑެއް މާހައުލުގެ ހިމޭންކަން މުގުރައިލިއެވެ. ބާރު ވައިރޯޅިއެއްގެ އިހުސާސް ކުރެވުމާއެކު ކައިދަންއަށް ލޯ ހުޅުވައިލެވުނެވެ. މޭމައްޗަށް މީހަކު އަރާ އިންފަދައިން މެޔަށް ބަރުވެ ނޭވާ ފިތެންފެށިއެވެ.
"މިގަޑީގައި އުދަގޫކުރަނީ ކީއްވެ؟ ނިދާގަޑިއޭ..........." ކައިދަން ވައިގެ ތެރޭގައި އަތް ހޫރައިލިއެވެ.
"އެކޮއި. އެކޮއި ކީއްވެ ހަޅޭއްލަނީ.." ދަމު ނަމާދަށް ތެދުވެ އުޅުނު ޚާތޫނު އަސާގަޑުގެ އެހީގައި ކުދި ފިޔަވަޅުތައް އަޅަމުން ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ހުޅުވިފައިވާ ކުޑަދޮރު ފެނުމުން އެދިމާލަށް ހިނގައިގަތެވެ." ދޮރު ހުޅުވައިގެން އޮތީމަ މިއުޅޭ ވަގުންނާއިހެދި މާމަގެ ދަތްޕިލާވެސް ސަލާމަތުން ނޯންނާނެ...."
ކައިދަންގެ ލޮލަށް ބައްތީގެ އަލި އެޅުނެވެ. އަޖައިބެއްފަދަ ދިގު އެސްފިޔަތަކުން ހިޔަނި އެޅިފައިވާ މުށިކުލައިގެ ލޯ ސިއްރުވެރި ކަނޑެއްފަދައެވެ.
"މާމާ. ނުނިދަނީތަ؟"ކައިދަން އަވަހަށް ދޮރު ލައްޕާލައިފިއެވެ.
"މާމައާއެކު ތަހައްޖަދު ނަމާދަށް ހިނގާބަލަ. ކޮއިފުޅު ލޯމެރުނު ދުވަހަކުން ހުސްއަތާ ދާން ނުޖެހޭނެވަރު އެބަކުރަން އިރާދަފުޅުކުރެއްވިއްޔާ ދެރަގޮތެއްނުވާނެ.މާމަ ހައިރާންވަނީ ކޮއިފުޅު ނިދީގައި ހިނގުމާއި ވާހަކަދެއްކުމާއި ހީ ހަދާތީ. ފަންޑިތަހައްދަން މީހަކު ގެންނަންވީތަ؟ އެސްފިނާއެއް ޖެހުނީކަމަށްވެސް ވެދާނެ. ކޮއިފުޅަށް އާދަޔާ ޚިލާފު އުދަގުލެއްވޭތަ؟މީހަކު އުދަގޫކުރަނީތަ؟"
"އެއީ ނިދާފައި އޮވެއެއްނޫނޭ މާމާ.."ކައިދަން މާމަ ގަޔާއި ކައިރިކޮށްލިއެވެ.
"މާމައަށް ދޮގުނަހަދާތި..." ޚާތޫނު އުކުޅުގައި އަތްވިއްދައިލިއެވެ.
"މާމައަށް އެނގޭތަ؟ ހަޒަލް ބުނި އެގެއަށް އަންނާށޭ. އެކަމަކު......ކޮންފަދަ އުދަގޫކަމެއް؟ ރޯޒަލީދައްތަ އެއްބަސްވިޔަސް މާމަ ދޫކޮށްފައިދާހިތެއް ނެތް. އެގެއިން ޖިންނިވެސް ފެނެޔޯ............."
ޚާތޫނު ހިނިގަނޑެއް ޖަހާލައިފިއެވެ."ކޮއިފުޅު ސިއްރެއް ބުނަންތަ؟ ޖިންނި އުޅެނީ އެކަނި އެގޭގައެއްނޫން. މުޅި މިރަށް އަވަލާފައި މިއޮތީ. ކީއްވެކަމެއްވެސް ނޭގޭ. މާމަގެ ހިތް ބުނަނީ އެހާވަރަށް ޖިންނިންގެ އުދަގޫ ފޯރަނީ އެއެއްޗިއްސަށް ނޭގިނަމަވެސް ބޮޑު ގެއްލުމެއް ނޫނީ އަނިޔާއެއް ދެވުނީމަޔޯ..........."
"މިގެއިންވެސް ފެނޭތަ؟"ކައިދަން އެސްފިޔަތައް ތިރިކޮށްލިއެވެ.
"އާނ..."ޚާތޫނު ކަރުކެހިލިއެވެ." ރޭގަނޑު އެކަހަލަ ވާހަކަނުދައްކަމާ ދަރިފުޅު..."
ޚާތޫނުއާއި ކައިދަން ނަމާދުގޭގައި ނަމާދުކުރަން ތިބިއިރު ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ބިރުގަންނަހާ ހިމޭނެވެ. ފަނިފަކުސައެއް ދިރޭ އެއްޗެއް އަދި އިންސާނެއްގެ އަޑުވެސް ނީވުމުން ތަފާތު އިހުސާސްތަކެއްކުރެވުނެވެ. ކައިދަން ސަލާމް ދިނުމަށްފަހު މާމަ ގޮވައިގެން ކޮޓަރިއާއި ހަމަޔަށް ގެންގޮސް އެނދުގައި ބާއްވާފައި ރަޖާ އަޅާލަދިނެވެ. އަދި ސަލާމްކޮށްލާފައި ހިނގައިގަތީ ކާކޮޓަރިއާއި ދިމާލަށެވެ.
***
ރޯޒަލީއާއި އާއިލާގެ އެންމެން ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން މޭޒުގެ ވަށައިގެން އިށީދެލައިގެން ތިބިއިރު ކުޑަދޮރުތަކުގައިވާ ފަރުދާތައް ހުރީ ކަހާލާފައެވެ.އިހުގެ ގޮތަށް ހަދާފައިވާ ކުޑަދޮރުތަކުގެ ބިއްލޫރ ިތަންކޮޅެއް ބޯވެފައި ޑިޒައިން އެއްހުރުމުން ގަސްތަކުގެ ހިޔަނިތައް ފެނުނަސް ބޭރުގެ މަންޒަރުތައް އެހާ ރީއްޗަށް ނުފެއެވެ. ހައިސަމްއާއި ރާހިލް ކަޅުކުލައިގެ ޖިންސާއި ނޫ ޖިންސްގައި ތިބިއިރު ހަޒަލްއާއި އެމާ އަދި ޚަލީސީވެސް ތިބީ ޖިންސާއި ޓީޝާޓުގައެވެ. ޚަލީސީގެ ރަންއިސްތަށިގަނޑު މައްޗަށް އޮމާންކޮށްލާފައިވާއިރު އެ ދޮންމޫނު ވިދައެވެ. ހިމަކޮށް ދިގުކޮށް ހުރުމުން އޭނައެކޭ މޮޑެލްއެކޭ ތަފާތެއްނެތެވެ. ސޫފީ ހަޒަލްގެ އުނގުގައި އިނީ އިނގިލި އަނގައިގާ ޖަހައިގެންނެވެ.
"މިއަދު ރާހިލް ފަރާޓާއާއި މަސް ފިހުނީ...މަންމަގެ ރާހިލްގެ ހުނަރުތައް ގިނަކަމުން ދުވަސްކޮޅަކުން ޓީވީއަށްވެސް އަރާނެ.."ރޯޒަލީ ފަޚުރުވެރި ނަޒަރަކުން ބަލައިލުމާއެކު ރާހިލްއަށް ހިންދިރުވައިލެވުނެވެ.
"ރާހިލް ފާސްވިތޯ މަންމަ އަހާބަލަ..."
"މަންމަ ކީއްކުރަން އަހަނީ؟ ރާހިލް ނާރުގެ ޚާއްސަ ޑޮކްޓަރަކަށްވެގެން މަންމަގެ ސިކުނޑި އޮޕަރޭޝަންކޮށްގެން އުޅެނިކޮށް މަންމައަށް ހުވަފެނުން ފެނުނީ..."ރޯޒަލީ ގެ މޫނުމަތި މިރޭ ވަކިން އައްޔެވެ.
"މަންމަގެ ހުވަފެން ސީދާވާނެ.." ރާހިލް ހަތަރު ފަރާޓާ ތަށްޓަށް ލައިގެން އަނގަ ފުރެންދެން ލައިގެން ހަފަމުން ވާހަކަދެއްކިއެވެ.
"އިންޝާﷲ..." ރޯޒަލީ އަވަހަށް ކިޔާލައިފިއެވެ.
"ޑޮކްޓަރ ޖަގްހެޑް..." ހަޒަލްދިމާކުރިއެވެ."އެނގޭތަ؟ ޑޮކްޓަރ ހަޒަލްއަށް ޖޮބް ހަމަޖެހިއްޖެ............"
"ކޮންގްރާ ސިސް..." ޚަލީސީގެ ނަޒަރު ހައިސަމްގެ މޫނަށްވެސް ހުއްޓުނެވެ." ތްރީ ސިބްލިންސް އެއްތަނެއްގައި ވޯކްކުރާއިރު ވަރަށް ސަޅި.."
"ހަތަރެއް...ޖައިޝްވެސް ހުރޭ. ޚަލީސީއާއި ދިމާނުވޭ ދޯ. ދޮންބެއާއި ޖައިޝްގެ ބައްޕައަކީ މާލޭ މަޝްހޫރު މީހެއް. ޖައިޝް ކުޑައިރު ޗޫޒްކުރީ ބައްޕަ އެހެންވެ މަންމައާއި އެހާ ގުޅުމެއްނޯވޭ. ޖައިޝް މުއްސަދިވާން ބޭނުންވީ އެހެންވެ....." ހަޒަލްގެ ވާހަކައިން ރޯޒަލީގެ މޫނުމަތީގެ އުފާވެރިކަން ކެނޑި މޯޅިވެފައިވާ މަލެއްހެން ވެއްޖެއެވެ.
"ދޮންބެއަށްވެސް ވަރަށް މަލާމާތްކުރޭކަން ނޭގޭ.."ހަޒަލް އިތުރަށް ކިޔާދިނެވެ.
އެމާ ކުއްލިއަކަށް ހަޒަލްގެ އަތުގައި ހިފެހެއްޓިލެއް ބާރުކަމުން ހަޒަލްއަށް އަޑެއްލައްވައިލެވުުނެވެ."އައްދިއްޔޯތް އެމާ.....މަގޭ އަތް..."
"ހަމަ އެމާ ބަލަން ހުއްޓާ މީހަކު ކުޑަދޮރު ކައިރީގައި އެހުއްޓުނީ...ބަލަން އެހެރީ. ރަތް ދެލޯ............"އެމާގެ އަތްވެސް ތުރުތުރުލައެވެ. ސޫފީވެސް ކަޅިޖަހާނުލާ ކުޑަދޮރާއި ދިމާލަށްބަލަން އިނދެ އިނގިލިން އިޝާރާތްކުރިއެވެ.
"ސޫފީއަށްވެސް އެބަފެނޭ. ދޮންތަމެންނަށް ނުފެނޭތަ؟ އޭތި ބަލަން އެހެރީ..."
"ހީވިގޮތަކަށްވާނީ." ހަޒަލް ބުނެލިއެވެ.
ކުއްލިއަކަށް އެތައް ސަތޭކަ ޓަނުގެ ވެލިތަކެއް އެއްފަހަރާ ފުރާޅަށް އޮއްސައިލެވުނުހާ އަޑުގަދަވިއެވެ. ފުރާޅުވެސް ބޮލަށް ފައިބައިގަތްހެން ހީވިއެވެ.
"ގުގުރަނީތަ؟" ރާހިލް ލޯބޮޑުކޮށްލާފައި ވަށައިގެން ހޯދައިލިއެވެ.
"ނޫން ސްޓުޕިޑް.....ވާރޭ ވެހިގަތީ.."ހަޒަލް ހޭންފެށިއެވެ.
ނުނިމޭ