ކޮންޓްރެކްޓަރުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ)ގެ ރައީސް އަކަށް މިދިޔަ އަހަރު ވެސް އެ މަގާމު ފުރުއްވި މުހަންމަދު އަލީ ޖަނާހު (ޖަނާ) އިންތިހާބުކޮށްފި އެވެ. މިއީ ޖަނާ ރައީސް ކަމުގެ މަގާމު ފުރުއްވާ ހަތަރުވަނަ ދައުރެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެ ޖަމްއިއްޔާގެ 10 ވަނަ އަހަރީ އާންމު ޖަލްސާގައި ޖަނާ ރައީސް ކަމުގެ މަގާމަށް އިންތިހާބުވީ އެ މަގާމަށް ޖަނާއާ އެކު އެހެން ބޭފުޅަކު ވާދަނުކުރެއްވުމުންނެވެ. އަދި ނައިބު ރައީސްގެ މަގާމަށް މި އަހަރު ވެސް އިންތިހާބުވީ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި އަލާއު އަލީ އާއި އަދުނާން ހަލީމް އެވެ. އަލާއު އާއި އަދުނާން ފިޔަވައި އިތުރު ބޭފުޅަކު އެ މަގާމަށް ވާދައެއްނުކުރައްވަ އެވެ.

ހަޒާދާންރު ކަމަށް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އަބްދުލް މުއްތޮލިބު އިންތިހާބު ކުރި އިރު، ހަޒާންދާރުގެ ނައިބަކަށް އިންތިހާބުކުރީ ކޮންޓެކް ޕްރައިވެޓް ލިމިޓެޓްގެ އެމްޑީ އަހުމަދު ޝާހިދު އެވެ. އެދެ މަގާމަށް ވެސް އިތުރު ބޭފުޅަކު ވާދައެއްނުކުރައްވަ އެވެ. ޝާހިދު ފިޔަވައި ދެން ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް މިދިޔަ އަހަރު ވެސް އެ މަގާމުތައް ފުރުއްވި ބޭފުޅުންނެވެ.

އެ ޖަލްސާގައި މަސީގެ އެކްޒިޓިވް ބޯޓަށް ހަ ބޭފުޅަކު ވަނީ އިންތިހާބުކޮށްފަ އެވެ. ދެ ބުރަކަށް ވޯޓުލައިގެން ބޯޑު މެންބަރުކަމަށް އިންތިހާބުވީ މާރިސް ކޮންސްޓްރަކްޝަންގެ އެމްޑީ މުހަންމަދު ސައީދާއި އައިމާގެ ޑިރެކްޓަރު، މުހަންމަދު އަބްދުލް އަޒީޒު އާއި ޖައުސާގެ އެމްޑީ މުހަންމަދު އިލްވާޒް އާއި އަމީން ކޮންސްޓުރަކްޝަންގެ އެމްޑީ އަބްދުﷲ މުހަންމަދާއި ސްވިފްޓް އިންޖިނިއާރިންގެ އެމްޑީ ސައުދުﷲ ހިލްމީ އަދި ކެޑޯ އާކިޓެކްޓުގެ ފަޔާޒު މަންސޫރެވެ.

ރޭގެ ޖަލްސާގައި ވަނީ އެ ޖަމްއިއްޔާގެ އަހަރީ ރިޕޯޓް ފާސްކުރުމުގެ އިތުރަށް މާލީ ހިސާބުތައް ވެސް ފާސްކޮށްފަ އެވެ. އަދި މި އަހަރަށް ލަފާކޮށްފައިވާ އެ ޖަމްއިއްޔާގެ ބަޖެޓް ވެސް ވަނީ ފާސްކޮށްފަ އެވެ.

ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ޖަނާ ވިދާޅުވީ މިދިޔަ އަހަރަކީ މަސީއަށް ދަތިތަކާއި ކުރިމަތިވި އަހަރެއް ކަމުގައިވިޔަސް ގިނަ ކަންތައްތަކެއް ހާސިލްކުރެވުނު އަހަރެއް ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ޖީއެސްޓީގެ ސަބަބުން ކޮންޓްރެކްޓަރުންނަށް ދިމާވި ދަތިކަމަށް ލުޔެއް ހޯދައިދިނުމާއި ޑޮލަރުގެ އަގަށް އައި ބަދަލާ ގުޅިގެން ކޮންޓްރެކްޓަރުންނަށް ލުޔެއް ހޯދައިދިނުމަށް ކުރެވުނު މަސައްކަތްތަކެވެ.

"މި މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދިފައި. އަޅުގަނޑު އަބަދު ވެސް އެދެނީ މަސީއަށް ކުރިއެރުން،" ޖަނާ ވިދާޅުވި އެވެ.

މަސީގެ މެންބަރުންގެ ގޮތުގައި ކޮންސްޓަރަކްޝަންގެ ދާއިރާގެ 46 ކުންފުންޏެއް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.