15 Aug 2022, 15:47
އިންޑިއާގެ 76 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުގައި ފާހަގަކޮށްފިއެވެ.
އެދުވަސް ފާހަގަކުުރުމަށް، ހުޅުމާލޭގައި އަލަށް ހުޅުވި ހައިކޮމިޝަނުގެ އިމާރާތުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރުގެ އިތުރުން، އެމްބަސީގެ އޮފިޝަލުންނާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި، އެކުވެރިން ބައިވެރިވިއެވެ.

އިންޑިއާގެ 76 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު މުނޫ މަހާވަރު ވިދާޅުވީ، އިންޑިއާގެ 76ވަނަ މިނިވަންދުވަސް ރާއްޖެއާއި، އެހެނިހެން ގައުމުތަކުގައި ތިބި އިންޑިއާގެ ރައްޔިތުން ޖޯޝާއެކު ފާހަގަކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއާއި، އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން އަދާކުރާ ދައުރަށް ޝުކުރު އަދާކުރެއްވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއާއި އިންޑިއާ އާއި ދެެމެދުގައި ގާއިމްވެފައިވާ ގާތް ގުޅުމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖެއާއި، އިންޑިއާއާ ދެ ގައުމަކީ އިގްތިސާދީ، ތައުލީމީ އަދި ސަގާފީ ދާއިރާއިން ގާތް ގުޅުމެއް އުފެދިފައިވާ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށާއި، ރައީސް އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މުހިއްމު ދާއިރާތަކުން ދެ ގައުމުގެ މެދުގައި އެއްބަސްވުންތައް ގާއިމުކުރެވުނު ކަން ސަފީރު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ 76 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---
މި ރަސްމިއްޔާތުގައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ދެއްވި ޚިތާބު އިއްވަވާފައެވެ. އަދި، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ފަރާތުން އިންޑިއާގެ ގައުމީ ލަވަތައް ވެސް ވަނީ ހުށަހަޅާދީފައެވެ.