29 Mar 2012, 10:29
ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ހދ. ކުޅުދުއްފުށީގައި އިތުރުވަމުންދާތީ އެ ރަށުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ފެށި އޮޕަރޭޝަނަކީ ކުޅުދުއްފުއްޓަކީ ކުށްމަދު ވެއްޓަކަށް ހެދުމުގެ މަޤްސަދުގައި އެ ރަށު ޕޮލިސް ސްޓޭޝަނުން ފެށި މަސައްކަތެއް ކަމަށެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ހާއްސަ ޓީމަކުން ކުރިއަށްގެންދާ އެ އޮޕަރޭޝަނުގައި ވައްކަމުގެ މައްސަލައަކާ ގުޅިގެން ޗެކްކުރި އެ ރަށު ކަރަންކާގެ އިން ތުޙުމަތުކުރެވޭ މީހަކު ވަނީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ދިރިއުޅޭގެ ބަލައިފާސްކުރި އިރު އެގޭގައި ހުރި ބައެއް ތަކެއްޗަކީ ވަގަށް ނެގުމަށް ފަހު ފޮރުވަން ވައްދާފައި ހުރި ތަކެތި ކަމަށް ތުހުމަތު ކުރެވޭތީ އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮންއެއްޗެއްސިއް ކަމެއް ފުލުހުން ނުބުނެ އެވެ.
ކުޅުދުއްފުށީގައި ފުލުހުން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި މި މަހުގެ 22 ވަނަ ދުވަހު އެ ރަށު ރާޅުފޮނު ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހުގެ ހަވީރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރި އިރު، އޭނާ ނިދާ ކޮޓަރިން ހަ ރަންފަށާއި، ރިހި ފައްޓަރުބަޔަކާއި، ދެ ފަށުފުލާއި، އެއް ޖޯޑް ކަންފަތުލާ އެތި ފެނިފައިވާ އިރު، އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކުށްމަދު ކުރުމަށް ކުޅުދުއްފުށީގައި ހިންގާ އޮޕަރޭޝަނުގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި 25 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެ ދެ މީހުންނަކީ ވެސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށެވެ. އަދި އެ ދެ މީހުން އެވަގުތު ތިބި ސަރަހައްދު ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި އަށް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ވެސް މިދިޔަ ހޯމަ ދުވަހު ހަވީރު ކުޅުދުއްފުށީ ބަންޑާރަ މަގުން ނުރައްކާތެރި ގޮތަށް ބާރު ސްޕީޑުގައި ސައިކަލު ދުއްވި ދެ މީހަކު ހިފަހައްޓައި އެ ދެ މީހުން ދުއްވަމުން ދިޔަ ސައިކަލު ވަނީ ޓޯ ކޮށްފަ އެވެ.