ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެކި ދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ބުނެ ދައުލަތުން އާދިލުގެ މައްޗަށް އުފުލި ދައުވާގެ އަސްލަށް އޭނާ އިންކާރު ކުރާ ކަމަށެވެ.
~
ދައުވާގައި ބުނެފައިވާ 13 އަހަރުގެ ކުއްޖަކާ އާދިލް ޖިންސީ އަމަލު ހިންގި ކަން ސާބިތު ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާ ކަމަށް ހުކުމްގައި ބުނެ އެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނޫގެ 47 ވަނަ މާއްދާގައި ބުނާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާތީ އާދިލުގެ މައްޗަށް ކުޑަކުއްޖަކާ މެދު ޖިންސީ އަލެއް ހިންގުމުގެ ކުށް ޝަރީއަތަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނޫގެ ދަށުން އާދިލްގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައި ވަނީ އާދިލްގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހެކިބަސް ނެގުމަށްފަހުގަ އެވެ.

އާދިލުގެ މައްޗަށް ދައުވާކޮށްފައިވާ ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނޫގެ ތިން ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ނެވެ. އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފިނަމަ އެކުރަނީ ކުށެއް ކަމަށެވެ. އެ ގާނޫނޫގެ ތިންވަނަ މާއްދާގެ (ނ) ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ލުން ކަމަށެވެ.