15 Aug 2022, 01:02
ސްޕެނިޝް ލަލީގާގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން މޮޅުވާން މަސައްކަތްކުރި ކަމަށާއި، ދެން ކުޅޭ މެޗަކުން މޮޅުވާނެކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނެފިއެވެ.
ލަލީގާގައި ބާސެލޯނާ ރޭ ވަނީ އެ ޓީމުގެ ފުރަތަމަ މެޗު ރަޔޯ ވަޔޮކާނޯއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލު ނުޖެހި ވަނީ އެއްވަރުވެފައެވެ.
ވަރުގަދަ ސްކޮޑަކާއެކު ބާސެލޯނާ ލަލީގާގެ ފުރަތަމަ މެޗަށް ފަހު ކޯޗު ޒަވީ ބުނީ އެ މެޗަކީ އުނދަގޫ މެޗެއްކަމަށެވެ. ރަޔޯ ވަޔޮކާނޯގެ ކީޕަރު ވެސް ހުރީ ތަފާތު މޮޅު ފޯމެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ މެޗަކީ އަހަރުމެންނަށް އުނދަގޫ މެޗެއް. އެކަމަކު މަދުވެގެން ގޯލެއް އެ މެޗުގައި ޖެހެން ޖެހޭކަމަށް އަހަރެން ގަބޫލުކުރަން،" ޒަވީ ބުންޏެވެ.
މީގެ އިތުރުން ޒަވީ ބުނީ މެޗު ކުރިއަށް ދިޔަވަރަކަށް ކުޅުންތެރިންގެ ވަރުބަލިކަން ފެނުނުކަމަށެވެ. އެހެންކަމުން އަދި ބޮޑަށް މެޗު އުނދަގޫވިކަމަށް ވެސް ޒަވީ ބުންޏެވެ.
އޭނާ ބުނީ އެހެން މީހުންނަށް ބާސެލޯނާ ރަނގަޅު ފާލަކަށް އެޅިފައިވާކަން ދައްކަން މަސައްކަތް ކުރަން އުޅުމަކީ ވެސް މެޗު ޕްރެޝާވި ސަބަބެއް ކަމަށެވެ.
"އަހަރުމެން ބޭނުންވީ ސަޕޯޓަރުން އަހަރުމެންނަށް ކުރާ އިތުބާރު ދަމަހައްޓަން މަސައްކަތް ކުރަން. އެކަމުން ޕްރެޝާ ތަކެއް ކުރިމަތިވި ޓީމަށް،" ޒަވީ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ޒަވީ ބުނީ އެ ޓީމު ދެއަންނަ މެޗަކުން މޮޅުވާނެ ކަމަށެވެ. އަދި ސަޕޯޓަރުން ކެތްތެރިކަމާއެކު ތިބުމަށް ވެސް އޭނާ ވަނީ އެދިފައެވެ.
ބާސެލޯނާ އާ ސީޒަން ފޭށީ އެ ޓީމަށް ގިނަ ކުޅުންތެރިން ގެނައުމަށް ފަހުގައެވެ. އެ ޓީމަށް ވަނީ ބަޔާންގެ ރޮބާޓް ލެވަންޑޯސްކީއާއި، ޗެލްސީގެ ކްރިސްޓެންސެންއާއި، އެސީ މިލާންގެ ފްރޭންކް ކެސީގެ އިތުރުން ސެވިއްޔާގެ ޖޫލްސް ކުންޑޭ އެ ޓީމަށް ގެނެސްފައެވެ.
ސްޕެނިޝް ލަލީގާގައި ބާސެލޯނާ ދެން ކުޅޭނީ ރާއްޖެ ގަޑިން އަންނަ އާދިއްތަ ދުވަހުގެ ދަންވަރު 1:00ގައެވެ. އެ މެޗުގައި އެ ޓީމު ކުޅޭނީ ރިއަލް ސޮސިއޭޑެޑް އާ ދެކޮޅަށެވެ.