14 Aug 2022, 19:07
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
އެމްޑީޕީން ބުނީ، ރައީސް ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާނީ އެމްޑީފީގެ އޮފީހުގައި ހެނދުނު 11:00 ކަމަށެވެ.
ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރަށްވަން ނިންމެވިއިރު، އެމަނިކުފާނު ވަނީ ދާދިފަހުން ހިނގައިދިޔަ އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި އެމަކިނުފާނުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމާ ގުޅިގެން ނުރުހުންފާޅުކުރައްވާފައެވެ.
ނާޒިމް ސައްތާރު ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ އުސޫލުތަކާ ޚިލާފަށް ސިޔާސީ ބޭނުމެއްގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އަންހެން ކުއްޖަކާ އެކު ޒިނޭކުރާ ފޮޓޯތަކެއް ލިބިފައިވާ ކަމަށް ބުނެ ސާބިތު ނުހިފޭ އިލްޒާމް ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ބޮލުގައި އަޅުވާފައެވެ. އެ ފޮޓޯތައް ހާމަކޮށްދޭން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން އެދުމުން އެކަމެއް ވެސް އެމަނިކުފާނަކަށް ނުކުރެއްވުނެވެ.
ރައީސް ޞާލިޙްގެ އެފަދަ ފޮޓޯތަކެއް ނުހުންނާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ދެއްވާފައެވެ.
އެ ފޮޓޯތަކުގެ ވާހަކަ ދެއްކެވިތާ ދުވަސް ކޮޅެއްގެ ތެރޭގައި ރައީސް ނަޝީދުގެ ފޯނު ފޭރިގެންފައިވާ ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުންނާ ހަވާލާދީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އީވާ ވިދާޅުވީ އިނގިރޭސިވިލާތުގެ ރެސްޓޯރަންޓެއްގައި އިންނަވަނިކޮށް މީހަކު ރައީސް ނަޝީދުގެ ފޯނު ޖަހައިގަތީ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެފައި ވަނީ އެއީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށެވެ.
ރައީސް ނަޝީދުގެ އަމަލުތަކުގެ ސަބަބުން އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.