ބަޣްދާދު (މާޗް 29) : ޢަރަބި ޤައުމުތަކުގެ އިސްވެރިންގެ ސަމިޓް ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި މިއަދު ފެށޭނެއެވެ. މިސަމިޓަށް ތައްޔާރުވުމުގެ ގޮތުން ޢަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބަޣްދާދުގައި އިއްޔެވަނީ ބާއްވާފައެވެ.

މިބައްދަލުވުމުގައި ޢަރަބި ޚާރިޖީވަޒީރުންވަނީ ޢަރަބި ސަމިޓްގެ އެޖެންޑާއަށް ބައެއް ބަދަލުތައްގެނަސް ފައިނަލްކޮށްފައެވެ. މިގޮތުން 12 މައްސަލައެއް ހިމެނޭގޮތަށް ކުރިންތައްޔާރުކޮށްފައިވާ އެޖެންޑާގެ ޑްރާފްޓަށް ބަދަލުތައް ގެނަސް 9 މައްސަލައަށް ވަނީ އެޖެންޑާ ކުޑަކޮށްފައެވެ. ޢަރަބި ޚާރިޖީ ވަޒީރުން އިއްޔެ ފައިނަލްކުރި ޢަރަބި ސަމިޓްގެ އެޖެންޑާގެ އެންމެ ކުރީގައިވަނީ ފަލަސްތީނުގެ މައްސަލައާއި ސޫރިޔާއާއި ޔަމަންގެ ދާޚިލީ މައްސަލަތަކެވެ.

ޚާއްސަކޮށް އެޖެންޑާގައި އެންމެބޮޑު އިސްކަމެއް ދީފައިވަނީ އދ. ގެ މަންދޫބު ކޯފީއަނާން ސޫރިޔާގެ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށް އެކުލަވާލާފައިވާ 6 ނުކުތާގެ ޕްލޭން ބަލައިގަނެ އެޕްލޭން ތަންފީޒުކުރުމަށް ސޫރިޔާ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ބާރުއެޅުމުގެ މައްޗަށެވެ.

މީގެއިތުރުން ސޮމާލިޔާގެ މައްސަލައާއި ނިއުކްލިޔަރހަތިޔާރުނެތް ސަރަޙައްދަކަށް މެދުއިރުމަތިހެދުމާއި ޢަރަބި ޤައުމުތަކުގެ މެދުގައި އިޤްތިސާދީ ގުޅުންތައް ބަދަހިކުރުމާއ ޢަރަބި ލީގުގެ އޮނިގަނޑު އަލުން އިސްލާޙް ކުރުންފަދަ މައްސަލަތައްވެސް ޢަރަބި ސަމިޓްގެ އެޖެންޑާގައި ހިމެނެ އެވެ.

ބަޣްދާދުގެ ސަމިޓްގައި ޢަރަބި ހުރިހާ ޤައުމެއް ތަމްސީލް ކުރިނަމަވެސް ގިނަޤައުމުތަކުގެ އެންމެ އިސްވެރިން މިސަމިޓަށް ޙާޒިރުވެވަޑައިނުގަންނަވާނެ ކަމަށް ޚަބަރުލިބެއެވެ. ޢަރަބި 22 ޤައުމުގެ ތެރެއިން ބަޣްދާދުގެ ސަމިޓަށް ޙާޒިރުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވަނީ 10 ޤައުމެއްގެ އިސްވެރިންނެވެ. މީގެތެރޭގައި ޢިރާޤުގެ އިތުރުން ކުވައިތު، ސޫދާން، ލީބިޔާ، ތޫނިސް، މޮރިޓޭނިޔާ އަލްޖަޒާއިރު އަދި ކޮމޯރޯސް އައިލެންޑްސް ގެ އެންމެ އިސްވެރިން ހިމެނެއެވެ.
އަނެއް 12 ޤައުމު ތަމްސީލް ކުރައްވާނީ ޚާރިޖީ ވަޒީރުންނާއި ބޮޑުވަޒީރުންނެވެ. ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ ގެ ސެކްރެޓަރީ ޖެނެރަލް އަކްމަލުއްދީން އިޙްސާން އޮގްލޯ އިއްޔެވަނީ ބަޣްދާދަށް ވަޑައިގެންފަ އެވެ.

ޢަރަބި ސަމިޓަށް ޓަކައި ޢިރާޤުންވަނީ އާދަޔާ ޚިލާފު ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. މިކަމަށްޓަކައި އެއްލައްކައަށްވުރެގިނަ ސިފައިންނާއި ފުލުހުން ސަލާމަތީ ވަސީލަތްތަކާއެކު ބަޣްދާދާއި އެރަށުގެ ވަށައިގެންދާ ސަރަޙައްދުތަކުގައި ގެންދަނީ ޙަރަކާތްތެރިވަމުންނެވެ. މިއީ ފާއިތުވި 34 އަހަރު ތެރޭގައި ޢިރާޤުގައި ބޭއްވޭ ޢަރަބި ފުރަތަމަ ސަމިޓެވެ.

ޢިރާޤުގެ ޚާރިޖީވަޒީރު ހޯޝިޔާރު ޒީބާރީ ވަނީ އެޤައުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ޢަރަބި ލީޑަރުންގެ ޢަދަދާމެދު ހިތްހަމަޖެހޭކަން ހާމަކުރައްވާފައެވެ. (އަލްޖަޒީރާ)