ދިމިޝްގް (މާޗް 29): ސޫރިޔާގެ ދާޚިލީ މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ޓަކައި އދ.ގެ ސުލްޙައިގެ މަންދޫބު ކޯފީ އަނާން ހުށަހެޅުއްވި ޕްލޭނަށް ސޫރިޔާ އާނބަސް ބުނުމާ އެކު އެޕްލޭން އަވަހަށް ތަންފީޒު ކުރުމަށް އަނާން ގޮވާލައްވައިފި އެވެ.

އަނާން ވިދާޅުވީ ސޫރިޔާ ސަރުކާރުން ސުލްޙައިގެ ޕްލޭންބަލައިގަތުމުން ހިއްވަރު ލިބިވަޑައިގެންފި ކަމަށާއި އެންމެ މުހިއްމު ކަމަކީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް އަވަހަށް ހުއްޓުވުމަށް ޓަކައި ޕްލޭން އަވަހަށް ތަންފީޒުކުރުން ކަމުގަ އެވެ.

ހަ ނުކުތާގެ މައްޗަށް އެކުލެވޭ މިޕްލޭން ބިނާވެފައި ވަނީ ޙަމަލާތައް ވަގުތުން ހުއްޓާލުމާއި ސަރުކާރާއި އިދިކޮޅުފަރާތްތަކާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމާއި ޑިމޮކްރެޓިކް ނިޒާމެއް ސޫރިޔާގައި ޤާއިމްކުރުމާއި ސުލްޙައަށް ހުރަސްއެޅޭ ފަދަ ޢަމަލެއް ނުހިންގުމާއި ހައްޔަރުކޮށްފައިވާ އެންމެން މިނިވަންކުރުމާއި އިންސާނީ އެހީފޯރުކޮށްދިނުމުގެ ފުރްސަތު ހުރިހާ ފަރާތްތަކުން ވެސް ދިނުމުގެ މައްޗަށެވެ.

އަނާންގެ ޕްލޭން ޤަބޫލުކުރާކަން ސޫރިޔާ ސަރުކާރުން އިޢްލާންކުރީ މިޕްލޭނަށް ތާއީދުކުރާކަން ސޫރިޔާގެ ރަޙްމަތްތެރިން ކަމަށްވާ ޗައިނާއާއި ރަޝިޔާވެސް ހާމަކޮށްފައިވަނިކޮށެވެ. ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކުގައި އިއްޔެވެސް 37 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވި އެވެ.

ރައީސް ބައްޝާރުގެ ސަރުކާރުން ސުލްހައިގެ ޕްލޭން ބަލައިގެންކަން ހާމަކުރުމާ އެކު އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންއާއި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންކަމާ ބެހޭ ވިލަރެސްވެރިޔާ ކެޓަރިންއެޝްޓޮން ވަނީ މިޕްލޭން ތަންފީޒުކުރަން ފެށުމަށް ރައީސް ބައްޝާރަށް ގޮވާލައްވައިފަ އެވެ. ޗައިނާއާއި ރަޝިޔާއިން ވަނީ ސޫރިޔާ އިން ސުލްހައިގެ ޕްލޭން ޤަބޫލުކުރުމުން މަރްޙަބާ ކިޔާފަ އެވެ.

ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އަހަރުވެފައިވާ އިރު މި ހަމަނުޖެހުންތަކުގައި 10،000 އަށް ވުރެ ގިނަ މީހުން މަރުވެ، 50،000 މީހުން ޒަޚަމްވެ 15،000 މީހުން ރެފިއުޖީންގެ ގޮތުގައި ޤައުމުން ބޭރަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)