ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ މެރިން އެކްސްޕޯގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ ކަލްޓެކްސް ބްރޭންޑުގެ އުފެއްދުންތައް ދައްކާލައިފިއެވެ.

ކަލްޓެކްސްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރު، ދަމާސްގެ ސްޓޯލުގައި އެ ބްރޭންޑުގެ އުފެއްދުންތައް ދައްކާލިއިރު، އެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ދިނީ، ރާއްޖެއަށް އެ ތަކެތި ސަޕްލައިކުރާ ލަންކާގެ ޝެވްރޯން ލުބްރިކަންޓްސްގެ އޮފިޝަލުންނެވެ.

ޝެވްރޯން ލުބްރިކަންޓްސްގެ އެކްސްޕޯޓް ސޭލްސް މެނޭޖަރު ޗަންނާ ޓެއްނެކޫން "ސަން"އަށް ވިދާޅުވީ އިންޖީނުތަކާއި އުޅަނދުފަހަރަށް ބޭނުންވާ ތެލުގެ ހުރިހާ ބާވަތްތަކުގެ އުފެއްދުންތަކެއް އެ ބްރޭންޑުން އުފައްދާ ކަމަށެވެ.

"ހުރިހާ ދާއިރާއަކަށް ބޭނުންވާ ޕްރޮޑަކްޓްތައް އެބަހުރި އަޅުގަނޑުމެންގެ އަތުގައި. އާންމު އުޅަނދުފަހަރަށް ބޭނުންވާ ލުބްރިކަންޓްސް އަދި ޑީސަލް އިންޖީނުތަކަށް ބޭނުންވާ ލުބްރިކަންޓްސްގެ އިތުރުން ކޫލަންޓް، ބްރޭކް އޮއިލް އަދި ގިރިސް ވެސް އަޅުގަނޑުމެން އުފައްދަން" އޭނާ ވިދާޅުވިއެވެ.

ޗަންނާ ވިދާޅުވީ އެކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވަނީ ޑެލޯ ގޯލްޑް މަލްޓިގްރޭޑް ތެޔޮ ކަމަށެވެ. ޑީސަލް އިންޖީނުތަކަށް ހާއްސަ މި ތެލަކީ ރާއްޖޭގައި ބޭނުންކުރާ އާންމު ގިނަ ޑީސަލް އިންޖީނުތަކަށް ވަރަށް އެކަށޭނަ އުފެއްދުމެކެވެ.

މީގެ އިތުރުން ކާރާއި، ސައިކަލު އަދި އޮޑި ދޯނި ފަހަރަށް ބޭނުންވާ އަޑީތެޔޮ ވެސް ކަލްޓެކްސް އިން އުފައްދައެވެ.

"އަޅުގަނޑުމެން މިއީ އެމެރިކާގެ ބްރޭންޑެއް. އެމެރިކާ ކޮލިޓީގައި ސްރީލަންކާގައި ބަންދުކޮށްގެން މި ސަޕްލައި ކުރަނީ" ޗަންނާ ވިދާޅުވިއެވެ.

ދަމާސް އަކީ 2004ވަނަ އަހަރުން ފެށިގެން ކަލްޓެކްސްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަމުން އަންނަ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން އަންނަނީ ކަލްޓެކްސްގެ އުފެއްދުންތައް ހުއްޓުމެއް ނެތި ދިވެހިންނަށް ފޯރުކޮށްދެމުންނެވެ.