28 Mar 2012, 20:43
އާސަންދައިގެ ހިދުމަތް ހުރިހާ ކްލިނިކްތަކަށް ހުޅުވާލުމާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީ އިން ކްލިނިކްތަކާ އެކު މިއަދު ބޭއްވި ބައްދަލުވުގައި އާސަންދައިގައި ކްލިނިކްތައް ބައިވެރިކުރުން ލަސްވަމުންދާ މައްސަލަ ހޫނުވެ، އެއްބަސްވުމަކަށް ނާދެވި، ބައްދަލުވުން ނިންމާލައިފި އެވެ.
ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އާސަންދަ ޕްރައިވެޓް ލިމިޓެޑުން މިއަދު ހަވީރު ކްލިނިކްތަކުގެ އިސް ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުގައި 19 ކްލިނިކަމުން ވަނީ ބައިވެރިވެފަ އެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވީ އާސަންދައިގެ ހިދުމަތް ހުރިހާ ކްލިނިކްތަކަކަށް 15 މޭ އިން ފެށިގެން ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާ އިރު އެ ތާރީހަކީ އެހިދުމަތްތައް ކްލިނިކްތަކަށް ދޭން ފަށައިގެންނަން މިނިސްޓްރީ އިން އުއްމީދުކުރި ތާރީހު ނޫން ކަމަށެވެ. ނަމަވެސް އާ ޓާމްސްތަކެއްގެ ދަށުން އެހިދުމަތް ކްލިނިކްތަކަށް ދިނުމުގެ ކުރިން އާސަންދަ ޕްރައިވެޓް ލިމިޓެޑާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމަށް ބަދަލުތަކަށް ގެންނަން ޖެހޭ ކަމަށާއި އެކަންތައްތައް ކުރުމަށް ވަގުތު ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނަމަވެސް ލަސްވެގެން 15 މޭގައި އެހިދުމަތް ކްލިނިކްތަކަށް ދެވޭނެ ކަމުގައި ވިދާޅުވި އެވެ.
އާސަންދައިގެ ހިދުމަތް ވީއެންމެ އަވަހަށް ކްލިނިކްތަކަށް ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދާކަން މިނިސްޓަރު ވިދާޅުވި، ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ކްލިނިކްތަކުން ވަނީ މީގެކުރިން މިނިސްޓްރީއާ އެކު އެކަމާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، އެފްރީލް އެކަކުން ފެށިގެން އެހިދުމަތް ކްލިނިކްތަކުން ދޭނެ ކަމަށް އެންސްޕާ އިން ބުނެފައިވާ ކަމަށް ބުނެ، އެ ތާރީހު ފަސްކޮށްފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވި ގޮތުގައި އެމިނިސްޓްރީގެ ސިޔާސަތުތައް ކަނޑައަޅުއްވާ ފާރާތަކީ އެމަނިކުފާނު ކަމުގައިވާ އިރު އިއްޔެ ކެބިނެޓުން ނިންމާފައިވާ ގޮތަށް އެހިދުމަތް 15 އެޕްރީލުން ފެށިގެން ކްލިނިކްތަކަށް ހަމަހަމަކަމާ އެކު ލިބޭނެ އެވެ.
ހިދުމަތް ހަމަހަމަ އުސޫލެއްގެ މަތިން ހުރިހާ ކްލިނިކްތަކަށް ކުރިން ސުރެ ހުޅުވާލާފައިނުވާ މައްސަލައާއި ޕްރައިވެޓް ސެކްޓާގެ ތެރެއިން ހަމައެކަނި ދަ ކްލިނިކަށް އެއްބަސްވުމެއް ނެތި އެ ހިދުމަތް ދިނުމުގެ ހުއްދަ ކުރީގެ ސަރުކާރުން ދީފައިވާ މައްސަލަ މިއަދުގެ ބައްދަލުވުމުގައި ވަރަށް ހޫނުކޮށް ބަހުސްކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި ބައިވެރި ބައެއް ކުލިނިކުތަކުން ބުނީ ސެންޓްރަލް ކްލިނިކަށް އާސަންދައިގެ ހިދުމަތް ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމުގައިވާ އިރު އެކަންތައްތައް ހުއްޓުވާލުމުގެ ބާރު ހެލްތު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ. އަދި އެކަންތައް ހުއްޓާލިޔަސް ވެރިކަން ވެއްޓިގެން ނުދާނެ ކަމުގައި ވެސް ބައްދަލުވުމުގައި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ޖަމްޝީދު ވިދާޅުވީ ވެރިކަން ވެއްޓިދާނެތީ ނުވަތަ އެބޭފުޅާގެ މަގާމް ގެއްލިދާނެތީ އެއްވެސް ވަރަކަށް ޖެހިލުންވެ ވަޑައިނުގެންނަވާ ކަމަށެވެ. އަދި ޤާނޫނާ ހިލާފަށް ބަޔަކު ކޮށްފައިވާ ކަމެއް ގާނޫނާ ހިލާފަށް ހުއްޓުވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ކްލިނިކަށް ދީފައިވާ ހުއްދަ ބާތިލް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި ވަރަށް އަވަހަށް އެހިދުމަތް ހުއްޓާލުމަށް އަންގަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކްލިނިކްތަކާ އެކު ހެލްތު މިނިސްޓްރީ އިން ބޭއްވި މިބައްދަލުވުމުގައި ކުރީގެ ސަރުކާރުން އާސަންދައިގެ ހިދުމަތް ކްލިނިކްތަކަށް ދިނުމުގައި އަމަލްކޮށްފައި ވަނީ އިންސާފުން ނޫން ކަމަށާއި ސެންޓްރަލް ކްލިނިކަށް އެ ހިދުމަތްދީފައިވާ ޓާމްސްތަކުގެ މަތިން އެ ހިދުމަތް ހުރިހާ ކްލިނިކްތަކަށް ނުދެވޭންވީ ސަބަބެއް ނެތް ކަމަށް ވެސް ކްލިނިކްތަކުން ބުންޏެވެ.
މިއަދުގެ ބައްދަލުވުންތަކުގައި މާބޮޑު އެއްބަސްވުމަށް ނާދެވި ބައްދަލުން ނިންމާލީ ބައްދަލުވުން ކުރިއަށް ދަނިކޮށް، ކުއްލިއަކަށް މިނިސްޓަރު މީޓިން ހޯލް ދޫކުރައްވައި ނުކުމެވަޑައިގަތުމުން މިނިސްޓަރުގެ ފަހަތްޕުޅުން އެންސްޕާގެ ޗެއާމަން މުހައްމަދު ތޯރިގް ވެސް ނުކުމެވަޑައިގަތް ހިސާބުންނެވެ. މިނިސްޓަރު އެގޮތަށް ބައްދަލުވުން ދޫކުރައްވައި ވަޑައިގެންނެވުމުން ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަރާތްތަކުން ވަނީ އެކަމާ ފާޑުކިޔާފަ އެވެ.
އާސަންދައިގެ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ކްލިނިކްތަކަށް ނުދޭ ކަމަށް ބުނެ އެ މައްސަލަ ކްލިނިކްތަކުން ވަނީ އޭސީސީއަށް ވެސް ހުށަހަޅަޅައިފަ އެވެ.