14 Aug 2022, 08:47
"އަހަރެން... މަންމަ..." ނައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޒުބައިދާ ގެ ރާގުން އޭނާ ހިތުގައި ޖެހުނެވެ. ދެމީހުން ކުރެ އެކަކަށްވެސް އިތުރު އެއްޗެއް ނުބުނެވި އުލެނިކޮށް ބޭރު ދޮރުގައި ތަޅުދަނޑު ޖަހައި މީހަކު ދޮރު ހުޅުވައިލިއެވެ. އެމީހަކު އެތެރެއަށް ވަނުމާއެކު ނައިރާއަށް ބަލައިލެވުނެވެ.
އެއީ އިސްކޮޅުން ދިގު ބޮޑު ފިރިހެނެކެވެ. ބޮލުގައި ނުރަ ޖަހާފައިހުރި އިރު ކުޑަކޮށް ދިގުވެފައި ހުރި ތުނބުޅީގައިވެސް ވަނީ ނުރައެވެ. އެ ދެލޮލުން ނައިރާ ސްކޭންކޮށްލި ގޮތް ފެނި ނައިރާއަށް އުނދަގޫވިއެވެ. އޭނާ ވަގުތުން އެ ނަޒަރު އެ ފިރިހެން މީހާއާ ދުރުކޮށްލިއެވެ.
"މީ އަހަރެންގެ ފިރިމީހާ... ހާޝިމް." ޒުބައިދާ ނައިރާއަށް ބަލައިލަމުން ބުނެލިއެވެ.
"މީތަ ޒުބައިދާގެ ދަރިފުޅަކީ؟" ޙާޝިމް ޝައުގުވެރިކަމާއެކު ސުވާލުކޮށްލުމާއެކު ޒުބައިދާ ބޯ ޖަހައިލިއެވެ.
"މިގެއަށް އައި ފަހަރު ކޮންމެވެސް އެއްޗެއް ދީފައެއްނު ފޮނުވައިލަން ވާނީ..." ޙާޝިމް ބުނެލިއެވެ.
"ނައިރާ އެ އުޅެނީ ދާންވެގެން. ދޯ ނައިރާ..." ޒުބައިދާ ބޭނުންވަނީ ނައިރާ އެގެއިން ފޮނުވައިލުމަށެވެ. އެކަން އެނގި ނައިރާ ހިތުގައި ޖެހުނު ނަމަވެސް، އޭނާ އިތުރު އެއްޗެއް ނުބުނެ ތަނަކަށް ދާން ލަސްވެއްޖެކަމުގައި ބުނެ ސޯފާއިން ތެދުވިއެވެ. ހާޝިމް ވެސް އެހެންހޭ އަހައިލުމަށްފަހު އަދިވެސް އެއްފަހަރު ނައިރާގެ ފައިން ފެށިގެން ބޮލާ ހިސާބަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ކޮޓަރިއަށް ވަނެވެ.
"އަހަރެން އުންމީދުކުރަން ނައިރާ މާ ގިނަގިނައިން އަހަރެން ހޯދަން މިގެއަށް ނާންނާނެކަމަށް." ޒުބައިދާ ބުނެލިއެވެ. ނައިރާ އެއްޗެއް ނުބުނެ އެގެއިން ނުކުމެގެން ސިޑިން ތިރިއަށް މިސްރާބުޖެހިއިރު ހަމަ ރަނގަޅަށްވެސް އޭނާއަށް ރޮވެން ފަށައިފިއެވެ. ކަރުނަތައް ފުހެމުން އަނގަމަތީގައި އަތް އަޅާލައިގެން ހުރެ ތިރިއަށް ފޭބުމަށްފަހު، އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމާއެކު، ނައިރާ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އުންމީދުތައް ވިއްސި ވިހާލި ވުމުން އެހިތަށް ކޮށްފައިވަނީ ފުން އަސަރެކެވެ. ތިމާ ބަނޑުއަޅައިވިހޭ މައިމީހާގެ ފަރާތުން އެފަދަ ބަސްތަކެއް އަޑު އިވުމަށް އެދޭނީ ކޮން ކުއްޖެއްހެއްޔެވެ؟ މަންމައެއްގެ ލޯތްބަށް ފެންބޮވައިގަނެފައިވާއިރު، އެފަދަ ބަދު ބަސްތަކެއް އަޑުއަހަން ޖެހުމުން ނައިރާގެ ހިތް ހީވީ ކުދި ކުދި ވީހެންނެވެ. އޭނާއަށް ކެތް ކުރަން ދަތިވިއެވެ.
އޭނާއަށް ހާޝިމް ކަމަކު ނުދެއެވެ. ހާޝިމްގެ ބެލުމުގައި ހުރީ އޭނާ ބޭނުންވި ފަދަ އަސަރުތަކެއް ނޫނެވެ. ހަމަ ގައިމުވެސް އެއީ މީހަކު ދޮންދަރިއަކާ ދިމާލަށް ބަލައިލާނެ ގޮތެއް ނޫނެވެ. ހާޝިމްގެ ނިޔަތް ރަނގަޅު ނޫނޭ ނައިރާގެ ހިތް ބުނާ ސަބަބެއް އެއްގޮތަކަށް އޭނާއަކަށް ނޭނގެއެވެ.
ގެއަށް ގޮސް ކަންތައް ވީ ގޮތް ނައިރާ ރިއުމާއަށް ކިޔައިދިނެވެ. ރިއުމާ ނައިރާއަށް ހިތްވަރު ދިނެވެ. ރިއުމާގެ ހިތްވަރުގެ ބަސްތަކުން ނައިރާއަށް ކޮންމެވެސް ކަހަލަ ލުޔެއް ލިބުނު ނަމަވެސް، އެހިތުގައި ލީ ޒަޚަމްތައް އަދިވެސް ހުރީ ތާޒާކޮށެވެ.
*****
ގޭގެ ގޭޓުން ކާރު ވައްދައިލުމަށްފަހު، މާކިން މިޝްޔާއަށް ބަލައިލިއެވެ. އޭރުވެސް މިޝްޔާ އިނީ ލޯގަނޑުން ބޭރު ބަލަހައްޓައިގެންނެވެ. މިޝްޔާ ފައިބަން ނޫޅުމުން މާކިން ކަރުކެހިލިއެވެ. އެހެންނަމަވެސް އެކަމަށްވެސް މިޝްޔާއަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާ އެއިން ގޮތަށް އިންނަން ފެށުމުން މާކިން ވާހަކަ ދެއްކިއެވެ.
"މިޝްޔާ... ގެއަށް އާދެވުނިއްޔޭ... "
މާކިންގެ އެ ވާހަކައާއެކު މިޝްޔާގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާ ދެއަތުން މޫނު ފޮރުވައިލަމުން ބާރަށް ރޯންފެށިއެވެ.
"ދޮންބޭ... އައި އެމް ސޮރީ... ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން.... އަހަންނަށް އެނގޭ އެ ކެވެލި ކޮޅަކީ ދޮންބެ އަހަންނަށް ދިންނަމަވެސް، މަންމަގެ... މަންމަގެ އެއްޗެއްކަން. އެކަމަކު... ވިސްނާ ނުލާ... ދެން..." ނައިރާއަށް ރަނގަޅަކަށް ވާހަކައެއް ވެސް ނުދެއްކުނެވެ.
"ބައްޕަ ގޮތަށް ދޮންބެވެސް... ދޮންބެވެސް ދެން އަހަންނާ ވާހަކައެއް ނުދައްކާނަންތަ؟ ހެޔޮ... އެންމެންވެސް ހަދަނީ އެހެން. އެންމެ ބޭނުންވި ވަގުތު ވެސް އެކަކަށްވެސް އަހަރެން މުހިންމެއް ނުވި. އެންމެންނަށްވެސް މުހިންމު ވީ އާއިލާ. އާއިލާގެ އިއްޒަތާ ގަދަރާ. އަހަރެންގެ ހިތަށް ކުރާނެ އަސަރެއް އެއްވެސް މީހަކަށް ނުވިސްނުނު. އާއިލާއަށް ލިބޭނެ ހުތުރު ނަމަކުން ސަލާމަތް ވާން އެންމެންވެސް ބޭނުންވީ. ބައްޕަވެސް. އަހަރެންނަކީ އަންހެން ކުއްޖަކަށް ވެ ހުރެ އެކަންތައްތަކާ ކުރިމަތިލާން އެންމެންވެސް ދޫކޮށްލީ. ބައްޕަވެސް. އަހަރެންނަށް މިހެން މެދުވެރިވާން ދިމާވި ސަބަބަކީ ކޮބައިތޯ އެއް އެއްފަހަރަކުވެސް ނާހާ... އާނ. އަހަންނަކީ އެންމެ ނުބައި މީހާ. ގޯސް މީހާ. އެ ނިމުނީނު. މިހެން އުޅުމަށްވުރެ އަމިއްލައަށް މަރުވުންވެސް މާ ހިތަށް ފަސޭހަ ވާނެ!" މިޝްޔާ ރޮމުން ރޮމުން ކާރުން ފައިބައިގެން ގެއާ ދިމާލަށް ދުއްވައިގަތެވެ. އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ މިޝްޔާ އެދިޔަ ގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ދޮރު ތަޅުލުމަށްފަހު، އެނދުމައްޗަށް ވެއްޓިގަތުމަށްފަހު، އޭނާ ރޮމުން ދިޔައެވެ.
މިޝްޔާ ދިޔުމުންވެސް މާކިންއަށް ކާރުގައި އިނދެވުނެވެ. ވިސްނުމަކަށް ގެއްލިފައެވެ. މިޝްޔާގެ ހިތުގައި ހިނގަމުން ދިޔަ ހައިޖާނުގަނޑުގެ ކޮންމެވެސް މިންވަރެއް މިރޭ އޭނާއަށް އެނގިއްޖެއެވެ. މިޝްޔާއަށް އެހެން ދިމާވާން މެދުވެރިވީ އެ ހާދިސާ ހެއްޔެވެ؟ އެމީހުން ކުރި ހުރިހާކަމެއް ކުރީ މިޝްޔާއަށްޓަކައި ނަމަވެސް، އެއީ ކަންތައް ވާން ޖެހޭ ގޮތް ނޫންކަމުގައި މާކިންއަށް ވިސްނެން ފެށިއެވެ. އެންމެ ގާތުގައި ހުރެމެ އެމީހުންވަނީ މިޝްޔާއަށް އެކަނިވެރިކަން އިޙްސާސްކޮށްދީފައިހެއްޔެވެ؟ މާކިންއަށް އޭނާގެ ބޮލުގައި ހިފައްޓައިލެވުނެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެލިއެވެ. އެއާއެކު ބޮލުގައި ކުޑަ ބަރުކަމެއް އުފެދުނެވެ. މިޝްޔާއަށްޓަކައި އޭނާގެ ހިތަށް ފާޑެއްގެ އުނދަގުލެއް ވެރިވިއެވެ. ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންހެން ހީވާން ފެށުމާއެކު، މާކިންއަށް އަނެއްކާވެސް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ.
ކާރުން ފައިބައިގެން ގޭތެރެއަށް ވަނުމަށްފަހު، އޭނާ މިޝްޔާގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތީ މިޝްޔާ ދަމުން ބުނެލި ޖުމްލަތައް އޭނާގެ ސިކުނޑީގައި ގުގުމަން ފެށުމުންނެވެ. މިޝްޔާ އަނެއްކާ އެފަދަ ކަމެއް ކޮށްފާނެހެއްޔެވެ؟ މާކިން ގޮސް މިޝްޔާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާ މިޝްޔާއަށް ގޮވަން ފެށިއެވެ.
"ދާންވީ... ތީ އަހަންނަށް އެއްވެސް ހެޔޮ އެދޭ މީހެއް ނޫން. ހަމަމިހާރު ދޭ.... ބައްޕަ ކައިރިއަށް ދޭ... އެންމެންވެސް އުފާވާނެ ކިޔަވައިގެން އައިސް ބައްޕަގެ ބިޒްނަސް އާ ގުޅުނީމަ." މިޝްޔާ ރޮމުން ވާހަކަ ދެއްކި އަޑު މާކިންއަށް އިވުމާއެކު، އޭނާ އަނެއްކާވެސް މަސައްކަތް ކުރީ މިޝްޔާއާ ވާހަކަ ދެއްކުމަށެވެ.
"މިޝޫ... އައި އެމް ސޮރީ... ހިނގާބަލަ ދެމީހުން ވާހަކަ ދައްކައިލަން." މާކިން އެދުނެވެ. އޭނާ މާފަށް އެދުނެވެ.
"ކޮން ކަމަކަށް މާފަށް ތި އެދެނީ؟ އެކަކު މާފަށް ނޭދުނަސް ހެޔޮ." މިޝްޔާ އެތެރެއިން ބުނެލި އަޑު އިވުމާއެކު މާކިންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާގެ އެތަކެއް އާދޭހަކަށްފަހު، މިޝްޔާ ދޮރު ހުޅުވައިލިއިރު އޭނާއަށް ގިސްލެވެމުން ދިޔައެވެ. ދެލޯ ރަތްވެ ކޮންމެވެސް ވަރަކަށް ދުޅަވެފައި ހުރިއިރު ގިނައިރު ރުއިމުގެ ސަބަބުން ނޭފަތުގައި މަޑު ރަތްކަމެއްހުއްޓެވެ. މާކިން މަޑުމަޑުން މިޝްޔާގެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު، މިޝްޔާ ގޮވައިގެން ގެެންގޮސް އެނދުގައި ބައިންދައިލިއެވެ.
"މިޝޫ ލުކް... އައި އެމް ސޮރީ.. ފޯ އެވްރީތިންގް... އޭރު ވީ ކަންތަކަށްވެސް..." މާކިން އިސްޖަހައިލިއެވެ. ގަޤީގަތުގައިވެސް އޭނާއަށް ދިޔައީ އަމިއްލަ ނަފްސު ކުށްވެރިކުރެވެމުންނެވެ.
"މަންމަ ނިޔާވަމުން އަހަންނަށް ކުރި ވަސިއްޔަތްވެސް އަހަންނަށް އަދައެއް ނުކޮށްދެވުނު ދޯ..." މާކިން ބުނެލިއެވެ.
"އައި އެމް ސޮރީ. އަހަރެން ނުޖެހޭނެ މަންމަގެ އެއްޗެއް އެގޮތަށް ވިއްކައިލާކަށް. އަހަރެން އެ ހޯދާނަން..." މިޝްޔާ މާކިންއަށް ބަލައިލަމުން ބުނެލިއެވެ.
"ކޮންމެ ގޮތަކުން ނަމަވެސް ހޯދާނަން..." މާކިން އެއްޗެއް ނުބުނުމުން މިޝްޔާ ބުނެލިއެވެ.
"މިޝޫ! ރަނގަޅުވާން މަސައްކަތް ކޮށްބަލަ! ދެޓްސް އޯލް އައި އާސްކް. އިތުރުކަމެއް އޮތިއްޔާވެސް ސިއްރުނުކޮށް ބުނެބަލަ! މީހަކަށް ދަރަނިވެރިވެފަ އޮތަސް ބުނެބަލަ! ދޮންބެ އެ ހުރިހާކަމެއް ވެސް ކޮށްދޭނަން..." މާކިން ބުނެލިއެވެ. މިޝްޔާ އިސްޖަހައިލިއެވެ. އޭނާ އަރޭމެންގެ ވާހަކަ މާކިންއަށް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. މިޝްޔާ އޭނާގެ ދެލޯ ފުހެލުމާއެކު މާކިން ލުއި ހިނިތުންވުމެއް މިޝްޔާއަށް ހަދިޔާކޮށްލިއެވެ. މާކިންއަށް ބަލަން އިނުމަށްފަހު، އިރުކޮޅަކުން މިޝްޔާ ހާމަކޮށްލި ވާހަކައަކުން މާކިންއަށް ޝޮކެއް ލިބިގެން ދިޔައެވެ.
(ނުނިމޭ)