13 Aug 2022, 20:57
ރާއްޖެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ކަމަށް ޝައްކު ކުރެވޭ ބޭރުގެ ދެ މަސް ބޯޓެއް ސިފައިން އަތުލައިގަނެފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ކޯސްޓްގާޑު ޝިޕް ހުރަވީން ކަނޑުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ޝައްކުކުރެވޭ ބޭރުގެ ދެ މަސް ބޯޓު އަތުލައިގަނެފައިވާ ކަމަށެވެ.
ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ދީފައެއް ނުވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަން ބޭރުގެ މަސްވެރި އުޅަނދުތަކަށް ފިޝަރީޒް މިނިސްޓްރީން ހުއްދަ ދިނުމުގައި އަމަލު ކުރާނެ ގޮތާ ގުޅޭ ގަވާއިދެއް ދާދި ފަހުން ވަނީ އެކުލަވާލައި، އާންމުކޮށްފައެވެ.
އެ ގަވާއިދުގައިވާ ގޮތުން، ބޭރުގެ މަސްވެރި އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ނުވަތަ ހުރަސްކޮށްފައި ދިއުމުގެ 96 ގަޑިއިރު ކުރިން ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އެ ހުއްދަ ހުށަހަޅަން ވާނީ އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރުގެ ފަރާތުންނެވެ.
އެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން ފޯމެއް މެދުވެރިކޮށެވެ. އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި އުޅަނދުގެ ފަޅުވެރިންގެ މައުލޫމާތާއި އުޅަނދުގައި ހަތިޔާރު ނުވަތަ ގޮވާއެއްޗިހި ހުރި ނަމަ އެތަކެއްޗާ ގުޅޭ މައުލޫމާތު ހިމެނެއެވެ.
އެ ފޯމު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި އެ އުޅަނދަކަށް ހުއްދަ ދިނުމާ ބެހޭ ގޮތުން މިނިސްޓްރީން ގޮތެއް ނިންމައި، އެކަން އަންގަން ވާނެ ކަމަށް ގަވާއިދުގައިވެއެވެ. އެގޮތުން ނިންމިދާނެ ތިން ގޮތަކީ އިންސްޕެކްޝަނަކާ ނުލައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަން ހުއްދަ ދިނުން ނުވަތަ އިތުރު މައުލޫމާތަށް އެދުން ނުވަތަ އެ ހުއްދަ ނުދޭން ނިންމުމެވެ.