ރާއްޖޭގައި މުޒާހަރާއެއް ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރި ހަތަރު އަންހެނަކަށް ފުލުހުން ޖިންސީ ގޯނާ ކުރިކަމަށް އެމީހުން ބުނާ ކަމަށާއި އެ މައްސަލަ ތަހުގީކުރަން ޖެހޭނެ ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަލް އިން މިއަދު ބުނެފި އެވެ.

އެމްނެސްޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި ހަތަރު އަންހެނެއްގެ ގައިގާ ތަޅައި، އެމީހުންނަށް ޖިންސީ ގޯނާ ކުރިކަމަށް ކުރެވޭ ތުހުމަތުތައް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން މިހާރުން މިހާރަށް ތަހުގީގުކުރަން ޖެހޭނެ" ކަމަށެވެ.

"އެމްނެސްޓީ އިންޓަނޭޝަނަލް އަށް ލިބިފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި 19 މާޗްގައި ހައްޔަރުކުރި އަންހެނުންގެ ގައިގާ އެމީހުން ހައްޔަރުކުރުމުގެ ތެރޭގަޔާއި ހައްޔަރުކުރި ފަހުން ވަނީ ތަޅާފަ އެވެ." އެމްނެސްޓީ އިންޓަނޭޝަނަލްގެ ބަޔާނުގައިވެ އެވެ.

އެބަޔާނުގައި އަދި ވަނީ އެމީހުން ބަންދުގައި ތިބި އިރު ، އެމީހުންގެ ޖިންސީ ގުނަވަންތަކުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިތޯ ބަލަން ކަމަށް ބުނެ އޮރީޔާންކޮށްގެން ޗެކްކޮށްފައިވާ ކަމަށާއި އޮރިޔާން ކުރުމަށް ފަހު އުޑަފައިން އިށީނުމަށް އެމީހުންނަށް އެތައް ފަހަރަކު ޖައްސާފައިވާ ކަމަށް ވެސް އެމްނެސްޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މިތުހުމަތުތައް ދިވެހިސަރުކާރުން ތަހުގީގު ކުރަން ޖެހޭނެ އެވެ. އަދި އެކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ އެވެ." އެމްނެސްޓީގެ ބަޔާނުގައިވެ އެވެ.

އަންހެނުންނަށް ޖިންސީ ގޯނާކުރި ކަމަށް ކުރާ ތުހުމަތުތައް ދިވެހި ފުލުހުން ދޮގުކޮށްފައިވާ ކަމަށާއި އަދި އެފަދަ ތުހުމަތުތައް ކުރާ ފަރާތްތަކުން އެމައްސަލަތައް ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށައެޅުމަށް ފުލުހުން ގޮވާލާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ނަމަވެސް ތަމްރީނު ލިބިފައިވާ މުވައްޒަފުން ނެތުމުގެ ސަބަބުން އެފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ދަތިތަކެއް ހުރިކަމަށް ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނުން އެމްނެސްޓީ އިންޓަނޭޝަނަލްއަށް ކިޔައިދީފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބަޔާނާ ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ދިވެހި ފުލުހުންނަކީ ވަރަށް ޕްރޮފެޝަނަލް ބައެއް ކަމަށާއި ގާނޫނުތަކާ ގަވާއިދުތަކަށް އަހުލުވެރި ބައެއް ކަމަށެވެ. އަދި މީހަކު ބަލާ ފާސްކުރަން ޖެހިއްޖެ ހިދެއްގައި އެކަން ކުރާނީ ގަވާއިދާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

" އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިދަނީ އަޅުގަނޑުމެން މީ ޕްރޮފެޝަލް އޯގަނައިޒޭޝަން އެކޭ، އަޅުގަނޑުމެން ޕްރޮފެޝަނަލް ކޮށޭ މަސައްކަތް ކުރަމުން މިދަނީ، އަޅުގަނޑުމެން ބައްޓަން މިކުރަނީ އެގޮތަށޭ، އެހެންވީމާ ސާޗް ކުރުމުގެ ސާޗް ޓެކްނިކްގައި ވެސް އަދި އެރެސްޓް ކުރާއިރުވެސް އަޅުގަނޑުމެން ބަލަނީ އެންމެން މިނިމަމް ފޯސް ބޭނުންކޮށްގެން އެކަން އޮންނަ ގޮތަކަށް ކުރުމަށޭ، ސާޗް ގެ ގަވާއިދާ އެރެސްޓް ކުރުމުގެ އުސޫލާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނޭ އެކަން ކުރަނީ،" ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވި އެވެ.

ހަނީފު އަދި ވިދާޅުވީ އޮރިޔާންކޮށްގެން ބަލައި ފާސްކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށާއި އެހެން ނަމަވެސް އެކަން ކުރާނީވެސް އެކަން ކުރަން އޮންނަ އުސޫލާ އެއްގޮތަށް ކަމަށެވެ.

"ސްޓްރިޕް ސާޗެއް ވެސް ކުރަން ޖެހިއްޖެ ހާލަތެއްގައި ސާޗް ކުރާނެ، ސާޗް ކުރާއިރު ކުރާނީ ސްޓޭންޑާޑްތަކާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ހެރަސް ( ގޯނާ) އެއް ނުކުރާނެ، "ހަނީފު ވިދާޅުވި އެވެ.

މިމަހުގެ 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާއަށް ހުރަސް އެޅުމަށް އެމްޑީޕީން ކުރި މުޒާހަރާތަކާ ގުޅިގެން އެ ދުވަހު ގިނަ ބަޔަކު ހައްޔަރުކުރި އިރު އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ.