އެމެރިކާގެ ނިއު ޔޯކްގައި ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް މިރޭ ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އިންޑިއާއަށް އުފަން ނަމަވެސް އެމެރިކާގައި ދިރިއުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ ރުޝްދީއަށް ހަމަލާ ދިނީ ނިއު ޔޯކްގެ ތައުލީމީ މަރުކަޒެއްގެ ސްޓޭޖު މަތީގައި ވާހަކަ ދައްކަން ތައްޔާރުވަމުން ދަނިކޮށެވެ.

އެ ހާދިސާގެ މަންޒަރު ދުށް މީހުންނާ ހަވާލާދީ ބީބީސީގައިވާ ގޮތުން މާސްކެއް އަޅައިގެން ހުރި މީހަކު ސްޓޭޖު މައްޗަށް އަރައި ތަކުރާރުކޮށް ރުޝްދީއަށް ހަމަލާ ދިންތަން އެމީހުންނަށް ފެނުނެވެ.

ނިއު ޔޯކް ސްޓޭޓުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރުޝްދީގެ ކަރަށް ހަމަލާ އަމާޒުވި ކަމަށާއި އޭނާ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތު އަދި ނޭނގޭކަން ފުލުހުން ފާހަގަކުރިއެވެ.

ލިޔުންތެރިޔާ ސަލްމާން ރުޝްދީ -- ފޮޓޯ/ އޭޕީ

އެ ހާދިސާގައި ރުޝްދީއާއެކު ސްޓޭޖުގައި ހުރި އިތުރު މީހަކަށް ވެސް ސީރިއަސް ނޫން އަނިޔާއެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

އެ ހަމަލާ ދިން މީހާ ވަނީ ސްޓޭޖު މަތިން ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާއާ ބެހޭ މައުލޫމާތު އަދި ހާމަކޮށްފައިނުވެއެވެ.

ރުޝްދީ ލިޔެ، 1988ގައި ޝާއިއުކުރި ސެޓާނިކް ވާސަސް ފޮތުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ، މުސްލިމުންގެ އާބާދީ ބޮޑު ބައެއް ގައުމުތަކުގައި އެ ފޮތް ގެންގުޅުން ވަނީ މަނާކޮށްފައެވެ.

އެ މައްސަލައިގައި ރުޝްދީ މަރާލުމަށް ގޮވާލައްވައި އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚުމައިނީ ފަތުވާއެއް ނެރުއްވިއެވެ. އަދި ރުޝްދީ މަރާލާ މީހަކަށް ތިން މިލިއަން ޑޮލަރު ދޭނެ ކަމަށް އެގައުމުގެ ދީނީ ޖަމިއްޔާއަކުން ވަނީ ބުނެފައެވެ.

އެ ފޮތް ޝާއިއު ކުރި ފަހުން ގިނަ އަހަރުތަކެއް ވަންދެން ރުޝްދީ ދިރިއުޅުނީ ފުލުހުންގެ ހިމާޔަތުގައި، ފިލައިގެންނެވެ.