12 Aug 2022, 15:27
މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެއަށް އައިސްފިއެވެ.
އެއް މިލިއަން ވަނައަށް އައި ފަތުރުވެރިޔާއަކީ، މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ގަތަރު އެއާވޭސްގެ ފްލައިޓަކުން އައި ޗެކްރިޕަބްލިކުގެ ރައްޔިތެއްކަމަށްވާ ޑެނިއެލާ ކިލްނަރޯވާއެވެ.
ރޮބިންސަން ކްލަބް ނޫނު ރިސޯޓަށް އައި ޑެނިއެލާ މިއީ ރާއްޖެއަށް އައި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ ރާއްޖެއަށް އައީ މީގެ 10ވަރަކަށް އަހަރު ކުރިންނެވެ. އޭނާ ބުނީ ތަކުރާރުކޮށް ރާއްޖެއަށް ޒިޔާރާތް ކުރަނީ މިއީ އަރާމުކޮށްލަން އެންމެ ރަނގަޅު މަންޒިލަށް ވާތީ ކަމުގައެވެ.
މިއަހަރު ރާއްޖެއަށް އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ، ޗެކްރިޕަބްލިކްގެ ޑެނިއެލާ ކިލްނަރޯވާއަށް މަރުހަބާ ކިޔުމުގެ ތެރެއިން --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން
"ކޮވިޑަށް ފަހު ވަރަށް ގިނަ ދުވަސް ފަހުން އަނެއްކާވެސް މި އާދެވުނީ. ވަރަށް ހިތްގައިމު [ތަނެއް މިއީ]" އޭނާ ބުންޏެވެ.
ރާއްޖެއަށް މިއަހަރު އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން އެއާޕޯޓުގައި ބޭއްވި ހަފްލާގައި އޭނާއަށް ވަނީ ޓޫރިޒަމް މިނިސްޓްރީ، އެމްއޭސީއެލް އަދި އެމްއެމްޕީއާރުސީގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޞާލިޙު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ 1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް މިއަހަރުގެ އޮކްޓޫބަރު، ނޮވެމްބަރު ހިސާބުގައި ވާސިލު ވެވޭނެ ކަމަށެވެ.
މިއަހަރު ރާއްޖެއަށް އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ، ޗެކްރިޕަބްލިކްގެ ޑެނިއެލާ ކިލްނަރޯވާއަށް މަރުހަބާ ކިޔުމުގެ ތެރެއިން --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުޙައްމަދު ވިދާޅުވީ އަހަރުގެ މެދުތެރެއިން އެއް މިލިއަން ފަތުރުވެރިން ހަމަވުމަކީ ރަނގަޅު ކުރިއެރުމެއް ކަމަށެވެ.
"ދުނިޔޭގެ ވާދަވެރި ޑެސްޓިނޭޝަންތައް ހުޅުވި، ގަދަޔަށް އިސްތިހާރުކޮށް، މާކެޓުކުރަމުން ދާއިރު، ތަންތަނަށް މީހުންތައް ދަތުރުކުރަމުން އަންނަ އިރުގައި، ރާއްޖެއަށް މިހާތަނަށް އެއް މިލިއަން ފަތުރުވެރިން ހަމަވުމަކީ ހަމަ ވަރަށް ބޮޑު އެޗީވްމަންޓެއް" ތައްޔިބު ވިދާޅުވިއެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވީ މިހާރުވެސް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދާއި، ފްލައިޓްތަކުގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން، އެއާޕޯޓަށް އުމްރާނީގޮތުން ގެންނަންޖެހޭ ތަރައްގީތައް ގެނައުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ޕީކް ސީޒަން ފެށުމުގެ ކުރިން އާ ރަންވޭ ހުޅުވި ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ. އެއާއެކު އެއާޕޯޓުގެ އޮޕަރޭޝަން އިތުރަށް އަވަސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެގައުމުން އައި ފަތުރުވެރިން، ޖުމްލަ އަދަދުގެ 14.3 އިންސައްތަ ހިއްސާކުރާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިނގިރޭސި ވިލާތުން ހިއްސާ ކުރަނީ 11.6 އިންސައްތައެވެ.