13 Aug 2022, 12:59
"ކުރަތްޕެއް..." ޔާނިޝް ބުނެލި އަޑު އިވުނެވެ.
ބިރުން ގޮސް އަހަންނަށް ފުންމައިގެން އަރާ އެލިގަނެވުނީ، ޔާނިޝްގެ ކޮނޑުގައެވެ. އެއީ ކިހިނެތް ވީ ކަމެއް ކަންވެސް އެނގުނީ އެގޮތުގައި ކިހާ ވަގުތެއް ފާއިތުވެދިޔަ ފަހުން ކަމެއްވެސް ނޭނގުނެވެ.
********
"ދަރިފުޅާ!... ފައިބަބަލަ..." މަންމަ ހާސްވެފައި، މަޑުމަޑުން ގޮވައިލި އަޑު އިވުނެވެ.
އެންމެންގެ ނަޒަރު ހުއްޓިފައިވާތީ ފެނުމުން، އަހަރެން ރީއްޗަށް ރަކިވިއެވެ. ތިރިއަށް ފުންމައިލެވުނު ގޮތްވެސް ނޭނގުނެވެ. ހިތާއިހިތުން ޔާނިޝްއަށް ކުދި ކިޔުނެވެ. ޔާނިޝް މިހާރު ހުންނާނީ ވަރަށް އުފަލުންނެވެ. އޭނާ ބޭނުންވިފަދަ ގާތްކަމެއް އަހަރެންގެ ފަރާތުން އިހުސާސް ކުރެވުނީ ނޫން ހެއްޔެވެ. އެ ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އަހަރެން މޮޔައީއެވެ. ކުރަތްޕަކަށްވުރެ ޔާނިޝްގެ ނުރައްކާތެރިކަން ބޮޑެވެ. އަހަންނަށް އެވަރު ނުވިސްނުނީ ކީއްވެ ހެއްޔެވެ؟
"ދެން އެހެން ނަހަދައްޗޭ... މަންމައަށް އެނގޭ ދަރިފުޅު ކުއްލިއަކަށް ތެދުވީމަކަން ޔާނިޝް ކުރަފީގެ ވާހަކަ އެ ބުނީ..." ހަމައެކަނި އަހަންނަށް އިވޭ ވަރަށް މަންމަ ބުނެލިއެވެ.
ޔާނިޝް ކުރަފީގެ ވާހަކަ ދެއްކީ ކީއްވެކަން އަހަންނަށްވެސް އެނގެއެވެ. އެއީ ކައިވެނީގެ މަޖިލިސް ކުރިއަށް ދަނިކޮށް، އަހަންނަށް އަދަބާއި ހިލާފު ކަމެއް ކުރެވުމުން އޭގެ ލަދުން ސަލާމަތްކޮށްދިނުމަށެވެ. އެކަމަކުވެސް، އަހަރެންގެ ހިތް އޭނާއަށް ސާފެއް ނުވިއެވެ. ހުރިހާ ރުޅިއެއް އާދެވުނީ ޔާނިޝް ދެކެއެވެ. އެއީ ޔާނިޝް ގަސްދުގައި ކުރި ކަމެއް ކަމަށް އަމިއްލަ ހިތަށް ވިސްނައިދިނީމެވެ.
މަންމަ ގޮނޑި ރަނގަޅުކޮށްލަ ދިނުމުން، އަހަރެން އިށީނީމެވެ. ގަމީސް ރީތިކޮށްލަމުން ޔާނިޝްވެސް އިށީނެވެ.
ކައިވެނީގެ މަޖިލިސް ފެށުމުގެ ކުރިން ގާޒީ ޔާނިޝްއަށް ނަސޭހަތްތެރިވެލެއްވިއެވެ. މަޖިލީހުގެ އަދަބު އިހުތިރާމް ގެއްލޭފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެދިލެއްވިއެވެ. އަހަރެން ކުރި ކަންތަކުގެ ސަބަބުން ބަދުނާމުވީ ޔާނިޝްއެވެ. ހިތުގައި ހަމްދަރުދީ އުފެދެން ފެށުމުން، ހިތް ހަމައަކަށް އަޅުވައިލީމެވެ. ކުށް ކުރީ ޔާނިޝްއެވެ. ވީއިރު، އޭގެ ފަހުން ނުކުންނަ ނަތީޖާގެ ޒިންމާ ނަގަންޖެހޭނީވެސް ހަމަ އެކަމެއް ފެށި މީހަކުއެވެ. އެކި ފިކުރުތަކުގައި އަހަރެން އިންއިރު، ތަނުގައި ހިނގަމުންދިޔަ އެއްވެސް ކަމެއް ނޭނގެއެވެ. އަހަރެން އިނީ، އަހަރެންގެ އަމިއްލަ ދުނިޔެއެއްގައެވެ.
"އަނބި ގަބޫލުކޮށްފިން..." އަޑު އަހަން ބޭނުންނުވި ނަމަވެސް، ޔާނިޝްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.
ޔާނިޝް އާއި ދިމާއަށް ބަލައިލެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. އިސްޖަހާލައިގެން އިންއިރު، ފަލަމަސްގަނޑުގެ މަތީގައި ބާއްވާލާފައި އޮތް ޔާނިޝްގެ ދެއަތް އޮތީ މުށްކެވިފައެވެ. އެ މޫނުން ފެނުނު އަސަރުތައް ތަރުޖަމާ ކުރާކަށް ނޭނގުނެވެ. އެއީ އުފާވެރިކަން ހެއްޔެވެ؟ ނޫނީ މަޖުބޫރީ ހެއްޔެވެ؟ ނުވަތަ ބަދަލުހިފުމުގެ ރޫހު ހެއްޔެވެ؟
އަހަރެންގެ ހިތުގައި ވަތްކެއް އެޅުނެވެ. މިވަގުތުން ފެށިގެން އަހަރެން މިއީ ޔާނިޝްގެ އަނބިމީހާއެވެ. ހިތުގައި އެޅުނު ކޫރުން ދުވަހަކު ނުފިލާނޭކަން ގައިމެވެ. މަންމަމެންގެ އުފަލަށްޓަކައި، އަހަރެންގެ މުޅި ދިރިއުޅުން ގުރުބާންކޮށް ނިމިއްޖެއެވެ. ހިތްދަތި އިހުސާސްތަކެއްގެ ތެރޭގައި މުޅި ނަފުސު ބަނދެވިގެންވީ ހާލު، އަހަރެން އިނީ ނޭވާލާނެ ހިތްވަރުވެސް ނެތިފައެވެ. ދެން އޮތީ، ހަޔާތުގެ ބައިވެރިޔާއަށްޓަކައި ރައްކާކުރި އިއްފަތްތެރި ހަށިގަނޑެވެ.
މަޖިލިސް ނިންމާ، އެންމެން ތެދުވިކަމެއްވެސް ނޭނގުނެވެ. އަހަރެން ސިހުނީ ކޮންމެވެސް މީހަކު ކޮނޑުގައި އަތް ޖައްސައިލުމުންނެވެ. ލޯ މަރައިގެން އިން ނަމަވެސް، ދެލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބައިގަތީ، ކައިރީގައި ހުރީ ކާކުކަން އެނގޭތީއެވެ.
"ދަރިފުޅާ!..." އިވުނީ މަންމަގެ އަޑެވެ.
އަހަރެންގެ ކަރީގައި މަންމަ އިށީނދެލި ކަމުގެ އިހުސާސް ކުރެވުނެވެ. މަންމަގެ ދެއަތުގެ ހިމާޔަތް އަހަންނަށް ލިބުނެވެ. ގިސްލެވެން ފެށުނެވެ. އެވަރުންވެސް ލޯ ހުޅުވައިލާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
"ކެތްކުރަންވާނެ ދަރިފުޅާ..." ކުރެހެމުންދިޔަ އަޑަކުން މަންމަ ބުނެލިއެވެ. "އުމުރު ދުވަހަށް ވަކިވެގެން ދަނީކީ ނޫނެއްނު..."
އަހަރެން ގެއްލޭތީ، މަންމަ ދެރަވެއްޖެކަން ޔަގީންވިއެވެ. ކުރިން ދެރަވާކަން ނުދައްކަން އުޅުނަސް، ހަގީގަތަކީ މަންމަ އެކަން ނުދައްކަން މަސައްކަތްކުރި ކަމެވެ. އެވަރު އަހަންނަށް އެނގިއްޖެއެވެ. އެ ހުރިހާ ދުވަހު އަހަރެން ހީކުރީ، އަހަންނާއި ހެދި މަންމަމެންނަށް އުނދަގޫވެގެން ފޮނުވައިލަން އުޅެނީ ކަމަށެވެ.
"ދަރިފުޅާ!... މަންމައަކަށްވެސް ފަސޭހައެއް ނޫނޭ..." މަންމަ ބުނެލިއެވެ.
އަހަރެން ލޯ ހުޅުވައިލީ ދެނެވެ. ކަރުނައިގެ ތެރެއިން މަންމަ ފެނުނީ ފުސްކޮށެވެ. އެވަރުންވެސް މަންމަގެ މިލާފައިވާ މޫނާއި، ފެންކަޅިވެފައިވާ ދެލޯ ފެނުނެވެ.
"ދަރިފުޅު ތިހެން ރޮންޏާ، މަންމަ ކިހިނެތް ދަރިފުޅު ފޮނުވާނީ؟..." އަހަރެންގެ ކަރުނަތައް ފޮހެލަދެމުން، މަންމަ ވަރަށް ލޯބިން ބުންޏެވެ. "ދަރިފުޅު ބޭނުންވަނީ މަންމަވެސް ދެރަކުރަންތަ؟..."
"ނޫން... ދެރައެއް ނުކުރާނަން... އަޅުގަނޑު ނުދާނަން އެގެއަކަށް... މަންމަ ކައިރީ ހުންނާނީ... މިގޭގަ..." އަހަރެން ރޮމުން، ހުރިހާ ވާހަކައެއް އެއްފަހަރާ ބުނެލީމެވެ.
"ދަރިފުޅާ!... ދަރިފުޅު ތީ މިހާރު މީހެއްގެ އަނތްބެއް..." މަންމަ ހަނދާންކޮށްދިނެވެ.
"އަޅުގަނޑު ބޭނުމެއް ނޫން މީހަކާ އިންނާކަށް... މަންމަ ކައިރީ ހުންނާނީ..." އަހަރެން ދެކޮޅުހެދީމެވެ.
"ދަރިފުޅު ތިއުޅެނީ އަދިވެސް ކުޑަކުދިން އުޅޭހެންނޭ... ދެންމެއެއްނު ދަރިފުޅުގެ ކައިވެނި އެ ކުރެވުނީ..." ކަރުނަތައް ފޮހެލަމުން މަންމަ ހިނިތުންވެލިއެވެ. "ހިނގާ އަވަހަށް... މެހެމާނުން އައިސް އުޅޭއިރު ތިހެން ދުރުގަ އިނީމަ ކަމަކުނުދާނެ..."
"ކިހިނެތްވީ؟..." ޔާނިޝްގެ މަންމަގެ އަޑު އިވުނީ އަހަރެންގެ ފަހަތުންނެވެ.
މަންމަ އަވަސް އަވަހަށް އަހަރެންގެ ކަރުނަތައް ފޮހެލަދީފައި ގޮނޑިން ނެގިއެވެ.
"ރޮނީތަ؟..." ޔާނިޝްގެ މަންމަ ކަންބޮޑުވެފައި އަހަރެންގެ ކައިރިއަށް ޖެހިލިއެވެ.
"ރުއާ އަދި މަންމަޔާ ވަކިން އެއްވެސްތާކަށް ނުދޭ... އެހެންވެ، މާ ބޮޑަށް ހާސްވީ ދޯ ދަރިފުޅާ..." މަންމަ ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ.
"ދަރިފުޅު ހާސްވާކަށް ނުޖެހޭނެޔޭ... މިވެސް މިހާރު ދަރިފުޅުގެ މަންމައެކޭ..." ޔާނިޝްގެ މަންމަ އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން، ވަރަށް ގާތް ގޮތަކަށް ބުންޏެވެ.
"އެއީ ތެދެއް ދަރިފުޅާ..." މަންމަ އެއްބަސްވިއެވެ. "ދަރިފުޅަށް ދެ މަންމަ ލިބުނީނު..."
ޔާނިޝްގެ މަންމަ ހީގަތެވެ. އެ ހުނުމުގައި މަންމަވެސް ބައިވެރިވެލިއެވެ.
"ހިނގާ އަވަހަށް... އެންމެން އެތިބީ ދަރިފުޅުގެ އިންތިޒާރުގަ..." ޔާނިޝްގެ މަންމަ އަހަރެންގެ އަތުގައި ހިފައިލިއެވެ.
ޔާނިޝްގެ ކައިރީގައި އަހަރެން ބަހައްޓާފައި، މަންމަ ދިޔައީ މެހެމާނުންނަށް ކެއުން ތައްޔާރުކޮށްފައިވާ މޭޒުގެ ކައިރިއަށެވެ. ހާސްވެގެން ގޮސް ހަދާނެ ގޮތް ހުސްވެފައި އަހަންނަށް ހުރެވުނެވެ. ޔާނިޝް ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފައިލިއެވެ. އެވަރުން ނިމުނީކީ ނޫނެވެ. ގަޔާއި ކައިރިކޮށްލާފައި އުނަގަނޑުގައި އަތް އަޅުވައިލިއެވެ. އަހަރެން ގަދަހަދައިލާފައި ދުރަށްދާން މަސައްކަތް ކުރުމުންވެސް ޔާނިޝް އެ ފުރުސަތެއް ނުދިނެވެ. ދެލޯ އަޅައިލަމުން ޔާނިޝްގެ މޫނަށް ބަލައިލީމެވެ. އެ ނަޒަރު ހުއްޓިފައިވީ ގޭތެރެއަށް ވަދެވެން ހުރި ދޮރާއި ދިމާއަށެވެ.
"މަރުހަބާ..." އަންހެން ކުއްޖެއްގެ އަޑު އިވުނެވެ.
އަހަރެން ބަލައިލިއިރު، ޒުވާން އަންހެން ކުއްޖަކު ޕާރސަލްއެއް ހިފައިގެން ކުރިމަތީގައި ހުއްޓެވެ. ރީތި އަންހެން ކުއްޖެކެވެ. ހަމުގެ ކުލަ އައްޔެވެ. ބޮޑު ދެލޯ އަނދުނުން ފަވާލާފައިވާއިރު، ތުންފަތުގައި ޖައްސާފައި ހުރީ، ގަދަ ރަތްކުލައެވެ. ރަންކުލައިގެ ފަން އިސްތަށިގަނޑު އޮތީ، އެއްފަރާތަކުން ގެނެސް، ކުރިމައްޗަށް ވައްޓާލާފައެވެ. ހިމަ ހޯލިކޮޅެއްފަދަ ހަށިގަނޑުގައި ހެދުން ރީތިކޮށް ހިފާލާފައިވާއިރު، ގައިގެ ވަނާތައް ހުރީ ރީތިކޮށް އެނގޭށެވެ. އެކުއްޖާ ލައިގެން ހުރި ހެދުން ކަކުލާއި ހަމައަށް ހުރިއިރު، ހެދުމުގެ އަތް ހުރީ، ކިރިޔާ ކޮނޑު ފޮރުވޭ ވަރަށެވެ.
ޔާނިޝް ކުރިއަށްވުރެ ބޮޑަށް އަހަރެން އޭނާ އާއި ކައިރިކޮށްލިއެވެ. އެ ކުއްޖާގެ ނަޒަރު އަހަރެންގެ އުނަގަނޑުގައި ވަށާލާފައި އޮތް ޔާނިޝްގެ އަތަށް ހުއްޓުނު ތަން ފެނުނެވެ. ހަމަ އެހާ އަވަހަށް އެ ނަޒަރު ޔާނިޝްގެ މޫނަށް ހުއްޓައިލިއެވެ. ފުން ނަޒަރެކެވެ. އެންމެ ނަޒަރަކުން އެއްހާސް ވާހަކަ ބުނެލި ކަހަލައެވެ. ޔާނިޝް އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލި ތަން ފެނުނެވެ. އެކުއްޖާ ހިނިތުންވެލަމުން އަހަންނާއި ދިމާއަށް ބަލައިލިއެވެ. އެއަށްފަހު، ޕާރސަލް ދިއްކޮށްލިއެވެ.
"މީ މަލްދާ... ޔާނިޝްގެ..." މަލްދާ އެހިސާބަށް ބުނެފައި ޔާނިޝްގެ މޫނަށް ބަލައިލިއެވެ. ޖުމްލައިގެ ބާކީބައި ފުރިހަމަކުރަން ޔާނިޝްގެ ހުއްދައަކަށް އެދޭ ފަދައިންނެވެ.
"ރުއާ... އަހަރެންގެ ވައިފް..." ޔާނިޝް އަހަރެން ތައާރަފްކޮށްދިނީ، މަލްދާ އާއި ދިމާއަށް ބަލައިލުމެއް ނެތިއެވެ.
މަލްދާ ސަލާމަށް އަތް ދިއްކޮށްލިއެވެ. އަހަރެން ސަލާންކޮށްލުމުން ޕާރސަލް އަތަށް ލައިދިނެވެ.
"އުފާވެރި ދިރިއުޅުމަކަށް އެދެން..." މަލްދާ ބުނެލިއެވެ.
އެންމެންގެ ތެރެއަށް ދިޔުމުގެ ބަދަލުގައި މަލްދާ ހިނގައިގަތީ ބޭރަށް ނުކުންނާށެވެ. އަހަންނަށް ބަލަހައްޓައިގެން ހުރެވުނެވެ. މަލްދާ ދިޔުމުން، ޔާނިޝް އަހަންނާއި ދުރަށްޖެހިލިއެވެ. ހިތުގައި އެތައް ސުވާލެއް ފުނިޖެހިގެން ދިޔައެވެ. މަލްދާއަކީ ކާކު ހެއްޔެވެ؟ ޔާނިޝް އާއި ދެމެދު އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އަހަންނާއި ގާތްވުން އެއީ ޔާނިޝް މަލްދާއަށް ދައްކަން ކުރި ކަމެއް ހެއްޔެވެ؟
ޔާނިޝްގެ އެކުވެރިން ގިނައެވެ. ދެ ޖިންސުގެ މީހުންނެވެ. ހަފްލާއަށް އައި އެންމެން އަހަންނަށް ތައާރަފްކޮށްދިނެވެ. އެކަކުގެ ނަމެއްވެސް އަހަރެންގެ ހަނދާނުގައި ނެތެވެ. މަލްދާ ފިޔަވައެވެ. ހަދިޔާތަކުން ސިޓިންގްރޫމުގައި ބަހައްޓާފައިވާ މޭޒު ފުރެމުން ދިޔައެވެ. އެ ހުރިހާ އެއްޗެއްގެ ތެރެއިންވެސް އަހަރެންގެ ޝައުގުވެރިކަން އަތުލާފައިވީ މަލްދާ ދިން ޕާރސަލެވެ. ރަތްކުލައިގެ ވިދާ ކަރުދާހަކުން ބަންދުކޮށްފައިވާ ކުޑަ ފޮށި ކަނޑައި، އެތެރޭގައި އޮތް އެއްޗެއް ބަލާހިތްވިއެވެ.
"ދަރިފުޅުމެން ކާން އަންނަންވީނު..." މަންމަ އައީ މެހެމާނުން މަދުވާން ފެށުމުންނެވެ.
"ލައްބަ... ވަރަށް ބަނޑުހައި..." ޔާނިޝް ހިނިތުންވެލިއެވެ.
މަންމަގެ ކޮނޑުމަތީގައި އަތް ބާއްވާލައިގެން ހުރެ، ކާމޭޒާއި ދިމާއަށް ޔާނިޝް ހިނގައިގަތެވެ. އަހަރެން ހުރީ ކާންވެސް ފޫހިވެފައެވެ.
"އަޅުގަނޑަކަށް ނޭނގެ ކުރަފިދެކެ ރުއާ އެހާ ބިރުގަންނަކަމެއް..." ޔާނިޝް ބުނެލިއެވެ.
"ކުރަފި އެކަންޏެއް ނޫން... ރުއާ ބިރުނުގަންނަ ދިރޭ އެއްޗެއް ނުހުންނާނެ... ހޯނެއް ފެނުނަސް އެވަރުވާނެ..." މަންމަ ހީގަތެވެ.
"އެއީ ތެދެއް؟..." އަހަންނާއި ދިމާއަށް ބަލައިލަމުން ޔާނިޝް އަހައިލީ، ޖެއްސުމުގެ ރާގަކަށެވެ. "ތި ޖެހުނީ ސައްވީސް ގަޑިއިރު ޑިއުޓީގަ ހުންނާކަށްނު..."
ގަޑިން ދަންވަރު ބާރަ ޖެހިކަން އިއުލާން ކުރީ ކޮޓަރީގައި ހުރި ގަޑިންނެވެ. ފާއިތުވަމުންދިޔަ ކޮންމެ ސިކުންތުކޮޅަކީވެސް އަހަންނަށް ވޭނެކެވެ. ގަޑީގެ ކަށި ހިނގުން ހުއްޓުވޭނެނަމަ، އެކަން އަހަރެން ކުރީމުހެވެ. އުޅެ ބޮޑުވި ގެއާއި އަލްވަދާއު ކިޔާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޔާނިޝް އާއިއެކު ގޮސް ވަންނަން އޮތީ ކޮންކަހަލަ ކޮއްޓެއްގެ ތެރެއަށް ކަމެއް އެނގޭނީ ކިހިނަކުން ހެއްޔެވެ؟
އެއްޗެހި ބަދަލުކޮށްގެން، އަހަރެން ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. ކައިވެނީގެ ހަފްލާއަށް ލީ ހެދުން އޮތީ އެނދުމަތީގައެވެ. އަހަންނަކީ ހިތަށް އެރި ތަނަކަށް އެއްޗެހި އުކާ މީހެއް ނޫނެވެ. އެކަމަކު، މިއަދު އެއްވެސް ތަނެއް ތަރުތީބު ކުރާ ހިތެއް ނުވިއެވެ. އަރައިގެން ހުރި ބޫޓާއި ބުރުގާވެސް އޮތީ، މުށިތަކުގެ މަތީގައެވެ. އަހަރެންގެ އަންނައުނުތައް އަޅާފައިވާ ފޮށްޓާއި ދިމާއަށް ބަލައިލީމެވެ. ފޮށި ހުޅުވައި، އެއިން ބައެއް އަންނައުނު މަދުކޮށްލީމެވެ.
"ކާރު އައިއްސި..." ކޮޓަރީގެ ދޮރު ހުޅުވައިލާފައި މަންމަ ބުންޏެވެ. "ޔާނިޝް އެބަ އާދޭ ދަރިފުޅުގެ ފޮށި ބަލާ..."
(ނުނިމޭ)