އުމުރުން 24 އަހަރުގެ ފްރާންސްގެ ގައުމީ ޓީމުގެ ފޯވާޑް ކަރިމް ބެންޒެމާ ލަނޑު ޖެހުމުގައި ގެންގުޅޭ ހުނަރުވެރި އުކުޅުތަކާ މެދު، މުޅި ރެއާލް މެޑްރިޑް ފަހުރުވެރިވާ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ސައިޕްރަސްގެ އަޕޮއެލް އަތުން 3- 0 އިން ރެއާލް މޮޅުވި މެޗަށްފަހު މޮރީނިޔޯ ބުނީ، މިފަހަރުގެ ލީގް ކާމިޔާބުކުރުމަށް ރެއާލްގެ ހުރިހާ ކުޅުންތެރިން ތިބީ ކެތްމަދުވެފައި ކަމަށެވެ. އަދި މިފަހަރުގެ ލީގް ކާމިޔާބު ކުރުމުގައި ޓީމުގެ ފޯވާޑް ލައިނުން ދައްކަމުން އަންނަ ކުޅުމަކީ ހިތްހަމަޖެހޭ ވަރުގެ ކުޅުމަކަށްވީއިރު، އެކުޅުންތެރިންގެ ފަހަތުގައި މުޅި ރެއާލް މެޑްރިޑް އޮތުމަކީ ހަމަޔަގީނުންވެސް އެ ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް މޮރީނިޔޯ ވަނީ ބުނެފައެވެ.
މޮރީނިޔޯ ބުނީ، ރަށުން ބޭރުގައި ރޭ އަޕޮއެލް އަތުން ރިއާލް މޮޅުވުމުގެ ފަހަތުގައި ފޯވާޑް ބެންޒެމާގެ އިތުރުން ބްރެޒިލްގެ މިޑްފީލްޑަރު ކަކާ ދެއްކި ރިތީ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މުޅި މެޗު ރެއާލްގެ ކޮންޓްރޯލްގެ ދަށުގައި އޮވެ، ބައިކޮޅަށް ގޯލެއް ނުވަދެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާ ލެވުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ދެއްކި ހިތްވަރުގަދަ ކުޅުމުގެ ސަބަބުން ކަމަށް ވެސް މޮރީނިޔޯ ބުންޏެވެ.

"އިދިކޮޅު އަޕޮއެލް އަކީ ބަލި ޓީމެއް ނޫން. އެއީ ހިތްވަރު ކުރަން ދަންނަ މޮޅު ޓީމެއް. މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރާނީ ހިތްވަރާއެކު މަސައްކަތްތަކެއް އަޕޮއެލްގެ ކުޅުންތެރިން ކުރުމުން. އަހަރެން އެކަމާ ދެބަހެއް ނުވާނަން. ވެވޭކަ ނުވެސް ނެތް،" ރިއާލް އަތުން ރޭ ބަލިވި އަޕޮއެލްގެ ކުޅުންތެރިންނަށް ތައުރީފްކޮށް މެޗަށް ފަހު މޮރީނިޔޯ ބުންޏެވެ.

ރޭގެ މެޗުގައި އަޕޮއެލް ކޮޅަށް ރިއާލްއިން މެޗުގެ ދެ ވަނަ ހާފުގައި ޖެހި ފުރަތަމަ ލަނޑު ވެސް ފެނިގެން ދިޔައީ، މެޗަށްފަހު ކޯޗް މޮރީނިޔޯ އެ ކުޅުންތެރިއަކަށް ތައުރީފްކޮށް މީޑިޔާ ކުރިމަތީގައި ވާހަކަ ދެއްކި ބްރެޒިލްގެ މިޑްފީލްޑަރު ކަކާ އެރުވި ހިސާބުންނެވެ.
ރޭގެ މެޗުގައި ރެއާލް އަށް ގޯލު ޖަހައިދިނީ ވެސް ބެންޒެމާ އާއި ކަކާ އެވެ.
މި މޮޅާއެކު ރިއާލުން ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ތަނަވެސް ކުރިއިރު، މެޗުގައި ރިއާލްއަށް ދެ ގޯލް ކާމިޔާބު ކޮށްދިން ބެންޒީމާ މެޗަށް ފަހު ބުނީ، މިލިބުނު ކާމިޔާބީއާއެކު ސެމީގެ ޖާގައެއް ކަށަވަރުވިކަމަށް އުއްމީދު ކުރާ ކަމަށާއި މިހާރު ބޭނުންވަނީ ތަށި ހޯދަން ކަމަށެވެ.

ބެންޒީމާ ރޭ ރިއާލްއަށް ކާމިޔާބު ކުރި ދެ ލަނޑާއެކު އޭނަ ވަނީ، ޗެމްޕިއަންސް ލީގުގައި މިހާތަނަށް ގޯލްޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިން ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އޭނާ ހަތް ގޯލު ޖެހިއިރު ކްރިސްޓިޔާނޯ ރޮނާލްޑޯ ޖަހާފައިވަނީ ހަ ގޯލެވެ. ޗެމްޕިއަންސްލީގުގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ 12 ގޯލް ޖަހާފައިވާ ބާސާގެ ލިއޮނަލް މެސީ އެވެ. ދެ ވަނާގައި އުޅެނީ 11 ގޯލް ޖަހައިގެން ބެޔާން މިއުނިކުގެ ފޯވާޑް މާރިޔޯ ގޮމޭޒް އެވެ.