އާ އަހަރުގެ ފުޓްބޯޅަ މޫސުމުން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުވުމަކީ ވީބީގެ ކޯޗުކަމުގައި ދެމިހުރުމަށް ލިބުނު ބޮޑު އުފަލަކާއި އިތުބާރެއް ކަމަށް އެ ޓީމުގެ ކޯޗު ތުރުކީގެ ޖޭން ވަންލީ ބުނެފި އެވެ.

ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފަހު ހާފު ނިމެނިކޮށް، މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) ޖެހި ހަމައެކަނި ލަނޑުން ޖެހިޖެހިގެން ތިން ވަނަ އަހަރަކު ވިކްޓަރީ ބަލިކޮށް މައިލޯ ޗެރިޓީ ޝީލްޑް ރޭ ހޯދިއރު ވީބީން މީގެ ކުރިން ވެސް މި ޝީލްޑް ހޯދީ ހވަންލީގެ ރިއުޝާދުގެ ދަށުންނެވެ.
މެޗަށްފަހު ގަލޮޅު ދަނޑުގައި ހުރެ ސަން އޮންލައިނަށް ދިން އިންޓަވިއުގައި ކޯޗު ބުނީ، އަމިއްލަ ގައުމާއި ލޯބިވާ އާއިލާ ދޫކޮށް މާލެއައިސް، ފުރަތަމަ ޑިވިޝަންގެ ޓީމެއްގައި މަސައްކަތްކޮށް، ޓީމަށް ރަނގަޅުނަތީޖާއެއް ހޯދައިދިނުމަކީ އޭނައަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިއުފަލުގެ ފަހަތުގައި ވަންލީގެ އާއިލާ އަބަދުވެސް ދެމިހުންނަ ކަމުގައި ފާހަގަ ކުރި އެވެ.

"އަހަރެން ވީބީއަށް ކޯޗް ކޮށްދެވީ ވަރަށް ހިތް ހަމަޖެހިގެން. ޓީމުގެ މެނޭޖްމަންޓުން އަބަދުވެސް އަހަންނަށް ހިތް ވަރު ހޯދައިދޭ. އަހަރެން މިހިރީ ވީބީއާ އެކު. ކާމިޔާބު ހޯދާދިނުމަށް ކުޅުންތެރިންނާއެކު އަތުގުޅުވާލައިގެން." ފާއިތުވި ދެ ސީޒަންގައި ވެސް ވީބީއަށް ކާމިޔާބީތައް ހޯދާދިނުމުގެ މުގުލުގައި ހުރި ކޯޗް ވަންލީ ބުންޏެވެ.

ދިވެހި ލީގާއި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ވީބީއަށް މިދިޔަ އަހަރު ކާމިޔާބު ކުރުމުގެ ފަހަތުގައި ހުރި ކޯޗެއްގެ ހައިސިއްޔަތުން ވަންލީ ބުނީ، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް މީގެ ކުރިން ވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެގޮތުން ކުޅުންތެރިން އުފެއްދުމުގައި ގިނަ މަސައްކަތް ތަކެއް ކުރެއިފައި ވާނެ ކަމަށެވެ. އަދި ވީބީއަށް ކޯޗު ކޮށްދޭން ފެށީއްސުރެ، ވީބީން އުފެދުނު މޮޅު ކުޅުންތެރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ކުޅޭތަން ފެނުމުން އުފާވާ ކަމަށްވެސް ވަންލީ ބުންޏެވެ.

"ވީބީގެ ކުޅުންތެރިންނަކީ ބުނާބަސް އަހަން ދަންނަ މޮޅެތި ކުޅުންތެރިން. ވީބީގެ މެނޭޖްމަންޓުގެ މަސައްކަތްތަކަށް އަހަރެން ތައުރީފް ކުރަން. މެނޭންމަންޓާއި ކުޅުންތެރިން އަހަރެންނާ މެދު ވަރަށް ކަމޭހިތާ. އެކަންތައްތައް އަހަރެން ހިތުގެ އަޑިން ގަބޫލް ކުރަން" ވަންލީ ބުންޏެވެ.

ވަންލީ ބުނީ، ރޭގެ މެޗުން މޮޅުވުމުގައި ޓީމުގެ ކުޅުންތެރިން ދެއްކި ރީތި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އަދި ދަނޑު މަތީގައި ކުޅުންތެރިން ދެއްކި އަހުލާގަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އެކުޅުންތެރިން ދެއްކި ރީތި ނަމޫނާގެ ސަބަބުން ކުރިއަށް އޮތްތާގައި ވީބީގައި މަޑުކުރަން ބޭނުން ވާކަމަށެވެ.