11 Aug 2022, 20:29
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ ޝަރީއަތަށް ނުފޫޒުފޯރުވަން ކަމަށް ބުނެ މޯލްޑިވްސް ލީގަލް ބިއުރޯގެ މެނޭޖިންގް ޕާޓްނާ، މުޙައްމަދު ހަލީމް ފުލުހުންނަށާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފިއެވެ.
ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ހަލީމް ސޮއިކުރައްވައި ފުލުސް އޮފީހާއި ޕީޖީ އޮފީހަށް ފޮނުވި ސިޓީގައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީންގެ ފަރާތުން އެ މައްސަލައިގައި ހެކިބަސް ދޭންތިބި މީހުންނަށް ބިރުދައްކައި ހެއްކަށް ނުފޫޒުފޯރުވުމަށް ތަފާތު އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅޭ ބައެއް މީހުންނާ ދެކޮޅަށް އެމީހުން ދިރިއުޅޭ ގައުމުތަކުގައި ފިއްތުން ކުރިމަތިކޮށް އަސޭލަމް ކެންސަލް ކުރުމުގެ ގޮތުން އެގައުމުތަކުގައި ހުރި ލޯފާމްތައް މެދުވެރިކޮށް ތަފާތު ބާވަތްތަކުގެ ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
މީގެއިތުރުން މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ޔާމީން ހެކީންނަށް ބިރުދައްކަމުން ދާ ކަމަށް ވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.
އެފަދައިން ހެކިބަސް ދޭން ހުރި މީހަކަށް ބިރުދައްކައި، ނުފޫޒުފޯރުވުމަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން އެކަން ކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މިރޭ 9:00 ގައި ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމަކީ ޖަލުން މިނިވަންވުމަށްފަހު އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.