12 Aug 2022, 10:49
"މީސް މީޑިއާ" ޕޭޖާއި ވެބްސައިޓުން ހުއްދަނެތި އެހެންނޫސްތަކުގެ ކޮންޓެންޓް ބޭނުންކުރާތީ މީޑިއާ ކައުންސިލުން އިއްޔެ އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މީޑިއާ ކައުންސިލްގެ ރައީސް މުޙައްމަދު ޝަފާއު ހަސަން ވިދާޅުވީ އެ މައްސަލަ މީޑިއާ ކައުންސިލްގެ ސަމާލުކަމަށް އައީ ކައުންސިލް މެމްބަރެއް އެކަން ފާހަގަކުރުމުން ކަމަށެވެ.
"އެހެން ނޫހެއްގެ ކޮންޓެންޓް ބޭނުންކުރާ އިރު އެ ނޫހެއްގެ އިޒުނައާ އެކު ބޭނުންކުރަ ނަމަ މައްސަލައެއް ނެތް،" އޭނަ ވިދާޅުވިއެވެ.
އެގޮތުން "އަޑަފި"އަކީވެސް ނޫސްތަކާއެކު އެއްބަސްވުމެއްގެ ދަށުން ހިންގާ އެޕެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެއްގޮތަކަށް ވެސް އެކަން ހުއްޓުވާކަށް ނޫން، އެކަމަކު ކޮޕީރައިޓާ ނުލާ ކުރުމަކީ މަނާކަމެއް ވީމަ އެ މައްސަލަ ހުށަހެޅީ،" އޭނާ ވިދާޅުވިއެވެ.
"މީސް މީޑިއާ" ވެބްސައިޓުގައި ގިނަ ނޫސްތަކެއްގެ ކޮންޓެންޓް ހުށަހަޅާފައިވެއެވެ. އަދި ނޫސް ކިއުމަށް މަހަކު 30 ރުފިޔާ ދައްކަންޖެހެއެވެ.
ޝަފާއު ވިދާޅުވީ ވެބްސައިޓަށް ދައްކަންޖެހޭ ފައިސާ ޓްރާންސްފާކުރަން ޖަހާފައިވާ އެކައުންޓް ނަންބަރަކީ އަމިއްލަ މީހެއްގެ ނަންބަރުކަމަށެވެ.
ގާނޫނުގައިވާގޮތުން ކޮޕީރައިޓާނުލާ މީހެއްގެ ލިޔުމެއް ބޭނުންކޮށްފި ނަމަ އެކަމުގެ އަދަބެއްގެ ގޮތުގައި 50،000 ރުފިޔާއާއި 30،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ.