28 Mar 2012, 17:14
ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ހަންގޭރީގެ އިސްތަވާން އުރުބާނީ ދެ ހަފުތާއެއްގެ ޗުއްޓީއެއްގައި އޭނަގެ އަމިއްލަ ގައުމަށް ހިނގައްޖެ އެވެ.
އެފްއޭއެމްގެ ރައީސް އަލީ އާޒިމް މިއަދު ވިދާޅުވީ، ޗުއްޓީ ނިންމާލުމަށް ފަހު ކޯޗު އުބާނީ އެބުރި މާލެ އަންނާނެ ކަމަށެވެ.
ޤައުމީ ފުޓްބޯޅަ ޓީމަށް އިރުޝާދު ދިނުމަށްޓަކައި އެފްއޭއެމް އިން ހަންގޭރީގެ ކޯޗް އުރުބާނީ ދެ ވަނަ ފަހަރަށް އައްޔަން ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީ ކޮޅުގެ ތެރޭގައެވެ.
އެގޮތުން ކޯޗު އުރުބާނީގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ކުޅެވުނު ހަތް ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވެސް ރަނގަޅު ނަތީޖާއެއް ގައުމީ ޓީމަށް ނުނެރެވުނު އިރު، ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ނިމިގެން ދިޔަ އޭއެފްސީ ޗެލެންޖު ކަޕުގައި ވެސް ގައުމީ ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދިފައެއް ނުވެއެވެ.
ނަމަވެސް ދެ ވަނަ ފަހަރަށް ޤައުމީ ކޯޗަކަށް ހަމަޖެއްސި އުރުބާނީ ވަނީ 2010 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް މުބާރާތުގެ ލޯ މެޑަލް ހޯދައިދީފަ އެވެ.