11 Aug 2022, 12:10
އިންޑިއާގެ ނިއު ދިއްލީއާއި ޖައްމޫ އެންޑް ކަޝްމީރުގެ ކަޓްރާއާ ދެމެދު ދަތުރުކުރާ ރޭލެއްގައި މަހުގެ ބާވަތްތައް އެކުލެވޭ ކާނާ ގެންގުޅުން މަނާކޮށްފިއެވެ.
އިންޑިއާގައި އެންމެ ބާރަށް ދުއްވާ ވަންދޭ ބާރަތު އެކްސްޕްރެސްގެ ރޭލުތަކުގެ ތެރެއިން ދިއްލީ އާއި ކަޓްރާއާ ދެމެދު ދަތުރުކުރާ ރޭލަކީ މުޅިން ވެސް 'ވެޖިޓޭރިއަން މާހައުލަކަށް' ހެދުމަށް ނިންމާފައިވާކަން އެ ރޭލުތައް ބަލަހައްޓާ އިންޑިއަން ރެއިލްވޭސް ކުންފުނިން ވަނީ އިއުލާންކޮށްފައެވެ.
އެ ބަދަލާއެކު، ރޭލުން ދަތުރުކުރާ މީހުން މަސް އެކުލެވޭ ކާނާ ރޭލަށް އެރުވުން މަނާ ވާނެއެވެ. އަދި ރޭލުގެ ބަދިގޭގައި މުޅިން ވެސް ތައްޔާރުކުރާނީ މަސް ނާޅާ ކާނާ ކަމަށާއި އެހެންކަމުން ބަދިގޭގައި ބޭނުންކުރާ ހުރިހާ ސާމާނު ވެސް ވާނީ މަހުގެ ބާވަތްތަކުގައި ޖެހިފައި ނުވާ ތަކެއްޗަށް ކަމަށް ރެއިލްވޭސް ކުންފުނިން ބުންޏެވެ.
އިންޑިއަން ރެއިލްވޭ ކޭޓަރިން އެންޑް ޓޫރިޒަމް ކޯޕަރޭޝަން (އައިއާރުސީޓީސީ)އިން ދަނީ އެގައުމުގައި ދުއްވާ އިތުރު 18 ރޭލެއްގައި ވެސް އެ ގަވާއިދު ތައާރަފް ކުރަން މަސައްކަތްކުރަމުންނެވެ.
އިންޑިއާއަކީ ކެއުމުގައި އެއްވެސް ވަރަކަށް މަސް ބޭނުން ނުކުރާ މީހުން އާބާދީގެ ނިސްބަތުން އެންމެ ގިނަ ގައުމެވެ. އެގޮތުން އެގައުމުގެ 1.38 ބިލިއަން މީހުންގެ އާބާދީގެ 20 ޕަސެންޓާއި 39 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުންނަކީ މަސް ނުކާ މީހުންނެވެ.
އިންޑިއާގައި ވަންދޭ ބާރަތު އެކްސްޕްރެސްގެ ޚިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ރޭލުތައް މިހާރު ދަތުރުކުރަނީ ދިއްލީ އާއި ކަޓްރާގެ އިތުރުން ދިއްލީ އާއި އުއްތަރަ ޕްރަދޭޝްގެ ވަރަނަސީއާ ދެމެދުގައެވެ.