ރާއްޖޭގެ ފުޓްބޯޅަ ދާންވީ މިސްރާބު ޔަގީންކަމާއެކު ބުނަލަން އެނގޭނެ އެކަކުވެސް ފުޓްބޯޅައާ ބެހޭ މައި އިދާރާ (އެފްއޭއެމް)ގައި ނެތް ކަމަށް ވިކްޓަރީގެ ކޯޗް އަލީ ސުޒެއިން ބުނެފިއެވެ.

ސަންމީޑިއާ ގްރޫޕްގެ ސަންއެފްއެމްގެ ކުޅިވަރު ޕްރޮގުރާމުގައި މިދިޔަ ހޯމަދު ވަހުގެރޭ ވާހަކަ ދައްކަމުން ކޯޗް ސުޒޭން ބުނީ، އެފްއޭއެމުން ބޭނުން ވަނީ ކޮންގޮތެއްތޯ އާންމުންނަށް އެނގޭނެ ގޮތަށް ތަފްސީލް ދެވޭނެ ވެރިޔަކު ވެސް އެއިދާރާގައި ނެތް ކަމަށެވެ.

"މިސާލަކަށް އެފްއޭއެމްގަ ޓެކްނިކަލް ގޮތުން ބެލިޔަސް، އެހެން ގޮތަކުން ބެލިޔަސް ކޮބާކަމެއް ލަނޑުދަޑިއަކީ އެމީހުންނަކަށް ނޭގެ. ސާފް ފުޓްބޯޅަ މުބާރާތް ކައިރިވީމަ ވެސް ކުއްލިއަކަށް ރައްޓެހިންތަކެއް ކައިރިއަށް ލައިގެން އޮފިޝަލުންތަކެއް ލައިގެން ޓީމް މިފޮނުވާލަނީ. މުބާރާތް ނިންމާފައި ޓީމް އެނބުރި އައުމުން މިބުނަނީ ތިމަންނަމެން ވަރަށް ހިތްހަމަޖެހެއޭ ގައުމީ ޓީމާ ދޭތެރޭ. ދިވެހި ރައްޔިތުންގެ ފައިސާ ޓީމަށް މިހަރަދު ކުރަނީ. އެކަމަކު ދިވެހި ރައްޔިތުންނެއް ހިތްހަމައެއް ނުޖެހޭ ޓީމް ނެރޭ ނަތީޖާތަކާމެދު" އެފްއޭއެމްގެ ވެރިންނަށް ފާޑުކިޔާ ކިޔަމުން ސުޒޭން ބުންޏެވެ.

އޭނާ ބުނީ، ނިމިގެން ދިޔަ އޭއެފްސީ ޗެލެންޗު ކަޕުގައި ހިނގާދިޔަ ކަންތައްތަކަށް ބާލާއިރު، ގައުމީ ކެޕްޓަން އަލީ އަޝްފާގަށް ނުކުޅެވޭކަން އެނގުނީ ޓީމު ފުރަންއޮތް ދުވަހުގެ ކުރީދުވަހު ކަމަށާއި އެހެން ނަމަވެސް ގައުމީ ޓީމުގައި އެޑްމިނިސްޓްރޭޓަރ ކިޔާ މީހެއް އެފްއޭއެމްއިން ފައިސާ ހަރަދުކޮށްގެން ހުންނަ ކަމަށް ވަންޏާ އެކަން އެވީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

"700 ނުވަތަ 800 ޑޮލަރު ހަރަދުކޮށްފަ، ހުންނަ މީހަކު އެބަހުރޭ ، އޭނަގެ ޒިމްމާއެއް އެއީ ނުކުޅެވޭ ކުޅުންތެރިންގެ ވާހަކަ އެކަން އިނގޭ ދުވަހުން ފެށިގެން ކޯޗަކަށް ހުންނަ މީހަކަށް އެންގުމަކީ، އެކަމަކު އެކަމެއް ނުވޭ. މިކަންކަމަކީ ސަމާލުކަމަށް ގެންނަން ޖެހޭ ވަރުގެ ކަންކަން" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، ދިވެހި ފުޓްބޯޅައަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތް ވުމަށް ސީޒަން ފަށާނެ ދުވަހެއް ވެސް ދުރާލާ ތިން އަހަރުދުވަހުގެ ކުރިން ޕްލޭންކޮށްގެން ނޫނީ ދިވެހި ފުޓްބޯޅައަށް ބޭނުން މިވާ ސްޕީޑެއްގައި ކުރިއަރުމުންނުދާނެ ކަމަށެވެ.

ސުޒޭން ބުނީ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ދިވެހިން ކާމިޔާބު ކުރި ހިސާބުން ފެށިގެން، ދިވެހިންގެ އުންމީދު އޮތީ ވަރަށް މަތީގައި ކަމަށާއި ސާފް ޗެންޕިއަންޝިޕަކަށް ގޮސްފިއްޔާ ދިވެހިންގެ ކުޅުންއެއީ އެންމެ ރަނގަޅު ޓީމުގެ ގޮތުގައި ކުޅެ، މުބާރާތް ކާމިޔާބު ކުރުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ބޭނުން ވާގޮތް ކަމަށް ސުޒޭން ވަނީ ފަހަގަ ކުރައްވާފައެވެ. އަދި ދާދިފަހުން ގައުމީޓީމް އިންޑިއަން އައިލެންޑް އޯސަންގޭމްސް އަށް ކުރި ދަތުރުގައި އާޒިމްގެ ރައްޓެއްސެއް ޓީމުގެ މެނޭޖަރަކަށް ލުމުން، ގައުމީ ޓީމް ހަލާކުވެގެން ދިޔަކަމަށް ވެސް ސުޒޭން ވަނީ ފާހަގަ ކުރައްވާފައެވެ.

"އެފަރުވެސް ޓީމް ތެރެއަށް ފައިސާ ވަނީ. ޓީމުގެ މަސްލަހަތު ގެއްލުނީ. އެފަހަރުވެސް ފުރަން ބުނީމަ ކުޅުންތެރިން މިބުނަނީ ތިމަންނައަށް މިފަހަރު މިލިބެނީ ކިހާވަރެއްހޭ؟ ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިން ކުރާނެ ސުވާލެއް ނޫން އޭނައަށް އެލިބެނީ ކިހާވަރެއްތޯ ބެލުމަކީ. އޭނަ ބަލާނީ އެފުރާ މުބާރާތެއްގައި ރާއްޖެއަށް ލިބެން އޮތީ ކޯންޗެއްތޯ. އެކަމަކު މިހެން މިވީ މެނޭޖަރަކަށް ދިޔަމީހާ ކުޅުންތެރިންނަށް ކިޔާދީފައި މިއޮތީ 400 ،300 އަދި 200 ޑޮލަރުން މުސާރަ ލިބޭނެ ކަމަށް. މިވެނި މިވެނި ކަމެއް ކޮއްފިޔާ. އެފަރުވެސް ކަންތައް ކުރީ ކުޅުންތެރިންނަށް ލާރީގެ ދަޅަދައްކައިގެން އެކުރާކަމެއް ކުރުމަށް" ސުޒޭން ބުންޏެވެ.

ލިޔުމާ ގުޅޭ އޯޑިއޯ