11 Aug 2022, 10:06
ފޮރިން ސާވިސް ގާނޫނުގެ ދަށުން, ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލައިފިއެވެ.
ފޮރިން މިނިސްޓަރު އެކުލަވާލެއްވި އެ ބޯޑުގައި ބޯޑުގެ ޗެއާ އަކަށް ހަމަޖައްސަވާފައިވަނީ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފްއެވެ. އަދި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ވެރިޔާގެ ގޮތުގައި މަސައްކަތް ކުރައްވާނީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީއެވެ.
ހާރިޖިއްޔާއަށް 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އަޙުމަދު ރަޝީދު، އަދި އާންމު މުވައްޒަފުންގެ ތެރެއިން ފޮރިން މިނިސްޓްރީގެ ޑެސްކް އޮފިސަރު އައިމިނަތު ސަމްރާ އަދި އެގްޒެކެޓިވް މުވައްޒަފުންގެ ތެރެއިން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އައިމިނަތު ޝިފާނާ ވަނީ އެ ބޯޑަށް އައްޔަނު ކުރައްވާފައެވެ.
ރާއްޖޭގެ ފޮރިން ސާވިސްގެ މަސައްކަތް ސިވިލް ސާވިސްއިން ވަކި ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅުމަށް ބަޔާންކޮށްފައިވާ ރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތަސްދީގުކުރައްވާފައިވަނީ މިދިޔަ 2021 ވަނަ އަހަރުގައެވެ.
ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި ގޮތް ބަލާނެއެވެ. އެ މަސައްކަތް ބަލަހައްޓަވާނެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ.
އެއާއެކު ރައީސް އަންގާ ގޮތެއްގެ މަތިން، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ތެރެއިން ފޮރިން ސާވިސްގެ ހުރިހާ ކަމެއް ހިންގުމުގެ އެންމެ އިސްވެރިއަކީ ފޮރިން މިނިސްޓަރެވެ.
ފޮރިން މިނިސްޓަރަށް އެހީތެރުވުމުގެ މަސައްކަތް ކުރާނީ ފޮރިން ސެކްރެޓަރީއެވެ. ފޮރިން ސެކްރެޓަރީއަކީ ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒެފެވެ. އެގޮތުން ފޮރިން ސާވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެ ސާވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސާވިސްއިން ބޭރު މުވައްޒަފުން ވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ ދަށުންނެވެ.
ފޮރިން ސެކްރެޓަރީކަމުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސެވެ.
ގާނޫނުގެ ދަށުން އެޑްވައިޒަރީ ބޯޑު އެކުލަވާލާފައިވާއިރު އިއްޔެ އެ ބޯޑުގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފައެވެ.