11 Aug 2022, 09:12
ދީނާ ޚިލާފުކަމެއް ހުރިކަމަށް ފާހަގަވި ގްރޭޑް އަށެއްގެ އިނގިރޭސި ފޮތަށް އިސްލާހު ގެނެސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދީނާ ޚިލާފުކަމެއް ފާހަގަވީ 2014ވަނަ އަހަރު ޗާޕުކޮށް ބޭނުންކުރަމުން އައި ފޮތަކުންކަމަށެވެ. އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު އަލަށް ޗާޕްކުރި ފޮތްތަކުގައި އެކަން އިސްލާހުކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ސްޓޮކުގައި ކުރީގެ ޗާޕުގެ ގިނަ އަދަދެއްގެ ކޮޕީ ހުރުމުން އެފޮތް ދަރިވަރުންނަށް ދިނުމަށް ގިނަ ސްކޫލުތަކަކަށް ފޮނުވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިފޮތްތައް ދޭއިރު މައްސަލަ ހުރިބައި އުނިކުރުމަށް ސްކޫލުތަކަށް ވާނީ އިރުޝާދު ދީފައި، ބެލެވޭ ގޮތުގައި އެ ދައުރުވަނީ ކުރީގެ ފޮޓޯއެއް،" އޭނާ ވިދާޅުވިއެވެ.
އެގޮތުން ސްކޫލުތަކަށް އިރުޝާދުދީފައިވަނީ "އިންޓްރޮޑަކްޝަން ޓު އިންގްލިޝް އޭސް އަ ސެކަންޑް ލެންގުއޭޖު" ވޯކްފޮތުގެ ހަތްވަނަ ސަފުހާއާއި އަށްވަނަ ސަފުހާ ކަނޑާލުމަށެވެ. އަދި ނުވަވަނަ ސަފުހާގެ މަތީގައި ހުސް ކަރުދާސްގަނޑެއް އަޅާ ނިވާކުރުމަށެވެ.
މިފަދަ މައްސަލަތައް ސްކޫލު ކުދިންގެ ފޮތްކަތުން ފާހަގަކުރެވިގެން މީގެ ކުރިން ވެސް އިސްލާހުގެނެސްފައިވެއެވެ.