ނިއުދިއްލީ (މާޗް 28): ޢަސްކަރީ ވެހިކަލްތަކެއް ގަތުމުގެ މައްސަލާގައި އިންޑިއާ ސިފައިންގެ ބައެއް އޮފިސަރުން 2.8 މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރުމަށް އެ ޤައުމުގެ ދިފާޢީ ވަޒީރު އޭކޭ އެންތަނީ އަމުރުކުރައްވައިފި އެވެ.

އެންތަނީ މިކަމަށް އަމުރުކުރެއްވީ ސިފައިންގެ ވެރިޔާ ޖެނެރަލް ވީކޭ ސިންގް ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މިތުހުމަތުކުރެއްވުމާ ގުޅިގެންނެވެ. އެންތަނީ ވިދާޅުވީ އެ މައްސަލަ ބެލުން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާ ހަވާލުކޮށްފައިވާނެ ކަމަށާއި މިއީ ވަރަށް ސީރިޔަސް މައްސަލައެއް ކަމުގަ އެވެ. އިންޑިޔާ ސިފައިންގެ ކޮމާންޑަރު ޖެނެރަލް ވީކޭ ސިންގް ހޯމަ ދުވަހު ވިދާޅުވީ އިންޑިޔާ ސިފައިންނަށް ބޭނުންވާ 600 ވެހިކަލް ވިއްކުމަށް ހުށަހެޅި ކުންފުންޏެއްގެ މީހަކު ރިޝްވަތު ދޭން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރިން ހިނގާފައިވާ ރިޝްވަތުގެ މިމައްސަލައިގެ މަޢްލޫމާތު ދިފާޢީ ވަޒީރު އެންތަނީއަށް، ސިންގް ކުރިން ދެއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު މިހާތަނަށް ވެސް މިކަން ތަހުގީގުކޮށްފައި ނުވާތީ އިންޑިޔާގެ ޕާލަމެންޓް ލޮކްސޮބާ އިން މިކަމުގައި އެންތަނީއާ ސުވާލުކުރާނެ ކަމަށްވަނީ ބެލެވިފަ އެވެ. އަދި އިދިކޮޅު ފާރާތްތަކުގެ ވަރަށްބޮޑު ފިއްތުންތަކެއް ވެސް މިކަމުގެ ސަބަބުން އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގެ ސަރުކާރަށް އަންނާނެ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ. (ރޮއިޓާސް)