ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު ރ. މީދޫ އާއި އެއަތޮޅު މަޑުއްވަރީ ކައުންސިލްތަކުގެ ބައެއް ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މި ދެ ރަށުގެ ރައްޔިތުންގެ ފަރާތުން މެންބަރުން ރައީސް ވަހީދަށް ތަހުނިޔާ ދެންނެވިއެވެ. އަދި މި މަހުގެ 19 ވަނަ ދުވަހު ރައީސް ވަހީދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމުގައި ދެއްކެވި ސާބިތުކަމާއި ހިތްވަރަށް ތަޢުރީފް ކުރެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި މި ދެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ މައްސަލަތަކާބެހޭ މަޢުލޫމާތާއި، ރައްޔިތުންގެ ކަންބޮޑުވުންތައް، މެންބަރުން ރައީސާ ހިއްސާ ކުރެއްވިއެވެ. އެގޮތުން، ކަރަންޓްގެ ޚިދުމަތާއި ރަށް ގިރުމުގެ މައްސަލަ އާއި ފާހަގަކުރި އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ޙައްލު ކުރެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި، މިވަގުތު ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކޮށްދެއްވުމަށް މިހާރު ކުރެއްވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މީދޫ އާއި މަޑުއްވަރީއަށް ދަތުރުފުޅެއް ކުރެއްވުމަށް އެދި ރައީސަށް ދައުވަތު އެރުވި އެވެ.