މިއަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑުކަޕް ކުރިން ފަށަން ހަމަޖެހިފައިވާ ތާރީޚްގެ އެއް ދުވަސް ކުރިން ފަށަން ފީފާއިން ނިންމައިފިއެވެ.

އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވޯލްޑުކަޕް ފަށަން ކުރިން ނިންމައިފައިވީ ނަމަވެސް ފީފާއިން ގެނައި ބަދަލާއެކު ވޯލްޑުކަޕް ފަށާ ތާރީޚަކީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަސްކަމަށް ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ނޫހުން ބުނެފައިވަނީ ފީފާއިން އެގޮތަށް ނިންމީ މުބާރާތް ބާއްވާ ގައުމުކަމަށްވާ ގަތަރަށް މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ މެޗު ކުޅުމުގެ ފުރުސަތު ދިނުމަށެވެ.

އެ ބަދަލާއެކު ފުރަތަމަ މެޗުގައި ގަތަރާ ދެކޮޅަށް ނޮވެމްބަރު 20 ވަނަ ދުވަހު ކުޅެންޖެހޭނީ އެކުއެޑޯއަށެވެ. ކުރިން އެ މެޗު ތާވަލު ކުރެވިފައިވަނީ މުބާރާތުގެ ތިން ވަނަ މެޗުގެ ގޮތުގައި ނޮވެމްބަރު 21 ވަނަ ދުވަހުގެ ރާއްޖެ ގަޑިން 21:00 ގައެވެ.

ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެ ބަދަލާއެކު ނެދަލެންޑާއި ސެނެގާލް ބައްދަލު ކުރާ މެޗު މިހާރު ތާވަލު ކުރެވިފައިވާ ގަޑިއަށް ބަދަލު އަންނާނެއެވެ. ކުރިން މުބާރާތުގެ ފުރަތަމަ މެޗުގެ ގޮތުގައި ތާވަލު ކުރެވިފައިވާ އެ މެޗު މުބާރާތުގެ ތިން ވަނަ މެޗަށް ބަދަލުކޮށް 15:00 ގައި ފަށަން ކުރިން ނިންމާފައިވާ މެޗު އެ ރޭ 21:00ގައި ފަށާ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

މިއަހަރުގެ ވޯލްޑުކަޕަށް ގަތަރުން ބޮޑު ހޭދައެއް ކުރާއިރު އެ ގަައުމުން ރަނގަޅު ފެންވަރެއްގެ ބޮޑު މުބާރާތެއް ބޭއްވޭނެ ކަމުގެ ޔަގީންކަންދެއެވެ. އެ ގައުމުން އަންނަނީ ވޯލްޑުކަޕް ކުޅުމަށް އާ ސްޓޭޑިއަމްތަކާއި އެކޮމަޑޭޝަން ބްލޮކްތަކުގެ އިތުރުން ވޯލްޑުކަޕަށް ހާއްސަކޮށް އެތައް ކަމެއް ކުރަމުންނެވެ.