10 Aug 2022, 15:12
މުޅި ރާއްޖޭގައި ޕޮލިސް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބިންގާ މިއަދު އަޅައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީގެ ދައުވަތުފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެގައުމަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމާގުޅޭ ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.
އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު، ޕޮލިސް އިންފްރާސްޓްރަކްޗާ ތަރައްޤީކުރުމަށް ރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.
ޕޮލިސް އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ މިއަދު ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.
އެ މަޝްރޫޢުގެ ދަށުން ރަށްރަށާއި އަތޮޅު ޕޮލިސް ސްޓޭޝަން، ޑިވިޜަނަލް ހެޑްކުއާޓާ، ޕޮލިސް ޕޯސްޓް އަދި ޑިޓެންޝަން ފެސިލިޓީ ހިމެނޭ ގޮތަށް ޖުމްލަ 61 ފެސިލިޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަޝްރޫއުގެ ޑިޒައިނާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ފުލުހުން ވަނީ އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ މިދިޔަ ޖުލައި މަހު ހަވާލުކޮށްފައެވެ.
ހޯމް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ މަގުސަދަކީ ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން ކަމަށެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުންގެ އިތުރުން ފަތުރުވެރިންނަށްވެސް ލުއިފަސޭހައާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފުލުހުންގެ ވަސީލަތްތައް ގާއިމްކުރުމާއި ހުރިހާ ކަސްޓޯޑިއަލް ފެސިލިޓީއަކަށް ބޭނުންވާ ބައިނަލްއަޤްވާމީ މިންގަނޑުތައް ހިފެހެއްޓުން ހިމެނޭ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ބަޔާސް ކްރެޑިޓް ސްކީމްގެ ދަށުން ހިންގާ 41 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
އެ މަޝްރޫއު އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ މި އަހަރުގެ މާޗު މަހު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ޒިޔާރާތެއްގައެވެ.