"މިޝޫ..." މާކިންއަށް ގޮވައިލެވުނެވެ. އެމީހުން ފެނުމާއެކު މިޝްޔާއަށް ފަހަތަށް އެއް ފިޔަވަޅު އަޅައިލެވުނެވެ. މާކިންވެސް އެ ދިމާލަށް ގޮސް މިޝްޔާގެ ކައިރީގައި މަޑުކޮށްލިއެވެ. އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރި އަސަރުތަކުން މާކިންވެސް ޖެހިލުންވިއެވެ.

މިޝްޔާގެ މޫނުމަތިންވެސް ނުތަނަވަސްކަމުގެ އަސަރުތައް ފެންނަން ފެށިއެވެ. މާކިންއަށް މިޝްޔާއަށް ބަލައިލެވުނެވެ. އެ މޫނުމަތީގައިވީ އަސަރުތަލުން މިޝްޔާއަށް އެމީހުން އެނގޭކަން މާކިންއަށް ދެނެގަނެވުނެވެ.

"މިޝްޔާ.." އެއް ޒުވާނަަކު މިޝްޔާއަށް ގޮވައިލިއެވެ.

"އަރޭ..." މިޝްޔާގެ ތުންފަތް ފޫދުއްވާލަފައި އެ ބަސް ނުކުތުމާއެކު، މާކިންއަށް އަނެއްކާވެސް ބަލައިލެވުނީ މިޝްޔާއަށެވެ.

"ބޭނުންހާ ކަމެއް ކޮށްފަ ފިލައިގެނެއް ނޫޅެވޭނެ ކަން ހަނދާންކުރެއްޗޭ އޭރުވެސް މަ ބުނިން." އަރޭ ރުޅިވެރިކަމާއެކު ބުނެލިއެވެ.

"އަހަރެން ފިލައިގެނެއް ނޫޅޭނަން. ފަހުން ވާހަކަ ދެއްކި ދާނެތަ؟" މިޝްޔާ މާކިންއަށް ބަލައިލުމަށްފަހު، އަރޭއާ ދިމާލަށް ބުނެލިއެވެ.

"ކިހިނެއްވެގެން ތިއުޅެނީ؟" މާކިން ސުވާލުކޮށްލިއެވެ.

"ކަމެއް ނުވޭ!... ދޮންބޭ.... ހިނގާ..." މިޝްޔާ އެހެން ބުނެލީ ހާސްކަމާއެކުގައެވެ.

"އޭތް. ތިހެން އަދި ފާޑު ފާޑަކަށް ނުދެވޭނެ އިނގޭ... އަހަރެމެންގެ ލާރި އަހަރެމެންނަށް ދީ..." އަރޭ މިޝްޔާގެ ކުރި ބެއްދިއެވެ.

"ލާރިޔޭ... ކޮން ލާރިއެއް މިޝޫ؟" މާކިން އަށް ސުވާލުކޮށްލެވުނެވެ. މާކިން އެ ސުވާލުކުރުމާއެކު، އަރޭ މާކިންއާ ދިމާލަށް ހުތުރު ބަހެއް ބުނެލިއެވެ.

"ދޮންބޭ...." އެއްޗެއް ނުބުނެ ހުރުމަށް މިޝްޔާ މާކިންއަށް އިޝާރާތްކޮށްލީ އަރޭ މެންނަކީ ކިހާވަރެއްގެ ބައެއްކަން އޭނާއަށް އެނގޭތީއެވެ. ބަޔަކަށް އަނިޔާ ވެރިވާން ވެސް އެމީހުން ފަހެއް ނުޖެހޭނެއެވެ.

"ހަނދާންކުރާތި! މީ އެންމެ ފަހުގެ އިންޒާރު. ކުރިއަށް އޮތް ހަފްތާ ތެރޭގައި ލާރި ނުދީފިނަމަ ކަލެއާ މިހިރަ މީހާގެ ދުވަސް ދުއްވާލާނަން..." މިޝްޔާއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ އިންޒާރެއް ދިނުމަށްފަހު، އަރޭ އެ ތަނުން ދާން ހިނގައިގަތުމާއެކު، ދެން ހުރި ޒުވާނާވެސް ހިނގައިގަތެވެ. އެމީހުން ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު، މާކިން މިޝްޔާއަށް ބަލައިލީ ހުރިހާ ވާހަކައެއް ކިޔައިދޭށޭ ބުނާ ފަދަ ގޮތަކަށެވެ. މިޝްޔާ އިސްޖަހައިލިއެވެ.

"އަދި ކިތައް ކަންތައް މިޝްޔާ ސިއްރުކޮށްފަވާނެ؟" މާކިންއަށް ވާހަކަ ދެއްކުނީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލީ ހަށިގަނޑުގައި ހުރި އުދާސްކަން ފިލުވައިލުމުގެ ބޭނުމުގައި ނަމަވެސް، އެކަމުން ވެސް އޭނާގެ ނަފްސަށް ލުޔެއް ނުލިބުނެވެ. ހައްތަހާ ހާސްވުން ނޫންކަމެއް ނުވިއެވެ. މާކިންގެ އަޑުގައި ހުރި ހިތްހަމަ ނުޖެހުމުން މިޝްޔާއަށް އިސްޖަހައިލެވުނެވެ.

"ކީއްވެގެން މިޝްޔާ އެމީހުންނަށް ލާރި ދޭން ޖެހިފައި އޮތީ؟" މާކިން ދުވަހަކުވެސް ބޭނުން ނުކުރާ ގޮތަަކަށް އޭނާގެ ފުރިހަމަ ނަމުން ކިޔުމުންވެސް މިޝްޔާއަށް މާކިންގެ ރުޅިގަނޑު އަންދާޒާ ކޮށްލެވުނެވެ. މާކިންގެ އެ ސުވާލަށް ޖަވާބު ދޭނީ ކިހިނެއްކަން ނޭނގި މިޝްޔާއަށް ހަމަހިމޭންކަން ޚިޔާރުކުރެވުނެވެ.

"މިޝްޔާ... އަހަރެން އެބަ ސުވާލެއް ކުރަމޭ..." މާކިން ދެވަނަ ފަހަރަށް ވެސް ސުވާލު ތަކުރާރުކޮށްލިއެވެ.

"އެއީ... އެއީ... އަހަރެން އެމީހުން އަތުން ނެގި ޑްރަގް ތަކަށް ލާރި ނުދީގެން..." އިސްޖަހާލައިގެން ހުރި ގޮތަށްހުރެ މިޝްޔާ ބުނެލިއެވެ. އިސްއުފުލައިލާ މާކިންއަށް ބަލައިލާނެހާ ހިތްވަރެއްވެސް މިޝްޔާއަކަށް ނުލިބުނެވެ.

"އަހަރެން އެ ލާރި އެމީހުންނަށް ދީފިއްޔާ ދެން އެކަހަލަ ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން މިޝްޔާއަށް ދެވޭނެތަ؟ ޑްރަގް ބޭނުން ނުކުރާނެކަމުގެ ޔަޤީންކަން ދެވޭނެތަ؟" އިސްޖަހާލައިގެން ހުރި މިޝްޔާއަށް ބަލައިލަމުން މާކިން ބުނެލިއެވެ. މިޝްޔާ މި ފަހަރުވެސް ޚިޔާރުކުރީ ހަމަހިމޭންކަމެވެ. އޭނާއަށް އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް އިތުބާރެއް ނެތެވެ. އިތުބާރު ނެތްކަމެއްގެ މައްޗަށް އޭނާ މާކިންއަށް އާބަސް ދޭނީ ކިހިނަކުންހެއްޔެވެ؟ މާކިން އޭނާއަށް ކުރި އިތުބާރު މިހާރުވެސް ވަނީ ގެއްލިފައެވެ. އެ ދެމެދުގައި ނުތަނަވަސްކަން އުފެދުނީ އޭނާގެ ސަބަބުންނެވެ. މިޝްޔާގެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އޭނާ އަތުގެ ނުފުށުން ކަރުނަތައް ފުހެލިއެވެ. އެ މަންޒަރު މާކިންއަށް ރީތިކޮށް ފެނުނެވެ.

"އެކަންތައް ނުކުރެވޭނެޔޭތަ ތިބުނަނީ؟" މާކިން ފުންނޭވާއެއް ދޫކޮށްލަމުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ.

"ހިނގާ ދާން..." ކާރަށް އަރާ އިށީނުމަށްފަހު، ހުންގާނަށް ބާރުކޮށްލަމުން މާކިން މަޑުކޮށްލީ މިޝްޔާ އަރަން ދެނެވެ.

އޭނާ އެހެން އިންނަތާ އިރުކޮޅެއް ފަހުން ކާރުގެ ފަހަތު ސީޓު ހުޅުވާލާފައި މިޝްޔާ އެރީ ފަހަތަށެވެ. މާކިން އިތުރު އެއްޗެއް ނުބުނެ ކާރު ދުއްވައިލިއެވެ. އޭނާ އިރުއިރުކޮޅަކާ ލޯގަނޑުން މިޝްޔާއަށް ބަލައިލައެވެ. މިޝްޔާ އިނީ ލޯގަނޑުން ބޭރު ބަލަހައްޓައިގެން ސީޓުގައި ލެނގިލައިގެންނެވެ. ބަލާބެލުމަށް ހީވަނީ ބޮޑު ވިސްނުމަކަށް ގެއްލިފައި އިން ހެންނެވެ.

*****

ނައިރާ ރީތިވެގެން ކޮޓަރިން ނުކުތްއިރު، ރިއުމާ ސިޓިން ރޫމު ސޯފާގައި ޓީވީ ދޮށުގައި އިނެވެ.

"ދައްތާ... ނައިރާ ރިއުމާއަށް ގޮވައިލިއެވެ.

"ރެޑީވީތަ؟" ރިއުމާ އެނބުރިލަމުން ނައިރާއަށް ބުނެލިއެވެ.

"ހޫމް"

"ދައްތަވެސް ދާންވީތަ ނައިރާއާ އެކީ؟" ރިއުމާ ސުވާލުކޮށްލިއެވެ.

"ނޫނޭ... އޯކޭވާނެ. އެޑްރެސް ބުނެދީބަލަ އަދި އެއްފަހަރު؟" ނައިރާ ބޭނުންވީ އޭނާ އެކަނި ދާށެވެ.

"ފްލާވާސް އެޕާރޓްމެންޓްގެ ހަތަރު ވަނަ ފްލޯ އޭ ބުނީ..." ރިއުމާ ބުނެލިއެވެ. ނައިރާ ހިނިތުންވެލުމަށްފަހު، ގެއިން ނުކުތުމުންވެސް ރިއުމާއަށް ދޮރާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ.

ގެއިން ނުކުމެގެން ޓެކްސީއެއް ނެގުމަށްފަހު، ނައިރާ ދާންވީތަން ބުނެލިއެވެ. ޓެކްސީގައި އިންއިރުވެސް އޭނާއަށް ގިނަވަގުތު އިނދެވެނީ ވިސްނުމަކަށް ގެއްލިފައެވެ. ގެއާ ހިސާބަށް އައިސް ކާރު މަޑުކޮށްލިއިރުވެސް ނައިރާ އަކަށް ނޭނގުނެވެ. އޭނާއަށް ހޭވެރިކަންވީ ޑްރައިވަރު ވާހަކަ ދެއްކުމާއެކުގައެވެ.

"އޯހް... ސޮރީ..." އަވަސް އަވަހަށްއަދް ދަބަސް ތެރޭގައި އޮތް ވޮލެޓް ނެގުމަށްފަހު، ލާރި ނަގާ ޑްރައިވަރަށް ދިނުމަށްފަހު، ނައިރާ ފޭބިއެވެ. އެއަށްފަހު އޭނާ ހަތްބުރިއަށް ނަގާފައިވާ އެގެއަށް ބަލައިލިއެވެ. ދޮރުކައިރިއަށް ހުއްޓުނު ނައިރާގެ ހިތުގެ ތެޅުން ވެސް ވަނީ އިންތިހާ ބާރުވެފައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، އޭނާ ދޮރުފަތް ހުޅުވައިލުމަށްފަހު، އެތެރެއަށް ވަދެލިއެވެ. އެއަށްފަހު އޭނާ ސިޑިން މައްޗަށް އަރަން ފެށިއެވެ. ހަތަރު ވަނަ ފްލޯއަށް އެރުނުއިރު އޭނާ ހުރީ ވަރުބަލި ވެފައިނަމަވެސް، އެކަމަށް މާ ބޮޑު ސަލާމުކަމެއް ނުދެވުނެވެ. ނުތަނަވަސްވެފައިވާ އޭނާގެ ހިތް ހަމައަކަށް އަޅުވަން ނައިރާ މަސައްކަތް ކުރަމުން ދިޔައެވެ. ދޮރުގައި ޓަކި ޖަހައިލުމާއެކު އޭނާ މަޑުކޮށްލިއެވެ. ހާސްވެފައިހުރިވަރުން ކަންނޭނގެއެވެ. އޭނާގެ ދެއަތާ ދެފައިގައިވެސް ތުރުތުރު އެޅުމެއް ހުއްޓެވެ. ޓަކި ޖަހައިލިތާ މާގިނަ އިރެއްނުވެ ދޮރު ހުޅުވައިލައިފިއެވެ.

ނައިރާއަށް ޒުބައިދާ ފެނުމާއެކު ހިނިތުންވެވުނު ނަމަވެސް، ޒުބައިދާގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ނައިރާއަކަށް ނުފެނުނެވެ.

"މަންމާ..." އެއްޗެއް ނުބުނެ ޒުބައިދާ ހުންނަން ފެށުމުން ނައިރާ ޒުބައިދާއަށް ގޮވައިލިއެވެ.

"ނައިރާ... ކީއްކުރަނީ ތީ؟" ޒުބައިދާ ސުވާލުކޮށްލިއެވެ.

"މަންމާ... ކިހިނެއްތަ؟" ނައިރާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ރަނގަޅު... ކިހިނެއް މިގެ ހޯދީ؟" ޒުބައިދާއަށް ސުވާލުކޮށްލެވުނެވެ.

"އެތެރެއަށް ވަންނަންވެސް ނުބުނާނަންތަ؟" އަސަރުން ފުރިގެންވީ ބެލުމަކުން ޒުބައިދާއަށް ބަލައިލިއެވެ. އެ މަންމަގެ އޯގާތެރި ފިރުމުންތަކަށް އެދެވެން ފެށިއެވެ. އެހެންނަމަވެސް ނައިރާ ކެތްތެރިކަން އިސްކުރިއެވެ. ހިތުގައި ރިއްސަމުން ދިޔަނަމަވެސް، އެ އަސަރުތައް މޫނުމަތިން ފާޅުނުކޮށް ވޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ.

"ވަދޭ..." ދޮރު ހުޅުވައިލަމުން ނައިރާ ވަންނަން ތަން ދައްކަމުން ޒުބައިދާ ބުނެލިއެވެ. ނައިރާ ފައިވާން ބޭރުގައި ބަހައްޓާލާފައި އެތެރެއަށް ވަދެލިއެވެ.

އޭނާ ވަށައިގެން އެ އެޕާރޓްމެންޓަށް ބަލައިލިއެވެ. މާ ބޮޑު އެޕާރޓްމެންޓެއް ނޫނެވެ. އެއް ކޮޓަރީގެ އެ އެޕާރޓްމެންޓަކީ ދެމަފިރިން އެކުގައި އުޅެލަން ހެޔޮވަރު ވަރުގެ އެޕާރޓްމެންޓެކެވެ. ދެމީހުންނަށް އިށީނދެވޭ ވަރުގެ ސޯފާސެޓެއް ސިޓިންރޫމުގައި ބެހެއްޓިފައިވާއިރު، ފާރުގައި ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. ސޯފާގެ އެއްފަރާތުގައި ކާ މޭޒާ ގޮނޑި ބެހެއްޓިފައިވާއިރު އޭގެ ބިއްދޮށުގައިވަނީ ކައްކާ ބައެވެ.

"އިށީނދޭ..." ނައިރާއަށް ބަލައިލުމަށްފަހު، ސޯފާތަކާ ދިމާލަށް އިޝާރާތްކޮށްލަމުން ޒުބައިދާ ބުނެލިއެވެ. ނައިރާ ސޯފާގައި އިށީނދެލުމާއެކު ޒުބައިދާ ސުވާލުކޮށްލިއެވެ.

"ކީއްކުރަން ނައިރާ ތިއައީ؟" ޒުބައިދާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއް ހުއްޓެވެ.

"އަހަރެން... މަންމަ..." ނައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޒުބައިދާ ގެ ރާގުން އޭނާ ހިތުގައި ޖެހުނެވެ. ދެމީހުން ކުރެ އެކަކަށްވެސް އިތުރު އެއްޗެއް ނުބުނެވި އުލެނިކޮށް ބޭރު ދޮރުގައި ތަޅުދަނޑު ޖަހައި މީހަކު ދޮރު ހުޅުވައިލިއެވެ. އެމީހަކު އެތެރެއަށް ވަނުމާއެކު ނައިރާއަށް ބަލައިލެވުނެވެ.

(ނުނިމޭ)